ދެމެހެއްޓެނެވި ގޮތެއްގައި ސިއްހީ ދާއިރާގެ މަސައްކަތްތައް ކުރުމަށް ގިނަ ގޮންޖެހުންތައް އެބަ ހުރިކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކައިފި އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމާއި މެދު އެ އިދާރާ އިން ކުރި ދިރާސާގެ ނަތީޖާ ހާމަކޮށްފައިވާ އެ ރިޕޯޓްގައި ސިއްހީ ދާއިރާގައި ހުރި ގިނަ މައްސަލަތައް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންތައްތަކާއި ކަންކަން ހިންގުމުގައި ހުރި މައްސަލަތަކާއި އާއްމުންނާއި ގުޅުން ހުރި ކަންކަން ވެސް ވަނީ ހިމަނާފައެވެ. މި ދިރާސާ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެންޓި-ކޮރަޕްޝަން އަދި ސިއްހީ މާހިރުން ހިމެނޭ ޓީމަކުން އެކުލަވާލި ދިރާސާއެކެވެ. މިއީ ރާއްޖޭގައި މިފަދަ ރިޕޯޓެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.
އެ ދިރާސާގައި ސިއްހީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށްޓަކާ ވަގުތުން ވަގުތަށް ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެ ދާއިރާގައި ހާމަކަމެއް ނެތުމާއި، ރަނގަޅަށް ކަންކަން ބެލެހެއްޓެމުން ނުދިއުމާއި ކަންކަން ރިފޯމް ކުރާ ސްޕީޑާއި މެދު ވިސްނަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ސިއްހީ ނިޒާމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި މައިގަނޑު 10 ކަމެއް ފާހަގަކޮށް އެކަންކަމާއި ގުޅޭ ރިކޮމެންޑޭޝަންތައް ވަނީ ހިމަނާފައެވެ.
އެ ދިރާސާގައި އިތުރަށް ބުނެފައި ވަނީ ސިއްހީ ދާއިރާ މަސައްކަތް ކުރާ ގޮތާއި އެކި ކަންކަމާއި ގުޅުން ހުރި ޒިންމާތައް އުފުލަނީ ކޮން ބައެއް ކަން އާއްމުންނަށް ސާފު ނުވާކަމަށެވެ. އެހެންކަމުން ކަމެއް ގޯސްކޮށް ހިނގައިފި ނަމަ އަމަލުކުރާނެ އުސޫލުތައް ވެސް އެކުލަވާލާ އާއްމު ކުރެވިފައިވަނީ މަދުން ކަން އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ މަސްލަހަތު ފުށުއަރާ މީހުން ސިއްހީ ނިޒާމްގެ ކަންކަން ނިންމޭ ފަދަ މަޤާމުތަކުގައި ތިބުމުގެ ކަންބޮޑުވުން އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.