Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 04:17
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު
ރާއްޖެއެމްވީ
ރައީސް ޔާމިން
ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު
މިސަރުކާރު ބަދަލުކުރަން ޖެހޭކަމަށް އެ ވިދާޅުވާ ސަބަބެއް ނުވިސްނޭ
ތަރަށްގީއާއި މެދު ރައްޔިތުން ފަޚުރުވެރިވޭ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިރާއްޖެ ތަރައްގީގެ ބަހާރު މޫސުމަކަށް ބަދަލުކޮށްލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވެއްޖެެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ބޮޑުސުވާލު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުފީދު ވިދާޅުވީ، އިދިކޮޅު މެންބަރުން މިސަރުކާރު ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވާ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ދިވެހިން މިއަދު އެދެނީ ތަރައްގީއަށް ކަމަށްވާތީ ރައީސް ޔާމީން އެމަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މުފީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި އޮތީ ތަރައްގީގެ ޚަރީފު މޫސުން ކަމަށާއި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ދިވެހިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން ގެނެސްދެއްވާފައިވާ ކަމަށެވެ. 

މުފީދު ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި މި ތަރައްޤީއާއިމެދު ރައްޔިތުން ފަޚުރުވެރިވާ ކަމަށެވެ. 

"ވަދާދާ މީހަކު ދޫކޮށްފައި އޮންނަ ނަނެއްގައި ގަންނަ ލައްޓިއެއްގެ ތަލި ފަހަރެއްގައި ވީދައިގެން ގޮސް އެއްޗެއް ބޭރަށް ވެއްޓިދާނެ. އެއީ ވަކިކަމެއް. އެކަމަކާއި ހުރިހާ ކަމެއް ވެސް އަޅުވާކަށް ނުވާނެ" މުފީދު ވިދާޅުވިއެވެ.

ސަރުކާރު އޮތީ ވަރަށް ބަދަހިކޮށްކަން ފާހަގަކުރައްވާ މުފީދު ވިދާޅުވީ، ޚިލާފެއް އުފެދޭ ކޮންެމެ ފަހަރަކު ބައިބައިވެގެންދާން ނުޖެހޭ ކަމަށާއި،  އެއްވެސް ހިތް ހަމަ ނުޖެހުމެއް އެބޭފުޅުންގެ ތެރޭގައި ނެތްކަމަށެވެ.

ވަލިއްޔުލްއަމުރަކު އައްޔަން ކުރަނީ ދެރަޔަސް، މޮޅަސް، ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފުން ކަންކޮށްދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަލިއްޔުލްއަމުރަކަށް ރައްޔިތުން ހަވާލުކުރަނީ ވަރަށްބޮޑު އަމާނާތެއް ކަމަށާއި، ކޮރަޕްޝަންގެ އަމަލެއް މީހަކު ކޮށްފިކަމަށްވާނަމަ އެމީހަކާއި ސުވާލުކޮށް، ގާނޫނީގޮތުން ދޭންޖެހޭ އަދަބު ދެވެމުންދާކަމަށް މުފީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުން ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އެއްވެސް ކަމެއް ގާނޫނުގެ ކުރިމައްޗަށް ގެނެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެކަންކަން އެމްޑީޕީ ސަރުކާރުން ފޮރުވަން މަސައްކަތް ކުރިކަމަށް މުފީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

މުފީދު ވިދާޅުވީ، ރައީސް ޔާމީނާއި މެދު ފަޚުރުވެރިވެވަޑައގަންނަވަނީ، ކެބިނެޓް މިނިސްޓަރަކަސް، ސްޓޭޓް މިނިސްޓަރަކަސް އަދި އެއަށްވުރެ ދަށް މަގާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ އެ ފަރާތަކާއިމެދު ތަހުގީގު ހިންގައި، ފިޔަވަޅު އަޅުއްވާތީކަމަށެވެ.

މަޖިލީހުގެ ރައީސް މަސީހުގެ ނޯ ކޮންފިޑެންސް ވޯޓާއި ގުޅޭގޮތުން މުފީދު ވިދާޅުވީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށާ، މަސީހު މަޤާމުން ބޭރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ އަވާމެންދުރެއްގައި ޕީޕީއެމްގެ މެންބަރުން ނުފެތޭނޭކަމަށެވެ.

މުފީދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން މަސީހު ބޭރުކުރާނެކަމަށް ބުނެ، ކިތަންމެ ވަރަކަށް ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކިނަމަވެސް އެކަން އަދި ނުވާނެކަމަށެވެ. 

ލޯކަލްކައިންސިލް އިންތިޚާބުން ފެނިގެން ދިޔައީ މާ މުހިއްމު ކަމެއް ނޫން ކަމަށާ، "ކާފަގޭ ތަސްބީހަ ފަތިހެން" އޮތް އާއިލީ ގުޅުމާއިއެކު ރައްޔިތުން ކައުންސިލް އިންތިޚާބުގައި ވޯޓް ދިނީ އާއިލާއަށް ބަލައިގެން ކަމަށް މުފީދު ވިދާޅުވިއެވެ. އަދި އެ އިންތިހާބުގައި ގައުމީ ވިސްނުމަށް ވުރެ އިސްކޮށްފައިވަނީ އާއިލީ ވިސްނުންކަމަށް މުފީދު ވިދާޅުވިއެވެ.

މުފީދު މިހެން ވިދާޅުވި އިރު، ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ށ. އަތޮޅު ކައުންސިލްގެ މިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް ސައުދުﷲ އުސްމާނެވެ. އަދި އެ އިންތިހާބުގައި ށ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުންވެސް ގިނަ ގޮނޑިތަކެއް އިދިކޮޅުފަރާތްތަކުން ވަނީ ކާމިޔާބުކޮށްފައެވެ. 

މުފީދު ވިދާޅުވީ މި ސަރުކާރު ހަމަހިލާ ބަދަލު ނުކުރެވޭނެކަމަށާ، ޕީޕީއެމް ޕީޖީ އޮތީ އެފުރުސަތު ދޭގޮތަށް ނޫންކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް