ކ. މާލެ
|
11 މާރޗް 2023 | ހޮނިހިރު 07:27
ފަރެސްމާތޮޑާ އެއަރޕޯޓް
ފަރެސްމާތޮޑާ އެއަރޕޯޓް
އެމްޓީސީސީ
ފަރެސްމާތޮޑާ އެއަރޕޯޓް
ފަރެސްމާތޮޑާ އެއަރޕޯޓަށް ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ
އެއަރޕޯޓް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު

ގދ. ފަރެސްމާތޮޑާ އެއަރޕޯޓަށް ދަތުރުތައް ފެށުމުގެ ކުރިން ބާއްވާ ޓެސްޓް ފްލައިޓް ހޯމަދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެއަރޕޯޓް އަންނަ މަހު ހުޅުވުމަށްޓަކައި މިހާރު ކުރަމުން އަންނަނީ އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިން ބުނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރަމުން އަންނަނީ މޯލްޑިވްސް ޓްރާނސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއިި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތް ކުރުމާއި، ޓާރމިނަލް ބިލްޑިންގ އެއް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ. މިއީ އެ އެއަރޕޯޓަށް ރޭގަނޑު ވަގުތު ވެސް ފްލައިޓުތައް ދަތުރު ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ލައިޓުތަކެކެވެ. އެ އެއަރޕޯޓުގައި މިހާރު ކުރަމުން އަންނަނީ އެއަރޕޯޓު ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތެވެ.

އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް ފެށީ 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭއާއި ފަޔަރ ބިލްޑިންއާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ޓަރމިނަލްގެ ސްޓްރަކްޗަރުގެ މަސައްކަތްތަކާއި އެއަރޕޯޓާއި ފަރެސްމާތޮޑާ ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ ގދ. އަތޮޅުގައި ތަރައްގީ ކުރާ ތިންވަނަ އެއަރޕޯޓެވެ. މިހާރު އެ އަތޮޅުގައި އޮންނަނީ ކާޑެއްދޫ އެއަރޕޯޓާއި މާވަރުލު އެއަރޕޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް