ކ. މާލެ
|
24 ފެބްރުއަރީ 2023 | ހުކުރު 07:13
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފް
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފް
އެލްޖީއޭ
އެލްޖީއޭގެ އިންސްޓިޓިއުޓް
އެލްޖީއޭގެ އިންސްޓިޓިއުޓް އާދިއްތަ ދުވަހު ރަސްމީކޮށް ހުޅުވަނީ
މިއިންސްޓިޓިއުޓް މެދުވެރިކޮށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ތަމްރީން ދޭނެ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމްއައިއެލްޖީ) ރަސްމީކޮށް އާދިއްތަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

ލާމަރުކަޒީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އިންސްޓިޓިއުޓް ރަސްމީކޮށް ހުޅުވާއިރު މިއިންސްޓިޓިއުޓުން މިހާރުވެސް ގެންދަނީ ދާއިރާ އާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ. މި އިންސްޓިޓިއުޓާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ މިއިންސްޓިޓިއުޓްގެ މައިގަނޑު ބޭނުމަކީ ކައުންސިލްތަކުގެ ގާބިލްކަން އިތުރުކުރުންކަމަށެވެ. ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނުން އެލްޖީއޭއަށް މަތިކޮށްފައިވާ ޒިންމާއަކަށްވާއިރު މިއިންސްޓިޓިއުޓް މެދުވެރިކޮށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ތަމްރީން ދެވޭނެކަމަށެވެ.

2019 ވަނަ އަހަރު ވުޖޫދުވި މިއިންސްޓިޓިއުޓުން ކައުންސިލްތަކަށް ބޭނުންވާ ކަންކަން ދެނެގަނެ އެދާއިރާތަކުން ތަމްރީން ޕްރޮގްރާމްތައް ކުރިޔަށްގެންދާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

އެނގޭ ކައުންސިލްތަކަށް ބޭނުންވާ މައިގަނޑު ތަމްރީން ތަކަކީ ކޮބައިކަން. މިސާލަކަށް ޓްރެއިނިންގ ނީޑް އެސިސްމެންޓް ހެދީމާ ދެނެގަނެވޭ ކައުންސިލާއި ޑަބްލިޔުޑީސީ އާއި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އެންމެ މުހިންމު ތަމްރީންތައް ބޭނުންވާ ދާއިރާތަކަކީ ކޮބައިކަން. މީގެއިތުރުން ރަށްރަށުގެ މޮނިޓަރިންވެސް އެބަހަދަން. މޮނިޓަރިންގހަދާއިރުވެސް އެނގޭ ވީކް އޭރިއާސް. އެ އޭރިއާސްތަކުން ތަމްރީން ކުރުމަށް ހެދި އިންސްޓިޓުއުޓެއް މިއީ.
އަފްޝަން ލަތީފް / އެލްޖީއޭގެ ސީއީއޯ

އަފްޝަން ވިދާޅުވީ ކައުންސިލްތަކަށް ކެރިއާ ބޭސްޑް ޕްރޮގްރާމްތަކެއް ހިންގާއިރު ޕްރޮގްރާމްތައް ވީހާވެސް ގިނަ ފަރާތްތަކާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިހާރުވެސް 4 ފަރާތަކާއެކު އެމްއޯޔޫގައި ސޮއިކޮށްފައިވާއިރު ކުރިޔަށް އޮތްތަނުގައިވެސް އެކި ފަރާތްތަކާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ހިންގާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ބޭރުގެ ފަރާތްތަކާއި ގުޅިގެންވެސް ތަމްރީން ޕްރޮގްރާމްތައް ކުރިޔަށްގެންދިޔުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

ހަމައެކަނި ޓްރެއިން ދިނުމުގެ ބަދަލުގައި ދިރާސާތަކެއްވެސް މިދާއިރާ އާ ގުޅޭގޮތުން މިއިންސްޓިޓިއުޓުން ކުރިޔަށްގެންދާނެކަމަށް އަފްޝަން ވިދާޅުވިއެވެ. އެގޮތުން އެކި ފަރާތްތަކާއި ގުޅިގެން ލާމަރުކަޒީ ނިޒާމާއި ގުޑް ގަވަރނަންސް އާ ގުޅޭ ދިރާސާތައް ހަދާނެކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް ޝަމްއޫން އާދަމް ވިދާޅުވީ ކައުންސިލްތަކަކީ އިދާރީ މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެކެވިފައި އޮންނަކަމަށެވެ. ނަމަވެސް ކައުންސިލްތަކަކީ ރަށްރަށަށް ބޭނުންވާ މުހިންމު މުނިސިޕަލް ޚިދުމަތްތަކެއް ދެމުންދާ ތަނަކަށްވާއިރު އެމަސައްކަތްކުރާ ފަރާތްތަކަށް ފަންނީ އެހީ ދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

މީގެއިތުރުން ކައުންސިލްތަކާއި ގުޅޭގޮތުން އޮޑިޓް އޮފީހުން ހަދާފައި ހުންނަ އޮޑިޓް ރިޕޯޓްތައް އެލްޖީއޭއިން ރިވިއު ކުރާކަމަށާއި ތަމްރީން ޕްރޮގްރާމްތައް އެކަމަށްވެސް އަމާޒުކުރެވިފައި ހުންނާނެކަމަށެވެ.

އަޅުގަނޑުމެން އޮޑިޓް ރިޕޯޓްތައް ރިވިއު ކުރަން. ގިނަ ފަހަރަށް ފާހަގަވަނީ ނޭންގުމުގެ ތެރެއިން ހެދޭ މިސްޓޭކް ހުރޭ. ބައެއް ކައުންސލްތަކުގައި ހުރޭ ގަސްތުގައިވެސް. ނަމަވެސް ގިނައިން ފާހަގަވަނީ އަހުލުވެރިވާންވީ ވަރަށް އަހުލުވެރި ނުވީމާ ހެދިފައި ހުންނަ ގޯސްތަކަށް. އެހެންކަމުން ތަމްރީންތައް ފޯރުކޮށްދެވިއްޖިއްޔާ އެކަންކަން ރަނގަޅުވާނެ.
ޝަމްއޫން އާދަމް/ އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް

އެލްޖީއޭއިން މިހާރުވެސް އަންނަނީ ފިނޭންސް މިނިސްޓްރީ އާއި އޮޑިޓް އޮފީހާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އަދި ކުރިޔަށް އޮތްތަނުގައި މިއިންސްޓިޓިއުޓް އިތުރަށް ފުޅާވެގެންދާނެކަމަށް އެލްޖީއޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް