ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ، އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ސޮއިކުރެއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަދަލު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މަސީހު ވަނީ މާލިއްޔަތު ކޮމެޓީއަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި ބަދަލުތައް އިއުލާން ކުރައްވާފަ އެވެ.
އެގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ބަދަލުގައި ތޯރިގް ހަމަޖައްސާފައިވާކަން އިއުލާން ކުރެއްވުމަށްފަހު، ތޯރިގްގެ ބަދަލުގައި އަހުމަދު ރަޝީދު އައްޔަން ކުރައްވިކަން ވަނީ އިއުލާން ކުރައްވާފަ އެވެ.
ހަމައެގޮތަށް، މާލިއްޔަތު ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނުގެ ބަދަލުގައި މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ހަމަޖައްސަވާފަ އެވެ. ނަމަވެސް ފަހުން މިބަދަލުވެސް ވަނީ ފަހުން ބަދަލުކުރައްވާފަ އެވެ. ސިނާނުގެ ބަދަލުގައި އަލުން މާލިއްޔަތު ކޮމެޓީއަށް ވަނީ ޖަމީލު އުސްމާނު ހަމަޖައްސަވާފަ އެވެ.
މެމްބަރު ސިނާނަކީ ވެސް މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ދުރުކުރުމަށް ސޮއި ކުރައްވާފައިވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެކެވެ.
މީގެ އިތުރުންވެސް މާލިއްޔަތު ކޮމެޓީއަށް ޕީޕީއެމް ޕާލަމެންޓްެރީ ގްރޫޕުން ބަދަލުތައް ގެނެެސްފައިވާއިރު، ޕީޕީއެމް ރައީސް ޔާމީންގެ ސަރުކާރާއިމެދު މެމްބަރު ތޯރިގާއި ސިނާނުގެ އިތުރުންވެސް ބައެއް މެމްބަރުން ގެންދަވަނީ ނުރުހުން ފާޅު ކުރައްވަމުންނެވެ.