ކ. މާލެ
|
3 މާރޗް 2023 | ހުކުރު 09:51
އިބަމަ ފޯރަމްގެ ތެރެއިން
އިބަމަ ފޯރަމްގެ ތެރެއިން
ޖެންޑާ މިނިސްޓްރީ
އިބަމަ
ވ. އަތޮޅުގައި އިބަމަ ފޯރަމް ކުރިއަށްގެންގޮސްފި
މި ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ބުރާސްފަތި ދުވަހު

ވ.އަތޮޅުގައި ޤާއިމްކޮށްފައިވާ އިޖްތިމާޢީ ބަދަހި މަދަދުވެރިންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ދެނެގަނެ މަޝްވަރާގެ އަލީގައި ކަންކަން ތަރުތީބު ކުރުމުގެ މަޤްޞަދުގައި ވ.އަތޮޅު ކައުންސިލް އިދާރާގެ އިސްނެގުމާއެކު ވ.އަތޮޅު އިބަމަ ފޯރަމް ކުރިއަށްގެންގޮސްފިއެވެ.

ވ. ފެލިދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ފޯރަމަކީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ.

ޔުނިސެފްގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ވ.އަތޮޅު ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ވ. އަތޮޅުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރުދުންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި އަދި އިބަމަ ހިއްސާދާރު މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރެވޭނޭ ގޮތްތަކެއް ފަހިކުރުމެވެ.

މި ފޯރަމް ފައްޓަވާދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ހަމަހަމަ ކަމާއި އިންސާފު ޤާއިމު ކުރުމަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން ސަރުކާރުގެ މި ލަނޑުދަނޑިއަށް ވާޞިލްވުމަށްޓަކައި އިބަމައިގެ ތެރެއިން ރައްޔިތުންނާއި ވީހާވެސް ގާތުން އިޖްތިމާޢީ ހާލަތު ދެނެގަނެ ދިވެހި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

މި ފޯރަމުގައި ބައިވެވަޑައިގެނެންވީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި، ޔުނިސެފްގެ އިސް ވެރިންނާއި ވ. އަތޮޅުގެ ރަށްތަކުގެ އިބަމަ މެންބަރުންނާއި، އެއަތޮޅުގެ ރަށު ކައުންސިލްތަކުގެ އިސް ވެރިންނާއި، ވ. އަތޮޅުގެ ސްކޫލްތަކުގެ އިސް ވެރިންނާއި، ވ. އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުންގެ އިސް ވެރިންނާއި، އެއަތޮޅުގެ އަންހުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިސް ފަރާތްތަކުގެ އިތުރުން އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުން (މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ހެލްތް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ލޯކަލް ގަވަމަންޓް އޮތޯރިޓީ) އިން ކަނޑައަޅާފައިވާ އިސް ފަރާތްތަކުންނެވެ.

ވ.އަތޮޅުގެ ހުރިހާ ރަށެއްގައި އިބަމަ ގާއިމްކޮށް އިބަމައިގައި ހިމެނޭ ފަރާތްތަކަށް މަސައްކަތް ފެށުމަށް ބޭނުންވާ ތަމްރީންތައް މިހާރު ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް