Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 11:38
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޝަރީއަތަށް ގެންދަނީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޝަރީއަތަށް ގެންދަނީ
ރާއްޖެ އެމްވީ
އަދީބުގެ ސިއްހީ ހާލަތު
އަދީބުގެ ސިއްހީ ހާލުކޮޅާ މެދު އިހްމާލުވެފައިވާ ކަމަށް ބުނެ ބަލާ މައްސަލަ ނުނިމޭ: އެޗްއާރްސީއެމް
އަދީބުގެ މައްސަލަ ބަލާ ނުނިމޭ
ކިޑްނީ ހިލަ، އެތެރެހަށީގައި ސިސްޓް، ގްލޮކޮމާ ބަލި ލޮލަށް ޖެހިފަ
ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ގެއްލުންވޭ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ އޭނާގެ އާއިލާގެ ފަރާތުން އެޗްއާރްސީއެމް އަށް ހުށަހަޅާފައިވާ މައްސަލަ ބަލާ ނުނިމޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ހައްވާ ވަޖުދާ ވިދާޅުވީ، އަދީބުގެ އައިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އެކޮމިޝަނުން ބަލަމުންދާ ކަމަށާއި އެ މައްސަލައަކީ ބަލަމުންދާ މައްސަލައަކަށް ވާތީ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ހުށަހެޅި މައްސަލައިގައި ވަނީ އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރަށް ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ގްލޮކޮމާ ޖެހިފައިވާކަން ހާމަކޮށްފައިފަ އެވެ.

އެޗްއާރްސީއެމްއަށް ހުށަހެޅި ސިޓީއާ ގުޅޭ ގޮތުން އައިލާއިން އެންމެ ފަހުން މައުލޫމާތު ސާފުކުރުމުން، އެ މައްސަލައިގެ ތަހުގީގު ނިމި، ތަހުގީގީ ރިޕޯޓް އެކޮމިޝަނުގެ ބޯޑަށް ހުށަހެޅުމަށް ތައްޔާރު ކުރެވިފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

އަދީބުގެ އައިލާއިން ހުށަހަޅާފައިވާ ސިޓީގައި ވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެކަމުގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލު ކަމަށް އެކަަންކަން ގެނެސްފަ އެވެ. އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައިނުވާ ކަމަށް ވެސް އަދީބުގެ އަނބިކަނބަލުން އެޗްއާރްސީއެމް އަށް ފޮނުވި ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

އަދީބުގެ ބޭސްފަރުވާތަކަކީ ރާއްޖެއިން ފަރުވާކުރެވޭ ކަންތައްތަކަށް ނުވާ އިރު އޭނާގެ ބޭސްފަރުވާއަށް ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ، އަދީބުގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް ނާޅާ ކަމަށާއި އެހެން ނަމަވެސް އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި މިހާރު ޝަރީއަތް ހިންގާ މައްސަލަތަކަށް ބަލާ އިރު ރާއްޖެއިން އޭނާ ފޮނުވެން ނެއް ކަމަށެވެ. އެއީ އަދީބު ބޭސްފަރުވާއަށް ދައުލަތުން ފޮނުވައިފި ނަމަ އެކަން ވެގެންދާނީ އެމަނިކުފާނު ފިއްލަވަން ދެވޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވެސް އަނިލް ވިދާޅުވެފައި ވެ އެވެ.

އަދީބަށް ބޭސްފަރުވާ ދިނުމަށް ޑޮކްޓަރުން ބޭރުން ގެނެސްގެން އަދީބަށް ފަރުވާ ނުދީފި ނަމަ އެކަން ބަލާނެ މުއައްސަސާތައް ރާއްޖޭގައި ހުރި ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

އަދީބުގެ ބޭސްފަރުވާގެ މައްސަލައާ ގުޅޭ ގޮތުން އޭނާގެ ގާނޫނީ ވަކީލުން ވަނީ އަދީބަށް އަވަހަށް ބޭސްފަރުވާ ނުދީފި ނަމަ އޭނާ ޖަލުގެ ގޮޅީގައި އަވަހާރަވެދާނެ ކަމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އަދީބުގެ ސިއްހީ ފަރުވާގެ މައްސަލައާ ގުޅިގެން އދ. އަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ އިރު އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވި ޝައީއަތްތައްވެސް ދަނީ ހިންގަމުންނެވެ. އަދީބުގެ މައްޗަށް މިހާތަނަށް ހުކުމްކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ވައްކަމުގައި އެންމެ އިސް ދައުރެއް އަދާކުރި މައްސަލައާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ މައްސަލައިގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް