ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ދުރުކުރެވޭ ވަރަށް މެންބަރުން ހަމަވެފައިވާ ކަމަށް ބުނަމުންދަނިކޮށް އިދިކޮޅު ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ޕީޕީއެމްގެ ބައެއް މެންބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ކަމަށް ޕާލިމެންޓްރީ ގްރޫޕްގެ ވައިބާގައި ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި އެ ގްރޫޕުގައި ވާހަކަ ދައްކަވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު މީހުން އެ އުޅެނީ ހުވަފެނެއްގައި ކަމަށާއި އަދި "ރާބޮއެ، އުރެދޭ ބަޔަކާ އެކު ﷲ ގެ ރަޚުމަތެއް ނުވާނެ" ކަމަށެވެ.
އިދިކޮޅު ފަރާތްތައް އުޅެނީ ހުވަފެނެއްގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، މަސީހު މަގާމުން ދުރުކުރަން ބޭނުންވާ 42 މެންބަރުންނަށް ވުރެ އިތުރަށް މެންބަރުން ހަމަވެފައިވާ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އާދިއްތަ ދުވަހު ބޭއްވި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ ކޮންމެ ފަދަ ވަގުތެއްގައި ވެސް މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފާނެ ކަމަށާއި ތައްޔާރަށް ތިއްބެވުމަށް މެންބަރުންނަށް ވަނީ އަންގާފަ އެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ، ރައްޔިތުންނަށް ކާމިޔާބު ލިބިއްޖެ ކަމަށާއި މިއީ އުފާފާޅު ކުރަންވީ ވަގުތު ކަމަށް ބުނަމުންނެވެ. ނަމަވެސް، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަސީހު މަގާމުން ދުރުކުރުމަކީ ލާހިކު ކުޅަދާނަ ކަމެއް ނޫން ކަމަށެވެ.