Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 13:37
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވަނީ
ރާއްޖެ އެމްވީ
މަސީހުގެ އިތުބާރުގެ މައްސަލަ
ރައީސް ނަޝީދުގެ ހާއްސަ ޝުކުރު ޕާޓީތަކުގެ ލީޑަރުންނާއި ޖާބިރަށް!
ރައީސް ނަޝީދު ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމާއެކު ހުރިހާ މެމްބަރުންނަށާއި ހާއްސަކޮށް ޕާޓީތަކުގެ ލީޑަރުންގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ހޯމަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުރިހާ މަޖިލިސް މެމްބަރުންނާއި ހާއްސަކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް އަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އަބްދުﷲ ޖާބިރަށް ވަރަށް ބޮޑަށް ޝުކުރު ދައްނަވާ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް މެމްބަރުން ހޯއްދެވުމުގައި ޖާބިރުގެ ދައުރު ވަރަށް ބޮޑު ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި އެވެ. 

ދާދި ފަހުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އެޑްވައިޒަރުގެ މަގާމަށް ޖާބިރު ހަމަޖައްސަވާފަ އެވެ. އަދި ނިމިދޔަ ރޯދަ މަހުގެ ފަހުކޮޅު ޖާބިރު އިޓަލީން އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނިކޮށް، ދިވެހި ސަރުކާރުން ވަނީ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރައްވާފަ އެވެ. ދަތުރުމަތީގައި އުޅުއްވަނިކޮށް ޕާސްޕޯޓް ކެންސަލް ކުރުމާ ގުޅިގެން ލަންޑަންގެ ގެޓްވިކް އެއާޕޯޓްގައި ބަންދުކުރި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޖާބިރު، މިނިވަންވެގެން ލަންޑަނަށް އެތެރެވެވަޑައިގެންފައިވަނީ 15 ގަޑިއިރު ފަހުންނެވެ.

ރައީސް ނަޝީދު އެގޮތަށް ޓްވީޓް ކުރެއްވިއިރު، ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށްފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މަސީހު މަޖިލީހުގެ ގަވާއިދާ ހިފާލަށް މަޖިލިސް ކުރިއަށް ގެންދަވާ ކަމަށާއި އަދި ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާއިރު އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓަވާ، ސަރުކާރު ބޭނުންވާހާގޮތަށް މަޖިލީހުން ކަންކަން ކުރަމުންދާތީ މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

މަސީހުގެ އިތުބާރު ނެތްކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި 45 މެމްބަރުންގެ ސޮޔާއެކުގަ އެވެ. އެ ލިސްޓަގައި ޕީޕީއެމަށް ނިސްބަތް 11 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް