ކ. މާލެ
|
9 މާރޗް 2023 | ބުރާސްފަތި 07:48
އައިޓީބީގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ސްޓޭންޑް
އައިޓީބީގައި ގާއިމްކޮށްފައިވާ ރާއްޖޭގެ ސްޓޭންޑް
އެމްއެމްޕީއާރްސީ
އައިޓީބީ ބާލިން
އައިޓީބީ ބާލިން 2023ގައި 91 ކުންފުންޏަކަށް ނިސްބަތްވާ 233 މަންދޫބުން
އައިޓީބީ ބާލިންގައި މިއަހަރު 10,000 އަށް ވުރެ ގިނަ އެގްޒިބިޓަރުންނާއި 160,000 އަށް ވުރެ ގިނަ ޓްރެވެލް ޓްރޭޑާއި ކޮންސިއުމަރުން ބައިވެރިވޭ
ދިވެހިރާއްޖެ އެގްޒިބިޓް ކުރަނީ 504 އަކަމީޓަރުގެ ޑަބަލް ޑެކަރ ސްޓޭންޑެއްގައި
ބައްދަލުވުންތައް ބާއްވާ ނެޓްވޯކް ކުރުމަށް 91 ކައުންޓަރާއި 73 މޭޒު ރާއްޖޭގެ ސްޓޭންޑްގައި ހާއްސަކޮށްފައިވޭ

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އައިޓީބީ ބާލިން 2023ގައި 91 ކުންފުންޏަކަށް ނިސްބަތްވާ 233 މަންދޫބުންގެ ވަފުދެއް ރާއްޖެއިން ބައިވެރިވެފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މިއީ އެ ކުންފުނީގެ ތާރީޚުގައި އައިޓީބީގައި ބައިވެރިވާ އެންމެ ބޮޑު ވަފުދު ކަމަށެވެ. އެމްއެމްޕީއާރުސީއިން އައިޓީބީގެ ހަވާސާގައި 7 މާޗްގައި ޚާއްސަ މޯލްޑިވްސް މީޑިއާ މީޓްގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ގްލޯބަލް ޓްރެވެލް ޓްރޭޑަށް ހާއްސަ މޯލްޑިވްސް އީވްނިންގް ނެޓްވޯކިންްގް އިވެންޓެއް މާޗް މަހުގެ 8 ވަނަ ދުވަހު ގްރޭންޑް ހަޔަޓް ބާލިންގައި ބާއްވާފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރ ކަމުގައިވާ އައިޓީބީ ބާލިންގައި މިއަހަރު 10,000 އަށް ވުރެ ގިނަ އެގްޒިބިޓަރުންނާއި 160,000 އަށް ވުރެ ގިނަ ޓްރެވެލް ޓްރޭޑާއި ކޮންސިއުމަރުން ބައިވެރިވެއެވެ. އައިޓީބީ ބާލިން 2023ގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއެއް ހިމެނެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ މަންޒިލްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކާއި ހޮޓަލްތަކާއި ބްލޮގަރުންނާއި މި ސިނާއަތުގެ އެކިއެކި ސްޓޭކްހޯލްޑަރުން ފާހަގަކޮށްލެވެއެވެ.

މި ހަރާކުގައި ދިވެހިރާއްޖެ އެގްޒިބިޓް ކުރަނީ 504 އަކަމީޓަރުގެ ޑަބަލް ޑެކަރ ސްޓޭންޑެއްގައެވެ. މި ސްޓޭންޑަކީ ދިވެހިރާއްޖޭގެ އަމާންކަމާއި ރީތިކަން ދައްކާލުމޮށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ. އަދި މި ސްޓޭންޑް މެދުވެރިކޮށް ދިވެހިރާއްޖޭގެ ތަފާތު ސެގްމެންޓްތައް ދައްކުވާލަދެއެވެ. ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތަކާއި ދިވެހިރާއްޖޭގެ ސަގާފަތާއި ލޯބިވެރިންނަށް ހާއްސަ އޮޕްޝަންތައް ފަދަ ސެގްމެންޓްތައް ވެސް މި ސްޓޭންޑުން ފެނެއެވެ.

އިންޑަސްޓްރީ ޕާޓްނަރުންގެ ބައްދަލުވުންތައް ބާއްވާ، ނެޓްވޯކް ކުރުމަށް 91 ކައުންޓަރާއި 73 މޭޒު ރާއްޖޭގެ ސްޓޭންޑްގައި ހާއްސަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަންޒިލްގެ ތަފާތު އެކިއެކި ތަޖުރިބާތައް ކުރުމުގެ ފުރުސަތު ވެސް ލިބެއެވެ. އޭގެ ތެރޭގައި ސަގާފީ ޝޯތަކާއި ނެށުންތައް ހިމެނެ އެވެ. އަދި ސަގާފީ ނެށުންތައް ފަދަ ލައިވް ޕާފޯމަންސްތަކާއި ކުޅިރޮށި އަދި ފޮނިރޮށި ފަދަ މީރު ދިވެހި ކާނާ ތަޖުރިބާކުރުމުގެ ފުރުސަތުވެސް މި ސްޓޭންޑުން ލިބެއެވެ.

ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭގެ ފަރުތުވެރިކަމުގެ ދާއިރާއަށް ދީފައިވާ ސަޕޯޓު ފާހަގަކޮށް ޝުކުރު އަދާކުރުމަށާއި އެއްފުރާޅެއްގެ ދަށުން ދިމާވެ، ގުޅުންބަދަހިކޮށް އުފާފާޅުކުރުމަށް އެމްއެމްޕީއާރުސީއިން "މޯލްޑިވިއަން އިވްނިންގް" ގެ ނަމުގައި ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ހަފްލާއަކީ އައިޓީބީ ބާލިން ގެ ހަވާސާގައި ބާއްވާ އަހަރީ ނެޓްވޯކިން އިވެންޓެކެވެ.

މި ހަފްލާގައި ޖަރުމަނު އަދި ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، މީޑިއާގެ މަންދޫބުންނާއި، އިއްޒަތްތެރިންނާއި، އަދި އެހެން ސްޓޭކްހޯލްޑަރުން ހިމެނޭހެން 600 ފަރާތްތަކުން ޝާމިލުވާނެކަމަށް ބެލެވޭކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. އަދި މި ހަފްލާގައި ދިވެހިރާއްޖޭގެ ސަގާފީ ނެށުމާއި މިއުޒިކްގެ އިތުރުން ދިވެހރާއްޖެއަށް ހިލޭ ދަތުރުތައް ފަދަ އަގުހުރި އިނާމުތައް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް