އެއީ އިތުރު ތައާރަފަކަށް ބޭނުންވާނެ ބަލިމަޑުކަމެއް ނޫނެވެ. މީގެ 3 އަހަރު ދުވަސް ކުރިން، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިސީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތަކުލީފުތަކުން އަދިވެސް މުޅިން އަރައިނުގަނެވެއެވެ. ބަލީގެ ކޭސްތައް ރިޕޯޓްކުރުންވެސް ނުހުއްޓެއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓްކުރި ކޮވިޑް-19ގެ، 680 މިލިއަނަށްވުރެ ގިނަ ކޭސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ރިޕޯޓް ކޮށްފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު، 6.8 މިލިއަނަށްވުރެ މައްޗަށް އަރައެވެ.
ކަން މިހެން އޮތްއިރު އަދިވެސް ކުރަމުންދާ އެއް ބަހުސަކީ، ބަލި ޖައްސާ ވައިރަހުގެ އަސްލާމެދު ކުރަމުންދާ ހޫނު ބަހުސްއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކަންކަން އެންމެ ގާތުން ބަލަމުންދާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް، މާޗް 3 ވަނަ ދުވަހު ވިދާޅުވީ، ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އެ އިދާރާއިން އަދިވެސް މަސައްކަތްކުރަމުން ދާކަމަށެވެ. ޑރ. ޓެޑްރޯޒް މިފަދަ މޭރުމަކުން ވިދާޅުވެފައި މި ވަނީ، ކޮވިޑް-19 ޖައްސާ ވައިރަހަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވި ވައިރަހެއް ކަމަށް އެމެރިކާއިން ކުރަމުންދާ ސިލްސިލާ ދައުވާ ތަކުރާރުކޮށްފައި ވަނިކޮށެވެ.
ވަރަށް ސާފުކޮށް ދަންނަވަން ބޭނުން، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން ކުރިއަށްގެންދާ މަސައްކަތްތައް ހުއްޓާލާފަ ނުވާކަން. ޑަބްލިއުއެޗްއޯއިން ވަނީ މިކަން ކުރަން ސާގޯގެ ނަމުގައި ޚާއްސަ ޓީމެއް އެކުލަވާލާފަ. އެ ޓީމުން ވަނީ، ޗައިނާގަ ޚާއްސަ ދިރާސާތަކެއް ކުރިއަށް ގެންދަން ޖެހޭ ކަމަށް ކަނޑައަޅާފަ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް، އެހެން ބައެއް ތަންތަނުގަވެސް ދިރާސާތައް ކުރަންޖެހޭ ކަމަށް އެ ޓީމުން ވަނީ ކަނޑައަޅާފަ.ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް؛ ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް
ކޮވިޑް-19 ޖައްސާ ވައިރަހަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވި ވައިރަހަކަށް ވުން ގާތްކަމަށް، އެމެރިކާގެ އެނަރޖީ މިނިސްޓްރީން ނިންމާފައިވާކަމަށް ފެބުރުއަރީ 26 ވަނަ ދުވަހު އެންމެ ފުރަތަމަ ރިޕޯޓްކުރީ ވޯލް ސްޓްރީޓް ޖަރނަލްއިންނެވެ. އެމެރިކާގެ މި ދައުވާއަކީ، ޗައިނާގެ ސަރުކާރުން ސިލްސިލާ ގޮތެއްގައި ދެކޮޅު ހަދާ ދައުވާއެކެވެ.
މައުލޫމާތު ހިއްސާ ކުރުމުގައި ވީހާވެސް ދެފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި އަމަލު ކުރުމަށް ޑަބްލިއުއެޗްއޯއިން އަދިވެސް މި ދަނީ ޗައިނާއަށް ގޮވާލަމުން. ކޮންމެހެން ބޭނުންވާ ތަހުގީގީ މައުލޫމާތާއި ނަތީޖާތައް ހިއްސާކުރަންވެސް އެބަ ގޮވާލަން. ޗައިނާގެ މަތީ ފެންވަރުގެ ލީޑަރުންނަށްވެސް، ތަކުރާރުކޮށް، އެކި ފަހަރު މަތިން އަޅުގަނޑުވާނީ މިކަން ދަންނަވާފަ. ދާދި މިދާކަށް ދުވަހުވެސް ދެންނެވިން. އެ މައުލޫމާތުތައް ލިބެންދެން، ހުރިހާ ނަޒަރިއްޔާއެއްވެސް ހަމަ ބަލަމުން ދާނީ.ޑރ. ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް؛ ޑަބްލިއުއެޗްއޯގެ ޑައިރެކްޓަރ ޖެނެރަލް
ވޯލް ސްޓްރީޓްއިން ޖަރނަލްއިން އެފަދަ ރޫހެއްގައި ވާހަކަތައް އާންމުކުރީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު (ވައިޓްހައުސް)އާއި ގާނޫނު ހަދާ މަޖިލީހުގެ އިސް މެންބަރުންނަށް ފޮނުވާފައިވާ ސިއްރު ޖާސޫސީ ރިޕޯޓެއް ވިދާޅުވީ ބައެއް މަސްދަރުތަކާ ހަވާލާ ދީ ކަމަށް ބުނެފައިވެއެވެ. އަދި އެނަރޖީ މިނިސްޓްރީގެ ނިންމުމަކީ، އިތުބާރު ކުޑަ ނިންމުމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ގައުމީ ޖާސޫސީ ޕެނަލްވެސް ހިމެނޭހެން 4 އޭޖެންސީއަކުން ގަބޫލުކުރާގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަން އިންސާނީ އާބާދީގައި ފެތުރިގެން ދިޔައީ ގުދުރަތީގޮތުންނެވެ. 2 އިދާރާއަކުން ވަކި ގޮތަކަށް ނިންމާފައި ނުވާކަމަށްވެސް ވޯލް ސްޓްރީޓް ޖަރނަލްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ޑަބްލިއުއެޗްއޯގެ ފަރާތުން ކޮވިޑް-19ގެ ކަންކަމާ ހަވާލުވެސް އިސްކޮށް ހުންނަވާ ޓެކްނިކަލް ލީޑް، މާރިއާ ވެން ކެރްކޯފް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ބައިނަލްއަގުވާމީ މުޖުތަމައާ އެކަން ހިއްސާކުރުމަށް ގޮވާލައްވާފައެވެ. އޭގެތެރޭގައި ގައުމުތަކާއި މުއައްސަސާތަކުގެ އިތުރުން، ދިރާސާކުރާ ގުރޫޕުތައްވެސް ހިމެނެއެވެ.
ވެން ކެރްކޯފް ވަނީ، ޖަނަވާރުންގެ އާބާދީގައި ކޮވިޑް-19 ފެތުރެމުން ދާ ގޮތާ އިންސާނުންނާ އެ ޖަނަވާރުތައް ބަދަލުވި ގޮތުގެ ދިރާސާތައްވެސް ކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19ގެ އަސްލަކީ، ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ލީކުކުރި ވައިރަހެއް ކަމަށް ބުނި ދައުވާތަކެއް އަޑު ގަދަވި ދުވަސްވަރެއްވެސް ދިޔައެވެ.
ކޮވިޑް-19 ޖެހުމަށް މަގުފަހިކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލު ދެނެގަތުމަށް، ޑަބްލިއުއެޗްއޯއިން ވަނީ ތަހުގީގު ޓީމު އެކުލަވާލައިގެން ޗައިނާގައި ދިރާސާތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، އެ ދިރާސާތަކުންވެސް ވަކި ކޮޅެއްގައި ޖެހޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ޑަބްލިއުއެޗްއޯގެ ތަހުގީގު ސިޔާސީ ނުކުރުމަށްވެސް ޗައިނާއިން ވަނީ ގޮވާލާފައެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންމަތިވެގެން އައީ ވޫހާންގައި ގަވައިދާ ޚިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް ބާޒާރަކުންނެވެ.