ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި ރައްޔިތުންނަށްޓަކައި ކުރައްވާ ޤައުމީ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރ އިބްރާހީމް މުހައްމަދު ސަލީމް (އިބޫ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިހާރު ބާއްވަމުންދާ ޕްރެސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު ދެން އެމަޤާމަށް ލައްވާނީ ކޮންބޭފުޅެއްތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ސިޔާސީ ގޮތުން ހުށަހެޅުއްވި މައަސްކަތެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށްޓަކައި ކުރަމުންދާ ޤައުމީ މަސައްކަތެއް ކަމަށެވެ. އެހެންކަމުން ފުރަތަމަ އޮތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމުން ކަމަށާއި އެމަޤާމަށް ލައްވާނެ ބޭފުޅަކާ މެދު އަދި ނުނިންމަވާ ކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި އިރު ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ތިއްބެވި ބައެއް މެންބަރުން ސޮއި ނުކުރެއްވި ނަމަވެސް އޭގެތެރެއިން ވެސް ގިނަ މެންބަރުންނަކީ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވަން ތިއްބެވި މެންބަރުން ކަމަށެވެ. އެބޭފުޅުންނަށް ދިމާވެފައި ބައެއް ކަންކަމާއި ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ސޮއިކުރައްވަން އަދި ކެރިވަޑައި ނުގެން ތިއްބެވީ ކަމަށާއި ނަމަވެސް އޭގެތެރެއިން ގިނަ މެންބަރުންގެ އެއްބާރުލުން ދެއްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ގުޅިފައިވާ ޕާޓީތަކުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 45 މެންބަރުންގެ ސޮޔާ އެކުގައެވެ. އެމެންބަރުންގެ ތެރޭގައި ރައީސް ޔާމީނަށް ތާއީދު ކުރައްވައިގެން ތިއްބެވި 11 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.