Advertisement
ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 19:15
 ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
އިމްރާނާއި ނާޒިމް ވަގުތުން މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި
މިއީ ދަށުދަރަޖައިގެ ފިނޑި ޢަމަލެއް
އިމްރާން އަކީ މިވަގުތުވެސް ސިއްޙީ ބައެއް މައްސަލަތައް ކުރިމަތިވެފައިވާ ބޭފުޅެއް
އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އެ ބޭފުޅުންގެ ޢަޒުމަށް އެއްވެސް ބަދަލެއް ނާންނާނެ

ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމް ގޭބަންދުގައި ތިއްބަވަނިކޮށް ކުއްލިގޮތަކަށް އެ ދެބޭފުޅުން ޖަލަށް ބަދަލުކުރި ކުރުން ނިމުމަކަށް ގެނެސް, އެދެބޭފުޅުން ވަގުތުން މިނިވަންކުރުމަށް ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ކާނަލް ނާޒިމް އެކަހެރިކޮށް، ޝައިޚް އިމްރާން އިންސާނިއްޔަތާ ޚިލާފު ޙާލަތެއްގައި ބަންދުކޮށްފައިވުމަކީ މި ހަތަރު ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް، ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަކީ މިވަގުތުވެސް ސިއްޙީ ބައެއް މައްސަލަތައް ކުރިމަތިވެފައިވާ ބޭފުޅަކަށް ވާއިރު ފާޚާނާކުރެވޭނެ އެކަށީގެންވާ ވަސީލަތެއްނެތް، ވައި ދައުރުނުވާ، ހޫނުގަދަ ގޮޅިއެއްގެ ބިންމަތީގައި އަވަހާރަފުޅު ލައްޕަވަން މަޖުބޫރުކުރުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިތުރުން އެއްވެސް ދިވެހި ރައްޔިތަކަށް އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

އެއްވެސް އިންސާނަކާއި މެދު މިފަދަ ރަޙުމްކުޑަގޮތަކަށް ޢަމަލުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތުގައި ވަރުބަލިކަމެއް އަދި ފަސްޖެހުމެއްނެތި  ޝައިޚް އިމްރާން ޢަބްދުﷲ ކުރައްވަމުންގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅު ވަނީ ފާހަގަކޮށްފައެވެ. 

ރައީސް ޔާމީންގެ ފިނޑި އަދި ނާތަހުޒީބު މި ޢަމަލަކީ އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ނުހަނު އުޖާލާކޮށްފެނި، ދިވެހި ރައްޔިތުންނަށް އުންމީދީ ބަދަލުތަކެއްގެ ކޮޅުމަތި ފެންނަމުންދާތީ އާއި، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ހިންގަމުންގެންދިޔަ ނާޖާއިޒު ބާރުތައް ހުއްޓި އެމަނިކުފާނުގެ ސަރުކާރު ބަލިކަށިވެ ގޮތްހުސްވަމުންދާތީ ޙަސަދަވެރިކަމާއެކު ބަދަލު ހިފުމުގެ ގޮތުން ހިންގާ އަނިޔާވެރި ޢަމަލެއް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

އަދި ބިރުދެއްކުމަށްޓަކައި އެ ދެބޭފުޅުން ނުޙައްޤުން ހިފާ ހައްޔަރުކޮށްގެން ރައީސް ޔާމީން ހިންގަވާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން އެ ބޭފުޅުންގެ ޢަޒުމަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ފުރިހަމަ އިތުބާރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕަށާއި މެންބަރުންނަށާއި އަދި ދިވެހި ރައްޔިތުންނަށް އަބަދުވެސް އޮންނަކަން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ދަށުދަރަޖައިގެ ފިނޑި ޢަމަލުތަކުގެ ސަބަބުން ޤައުމު ހަމަމަގަށް އެޅުވުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް މިންވަރެއްގެ ހީނަރުކަމެއް ނާންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް