Advertisement
ކ. މާލެ
|
4 ޖުލައި 2017 | އަންގާރަ 09:58
ވޯލްޑް ސްކޮލާސްކަޕްގައި ޣިޔާސުއްދީން ބައިވެރިވި ދަރިވަރުން އެއާޕޯޓުގައި--
ވޯލްޑް ސްކޮލާސްކަޕްގައި ޣިޔާސުއްދީން ބައިވެރިވި ދަރިވަރުން އެއާޕޯޓުގައި--
ރާއްޖެއެމްވީ
ވޯލްޑް ސްކޯލާސް ކަޕް
ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް
މި މުބަރާތުގައި ދެން އޮންނާނީ ޗެމްޕިއަންޝިޕް ރައުންޑް

ވޯލްޑް ސްކޯލާސް ކަޕްގައި، ޣިޔާސުއްދީން އިންޓަނޭޝަނަލާއި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުން ފަޚުރުވެރި ކާމިޔާބީތަކަކާ އެކު ރާއްޖެ އަތުވެއްޖެ އެވެ.

 

އެމެރިކާގެ ޑެމިޑެކް ކުންފުނިން، 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށް ބާއްވަމުން އަންނަ އެކެޑެމިކް މުބާރާތުގެ ގްލޯބަލް ރައުންޑްގައި ވާދަކޮށް ޣިޔާސުއްދީން އަދި ބިލަބޮންގ ހޯދި ކާމިޔާބީ އެކު މުބަރާތުގެ ބައިވެރިން މާލެ އައީ އަންގާރަ ދުވަހުގެ ހެނދުނެވެ.

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިޒްމީނާ ފަހީމް ވިދާޅުވީ މިއަހަރުގެ މުބާރާތުގެ ރީޖަނަލް ރައުންޑު ޣިޔާސުއްދީންގައި ބޭއްވިއިރު އެހެން ހުރިހާ ސްކޫލްތަކަށް މި ރައުންޑްގައި ބައިވެރިވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. އެގޮތުން ރީޖަނަލް ރައުންޑްގައި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލާއި އަހްމަދިއްޔާ އިންޓަނޭޝަލް ސްކޫލްގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ސްކޫލް ބައިވެރިވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. މިއަހަރު މިބާރާތުގެ ގްލޯބަލް ރައުންޑް ތިން ސަރައްދެއްގައި ބާއްވާފައިވާއިރު ރާއްޖެއިން ބައިވެރިވީ ވިއެޓްނާމް ހެނޯއީގައި ކުރިއަށްދިޔަ ބުރުގަ އެވެ. މި މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވި މުބާރާތް ކަން ޝިޒްމީނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން 3,600 ވުރެ ގިނަ ބައިވެރިން ގްލޯބަލް ރައުންޑްގައި ވާދަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތުގައި ޣިޔާސުއްދީންގެ ދަރިވަރުން ހޯދި ކާމިޔާބީގެ ފަހަތުގައި ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުން ތިބިކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

 

"މުބާރާތުގައި ދަރިވަރުން ތައްޔާރުކުރުމުގައި އުޅުއްވި ކޯޗުންނަށް ވެސް ވަނީ މުބާރާތް އިންތިޒާމް ކުރި ފަރާތުން މެޑަލެއް ވެސް އަރުވާފައި،" އޭނާ ވިދާޅުވި އެވެ.

 

އެކަޑީމިކް މި މުބާރާތުގައި ދަރިވަރުން ގްލޯބަލް ރައުންޑުގައި ވާދަކުރަނީ ރީޖަނަލް ރައުންޑުގައި ކޮލިފައިވާ ދަރިވަރުންނެވެ. އަދި ގްލޯބަލް ރައުންޑުން ކޮލިފައިވާ ޓީމްތައް ޗެމްޕިންޝިޕް ރައުންޑުގައި ވާދަކުރާނެ އެވެ.

 

ޣިޔާސުއްދީން ސްކޫލުން މި މުބާރާތުގައި ބައިވެރިވި ދަރިވަރުން ވަނީ އެކި ސަބްޖެކްޓްތަކުން މެޑަލް ހޯދާފަ އެވެ. އެ ސްކޫލުން ބައިވެރި ބައެއް ދަރިވަރުން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތަކީ ތަފާތު އެކި އާ މައުލޫމާތު ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެކެވެ. އަދި އެކި ގައުމުތަކުގެ މީހުންނާ ބައްދަލުވެ ތަފާތު ތަޖުރިބާތައް މި ދަތުރުގައި ކުރެވިގެން ދިޔަކަން ބައިވެރިން ވަނީ ފާހަގަ ކޮށްފަ އެވެ.

 

ޣިޔާސުއްދީން ސްކޫލު މިދިޔަ އަހަރު ފުރަތަމަ ފަހަރަށް މި މުބާރާތުގައި ބައިވެރިވެ، ޗެމްޕިއަންޝިޕް ރައުންޑްގައި ވާދަކޮށްފައި ވެއެވެ.

 

މިއަހަރުގެ މުބާރާތުގައި އަލަށް ބައިވެރި ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުން ވެސް ގްލޯބަލް ރައުންޑްގައި ވާދަކޮށްފައި ވެއެވެ. އެ ސްކޫލުން ޖުމްލަ 27 ދަރިވަރުންނާ އެކު ނުވަ ޓީމެއް ވަނީ ބައިވެރިކޮށްފަ އެވެ. އެ ގޮތުން ޖޫނިއާ ހަ ޓީމަކާއި ސީނިއާ ތިން ޓީމެއް އެ ސްކޫލުން ވަނީ ބައިވެރިވެފަ އެވެ.

 

ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުގެ އެކްޓިން ޕްރިންސިޕަލް މިސްބާހް އަހްމަދު ވިދާޅުވި ގޮތުގައި އެ ސްކޫލް ބައިވެރިކުރި ޓީމްތަކުގެ ތެރެއިން ޖޫނިއާ އެއް ޓީމް އަދި އަދި ސީނިއާ ތިން ޓީމް ވަނީ ޗެމްޕިއަންޝިޕް ރަންޑަށް ދަތުރުކޮށްފަ އެވެ.

 

ބިލަބޮންގ ސްކޫލްގެ ދަރިވަރިވަރުންގެ ފާހަގަ ކުރި ގޮތުގައި މި މުބާރާތުގެ ސަބަބުން ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ އާ ތަޖުރިބާތަކެއް ކުރަން ފުރުސަތު ލިބިގެންދިޔަ އެވެ. އަދި އެހެނިގެން ގައުމުތަކުގެ ސަގާފަތާއި އާދަކާދަތަކުގެ މައުލޫމާތުތައް ވެސް ލިބިގެން ދިޔަ ކަމަށް ދަރިވަރިވަރުން ފާހަގަކޮށްފައި ވެއެވެ.

 

މި މުބާރާތުގައި ފައިނަލް ރައުންޑް އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. މި މުބާރާތުގައި މި ދެ ސްކޫލް ވެސް ރާއްޖެ ތަމްސީލް ކުރާނެ އެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް ތާރީހާއި ސަގާފާތާއި އަދި ތިމާވެއްޓާ ގުޅޭ ގޮތުން ސުވާލު ކުރެވޭނެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް