ކ. މާލެ
|
8 މާރޗް 2023 | ބުދަ 07:10
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލް
ބަގީގެ ޚިދުމަތް
މި މަހުގެ 16 ވަނަ ދުވަހު ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށޭނެ: މޭޔަރު މުޢިއްޒު
ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން ދޭން ފަށާ ބަގީގެ ޚިދުމަތް މިހިނގާ މާރޗް މަހުގެ 16 ވަނަ ދުވަހު ފެށޭނެ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ވިދާޅުވީ ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ ކަމަށާއި އޭގެ 1 ހަފްތާ ފަހުން، 16 މާރޗް ވާ ބުރާސްފަތި ދުވަހު ބަގީގެ ޚިދްމަތް ފެށޭނެ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ ކަމަށެވެ. މީގައި ޕްރައިވެޓް ހަޔަރގެ ގޮތުގައި ނަގާ ބަގީ ނުހިމެނޭނެއެވެ.

މީގެ ހަފްތާއެއް ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ބަގީގެ ޚިދުމަތްތަކަށް އަގު ކަނޑައަޅާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ބަގީގެ ޚިދުމަތް ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ. އެގޮތުން ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ ޕްރައިވެޓް ހަޔަރގެ ގޮތުގައި ނަގާނަމަ އަގު ތަފާތެވެ. އެގޮތުން ޕްރައިވެޓް ހަޔަރގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

  1. 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  2. 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  3. 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރެޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް