ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިޓަލީގެ ދެ ޓީމު އެއް ފަޅިއަކަށް އަދި ގަދަ ތިން ޓީމެއް ޗެމްޕިއަން ރެއާލް މެޑްރިޑާއެކު އަނެއް ފަޅި އަށް ހިނގައްޖެ އެވެ.
ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތުގެ ގުރު ނެގިއިރު އިޓަލީގެ ޗެމްޕިއަން އޭސީ މިލާނާއި އިންޓަމިލާން ހިމެނުނީ އެއްފަޅިއެއްގަ އެވެ. އޭސީ މިލާން ކުޅެން ޖެހޭނީ އިޓަލީގެ ނަޕޯލީއާ އެވެ. އިންޓަ ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށެވެ. މިހެންވެ ފައިނަލަށް އިޓަލީގެ ދެ ޓީމަކަށް ނުދެވޭނެ އެވެ.
ޗެމްޕިއަން ރެއާލް މެޑްރިޑް ކުއާޓާ ފައިނަލުގައި ވާދަކުރާނީ އިނގިރޭސިވިލާތުގެ ޗެލްސީއާ އެވެ. ޕްރެމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވާދަކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެވެ. މިހެންވެ ފައިނަލަށްދާނީ މީގެ ތެރެއިން ކޮންމެވެސް އެއް ޓީމެކެވެ.
![](https://dyncz33htw1ec.cloudfront.net/posts/6f78afb8-c97d-4a7a-86e4-f3b4f082300e.png)
ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާނީ ސްޕޭނުގެ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސެވިއްޔާއާ އެވެ. އިޓަލީގެ ޔުވެންޓަސް ވާދަކުރާނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ އެވެ.
ޖަރުމަނުގެ ބަޔާން ލެވަކޫސަންއާ ދެކޮޅަށް ނުކުންނާނީ ޔޫނިއަން ސައިންޓެވެ. ފޭނޫޑާ ދެކޮޅަށް ކުޅޭނީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ އިޓަލީގެ ރޯމާ އެވެ. އެ ޓީމަކީ މިދިޔަ އަހަރުގެ ތައާރަފްކުރި ޔޫއޭފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްގެން ޔޫރޮޕާ ލީގުން އޮޓެމެޓިކް ޖާގައެއް ހޯދި ޓީމެވެ. ކޮންފަރެންސް ލީގަކީ ޔޫރަޕުގެ ތިން ވަނަ ފަންތީގެ މުބާރާތެވެ.