ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 14:17
އަޖޭ ބަންގާ
އަޖޭ ބަންގާ
ބީބީސީ
ވަރލްޑް ބޭންކުގެ އައު ރައީސް
ވަރލްޑް ބޭންކުގެ އެންމެ އިސްމަގާމަށް އެމެރިކާއިން ހުށަހެޅީ އަޖޭ ބަންގާގެ ނަން
ބަންގާ މިހާރުވެސް ހުންނެވީ ޕްރައިވެޓް އިކުއިޓީ ފަރމް އެއްކަމަށްވާ ޖެނެރަލް އެޓްލާންޓިކްގެ 3.5ބިލިއަން ޑޮލަރުގެ އަގުހުރި ކްލައިމެޓް ފަންޑްގެ އެޑްވައިޒަރީ ބޯޑުގައި

ވަރލްޑް ބޭންކްގެ އެންމެ އިސް މަގާމަށް ދެން ހޮވާނެ ބޭފުޅެއްގެ ގޮތުގައި އިންޑިޔާ އުފަން، އެމެރިކާގެ ވިޔަފާރިވެރިޔާ އަޖޭ ބަންގާގެ ނަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވައިފިއެވެ.

ކްރެޑިޓްކާޑު ޖަޔަންޓް، މާސްޓަރކާޑުގައި ދިހަވަރަކަށް އަހަރު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އެތަނުން ރިޓަޔަރ ކުރައްވާފައި ވީނަމަވެސް ބަންގާ މިހާރުވެސް ހުންނެވީ ޕްރައިވެޓް އިކުއިޓީ ފަރމް އެއްކަމަށްވާ ޖެނެރަލް އެޓްލާންޓިކްގެ 3.5 ބިލިއަން ޑޮލަރުގެ އަގުހުރި ކްލައިމެޓް ފަންޑްގެ އެޑްވައިޒަރީ ބޯޑުގައެވެ.   

ވަރލްޑް ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ އެމެރިކާ ކަމަށްވާއިރު އެމެރިކާއިން މިވަގުތު ގެންދަނީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވަރލްޑް ބޭންކުން ކުރާ ހޭދަ އިތުރު ކުރުމަށް ބާރު އަޅަމުންނެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިދާއިރާގައި ޕްރައިވެޓް ސެކްޓަރާއެކު އަޖޭ ބަންގާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ބޭންކުގެ އައު މަގްސަދު ހާސިލުކުރުމަށް އެހީއަކަށް ވާނެއެވެ. މީގެ އިތުރުން ސަރުކާރުތަކާއި ކުންފުނިތަކާ އަދި ނޮން-ޕްރޮފިޓް ޖަމާއަތްތަކާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުމުގެ ޓްރެކް-ރިކޯޑް ވެސް އޮތުމާއެކު އެމަގާމަށް އަޖޭ ބަންގާ ވަރަށް އެކަށީގެންވާކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

އާންމުގޮތެއްގައި ވަރލްޑް ބޭންކުގެ ވެރިޔަކަށް ހޮވާ ފަރާތެއްގެ ނަންތައް ހުށަހަޅަނީ އެމެރިކާއިންނެވެ. އެއަށްފަހު އައު ވެރިޔާ ހޮވާނީ ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކާ އިންޓަރވިއު ކުރުމަށް ފަހު ބޭންކުގެ ބޯޑުންނެވެ.

މިހާރު އެމެރިކާގެ ރައްޔިތަކަށް ބަދަލުވެފައިވާ އަޖޭ ބަންގާގެ ކެރިއަރ ފައްޓަވާފައިވަނީ އަމިއްލަ ގައުމު އިންޑިޔާގައެވެ. މާސްޓަރކާޑާ ގުޅިވަޑައިގެންނެވުމުގެ ކުރިން ނެސްލޭ އަދި ސިޓި-ގްރޫޕްގައި މުހިންމު މަސައްކަތްތަކެއް އޭނާ ކުރައްވާފައިވެއެވެ. މާސްޓަރކާޑްއިން ބަންގާ ރިޓަޔަރ ކުރެއްވީ 2021 ގައެވެ. އެއަށްފަހު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕްރައިވެޓް އިކުއިޓީފަރމް އެއްކަމަށްވާ ޖެނެރަލް އެޓްލާންޓިކްގެ ވައިސް ޗެއާމަންގެ މަގާމުގައެވެ. ޚާއްސަ މަސައްކަތްޕުޅަކީ ކްލައިމެޓް ފަންޑްގެ މަސައްކަތް ބެލެހެއްޓެވުމެވެ.

ބަންގާ ވަނީ ކޯ-ޗެއާ އެއްގެ ހައިސިއްޔަތުން ވައިޓް ހައުސްގެ ކޮމިޓީއެއްގަވެސް މަސައްކަތް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް