ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 22:55
ރައީސް މުހައްމަދު ނަޝީދާއި ރައީސް ރައީސް މައުމޫން
ރައީސް މުހައްމަދު ނަޝީދާއި ރައީސް ރައީސް މައުމޫން
ޕީޕަލް މެގަޒިން
ރައީސް ނަޝީދު
ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު
މި ރާއްޖޭގެ ސިޔާސީ ވެރިންނަށްވެސް ގިނަ ތަޖުރިބާތަކެއް ލިބިގެން ހިގައްޖެ

ސިޔާސީ ހަތަރު ލީޑަރުން އެއްބަސްވެވަޑައިގަތީ ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދައި ދިނުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު، މާފަންނު ކުނޫޒްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ގައުމަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ގެނައުމަށް މާޗްމަހުގައި އެއްބަސްވުމެއްގައި ސޮއި ކުރައްވާފައި ކަމަށެވެ.

 

އެ އެއްބަސްވުމުގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ހުރިހާ ފިކުރެއްގެ ފަރާތްތަކުން ކުރި މަޝްވަރާތަކެއްގެ މައްޗަށް ބިނާކޮށް އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތާއި ސިޔާދަތާއި ބިންބިމާއި ފަޅުތަކާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތްކޮށް، ސިޔާސީ ނުތަނަވަސް ކަމަށް ހައްލެއް ހޯދައި ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުންދާ މަދަނީ އަދި ސިޔާސީ ހައްގުތަށް ހިމާޔަތްކޮށްދީ، ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށްފައިވާ ފަރާތްތައް މިނިވަންކޮށް، ނުހައްގުން ނިއުޅައިގެންފައިވާ މުދާ ރައްޔިތުންނަށް އަނބުރައި ހޯދައިދީ، ގައުމާއި ރައްޔިތުންނަށް ތަރަށްގީ ހޯދައިދީ، މި ގައުމަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދައި ދިނުމަށް ވާނީ އެއްވަސްވެވަޑައިގެނަފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

މި  އެއްބަސްވުމުގައި ސޮއިކުރެއްވީ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް އެކަންކަން ކަށަވަރުކޮށްދިނުމަށްކަމަށް މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވިއެވެ. ލީޑަރުންގެ އެއްބަސްވުމަށް ފަހު، މަޖިލީހުގައި ތަމްސީލްކުރާ މެންބަރުންގެ މެދުގައިވެސް މެއި މަހު ވާނީ އެބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. އެ އެއްބަސްވުން ވެވުނީ ލީޑަރުންގެ އެއްވަސްވުމަށް ބާރު ދިނުމުގެ ގޮތުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަސު ސޯލިހާއި، ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިސް މައުމޫނާއި އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން އަބުދުﷲ ރިޔާޒާއި، އަދި އަދާލަތުގެ ފަރާތުން އަނާރާ ނައީމް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ވޭތުބެ ދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށާއި، މި ރާއްޖޭގެ ސިޔާސީ ވެރިންނަށްވެސް ގިނަ ތަޖުރިބާތަކެއް ލިބިގެން ހިގައްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

އެހެންގައުމުތަކުގައި އެތައް ޒަމާނަކުން ހިނގާނެ ކަންކަން، މި ރާއްޖޭގައި ވަރަށް ކުރު މުއްދަތުގައި ހިނގައިގޮސްފިކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެކަންކަމުން ވަރަށް އިބުރަތްތެރި ފިލާވަޅެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އެ ފިލާވަޅުތައްކުގެ ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ މިސްރާބު ހިފުން މުހިއްމުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

 

ރައީސް ނަޝީދު ވިދާޅުވީ މިއަދު އެ ބޭފުޅުން ސިޔާސީ ގޮތުން އެކައްޗެެއް ކިޔާ ނުކުންނެވީ، ރާއްޖޭގެ ރައްޔިތުން އެދޭ ފަދަ ތަނަވަސްކަން ހޯދައިދެވެން އޮތީ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެންކަމަށްވާތީ އެ ބަދަލަކަށް މި ރާއްޖެ ގެންދިއުމަށްކަމަށެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތެއް މިއަދު އިިދިކޮޅު ފަރާތްތަކަށް ލިބިފައިވާކަމަށާއި، މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުގެ ކުރީގައި، ރަށުކައުންސިލްތަކާއި، އަތޮޅު އަދި ސިޓީ ކައުންސިލްތަކާއެކު އިދިކޮޅު ފަރާތްތަކުން ވަރަށް ތަނަވަސް ކާމިޔާބީއެއް ވަނީ ހޯދާފައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ކާމިޔާބީއާއެކު މި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ރަަނގަޅު ދިރިއުޅުމެއް ހޯދައި ދިނުމަށް ކުރާ މަސައްކަތް ކާމިޔާބުވެގެންދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވވެފައެވެ.

 

 

- ކޮމެންޓް