Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 21:34
މެމްބަރު އިބްރާހިމް 'އައިބީ' ދީދީ އަދި މެންބަރު ޢަބްދުﷲ 'ބޮޗޭ' ރިފާއު
މެމްބަރު އިބްރާހިމް 'އައިބީ' ދީދީ އަދި މެންބަރު ޢަބްދުﷲ 'ބޮޗޭ' ރިފާއު
ޕީޕަލް މެގަޒިން
ޕީޕީއެމް ވައިބަރ ލީކް
ބޮޗޭ އާއި އައިބީވެސް ސަރުކާރަށް ފާޑުކިޔައިފި
ރައީސަށް ޝުކުރުއަދާކުރެވޭނީ ކަރަންޓުބިލް ލިބުނީމަ ކަމަށް މެންބަރުން ވިދާޅުވި
ބޮޗޭ ވިދާޅުވީ ކަރަންޓޫބިލް 125 އިންސައްތަ ބޮޑު ކަމަށް
އައިބީ ވަނީ މާލެ އާއި އަތޮޅުތެރޭގައި ކަރަންޓުދޭ އަގު ހަމަހަމަ ކުރުމަށް ގޮވާލައްވާފަ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) އާއި އައްޑު ސިޓީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ސަރުކާރަށް ނިސްބަތްވާ ގޮތަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވައިފިއެވެ.

ބޮޗޭ އާއި އައިބީ މިގޮތަށް ވާހަކަފުޅު ދައްކަވާފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ މުސްތަޝާރު ފެކްޝަންގެ ޕާލިމެންޓްރީ ގްރޫޕުގެ ވައިބަރ ގްރޫޕެއްގައެވެ.

ލީކުވެފައިވާ ވައިބަރ ޝޮޓްތަކަކުން ފެންނަ ގޮތުގައި ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމައި އާދީއްތަ ދުވަހު އެކަން އިއުލާނު ކުރި ހަބަރުގެ ލިންކެއް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ޕީޕީއެމް ޕީޖީ ވައިބަރ ގްރޫޕަށް ލެއްވުމުން، ގްރޫޕްގައި ތިއްބެވި ގިނަ މެންބަރުން އެކަމާއި ގުޅިގެން ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައެވެ.

ނަމަވެސް އެހެން މެންބަރުންނާއިއެކު ރައީސް ޔާމީނަށް ޝުކުރުއަދާކުރެއްވުމުގެ ބަދަލުގައި، ބޮޗޭ ވިދާޅުވީ ކަރަންޓުގެ އަގަށް އައި ބަދަލާއި ގުޅިގެން އެއްޗެއް ވިދާޅުވާން އެނގިލައްވާނީ ބިލް ލިބިވަޑައިގެންނެވުމުން ކަމަށެވެ. ބޮޗޭ ވިދާޅުވީ، ނިމިގެންދިޔަ މަހުވެސް ކަރަންޓު ބިލް 125 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ.

ބޮޗޭ އިތުރަށް ވިދާޅުވީ، މިފަދަ ކަންކަމުގައި ރައްޔިތުން ހިސާބުޖަހަނީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު އެ ޚިދުމަތް ލިބެން ހުރި އަގާއި އަޅުވައި ކަމަށެވެ. އެހެންކަމުން ކަރަންޓުގެ އަގު 100 އިންސައްތަ ހެޔޮކުރި ނަމަވެސް، ބިލަށް އަރާ މިންވަރު މަދުނުވާނަމަ އެއީ ހައްލެއް ނޫން ކަމަށެވެ.

ބޮޗޭ ވަނީ ކާޑުގެ މައްސަލައިގައިވެސް ކަންވެގެން ގޮސްފައިވަނީ އެހެން ނޫންތޯ ޕީޖީ ވައިބަރ ގްރޫޕުގައި ސުވާލުކުރައްވާފައެވެ.

ބޮޗޭގެ މެސެޖަށްފަހުވެސް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕުގެ ބައެއް އިތުރު މެންބަރުން ވަނީ ރައީސް ޔާމީނަށް ޝުކުރު ދަންނަވާފައެވެ. އަދި އެ މެންބަރުން ރައީސް ޔާމީނަށް ޝުކުރުދަންނަވަމުން ގެންދަވަނިކޮށް، މެންބަރު އައިބީވެސް ވަނީ ކަރަންޓާއި ގުޅޭ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

އައިބީ ވިދާޅުވީ، މާލެ އާއި އަތޮޅުތެރޭ ރަށްރަށުގެ ކަރަންޓު ފީގެ އަގު އެއްވަރުކޮށްފިނަމަ، ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކަންކުރުމަކީ، ރައީސް ޔަމީންގެ ސަރުކާރަށް އަތޮޅު ތެރޭގައި އޮތް ތާއީދު އިތުރުވެގެން ދާނެ ކަމެއް ކަމަށްވެސް އައިބީ ވިދާޅުވިއެވެ.

ވައިބަރ ގްރޫޕުގައި މެންބަރުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާ ސްކްރީންޝޮޓްތަކެއް ލީކުވެފައިވާއިރު، ފަހަކަށް އައިސް އެ ގްރޫޕުގެ ތެރޭގައި ގިނަ މެންބަރުންތަކެއް ކަންކަމާއި ނުރުހުން ފާޅުކުރައްވައި، އެފަދަ މެސެޖުތަކުގެ ސްކްރީންޝޮޓްތައްވެސް ވަނީ ލީކުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް