ކ. މާލެ
|
28 ފެބްރުއަރީ 2023 | އަންގާރަ 07:17
ފީފާ ބެސްޓް އެވޯޑުގެ އެންމެ މޮޅު ގޯލް ކީޕަރު މާޓިނޭޒް
ފީފާ ބެސްޓް އެވޯޑުގެ އެންމެ މޮޅު ގޯލް ކީޕަރު މާޓިނޭޒް
ރޮއިޓާސް
ފީފާ އެވޯޑު
އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް އާޖެންޓީނާގެ މާޓިނޭޒް
މާޓިނޭޒް ވަނީ އާޖެންޓީނާއާއެކު އެ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމު ވެސް ހޯދައިފައި

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވި އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ހޮވިއްޖެ އެވެ.

މާޓިނޭޒް މި އެވޯޑު ހޯދީ ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އަދި މޮރޮކޯގެ ޔަސީން ބޯނޯއާ ވާދަކޮށެވެ. އެވޯޑު ހާސިލް ކުރި މާޓިނޭޒް ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން މުބާރާތުގެ ކުއާޓާ ފައިނަލްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. މީގެ އިތުރުން ފްރާންސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި މޮޅު ސޭވްތަކެއް ކުރިއިރު، ފްރާންސްގެ ޕެނަލްޓީ އޭނާ ވަނީ ހުއްޓުވައިފަ އެވެ. މާޓިނޭޒް ވަނީ އާޖެންޓީނާއާއެކު އެ މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމު ވެސް ހޯދައިފަ އެވެ. މިއީ މާޓިނޭޒް މި އެވޯޑުގެ ގަދަ ތިނެއްގައި ހިމެނި، އޭނާ އަށް އެވޯޑު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އަހަރުގެ އެންމެ މޮޅު އަންހެން ގޯލް ކީޕަރަކަށް ހޮވުނީ އިންގްލެންޑުގެ ކީޕަރު މެރީ އާޕްސް އެވެ.

ގަދަ ތިނެއްގައި ހިމެނުނު ކޯޓުއާ ވަނީ މީގެ ކުރިން އެއް އަހަރު މި އެވޯޑު ކާމިޔާބުކޮށްފަ އެވެ. މިއީ ބޯނޯ މި އެވޯޑަށް ނޮމިނޭޓުވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް