މާލޭގައި ގިނަ ފަރާތްތަކުން ދިރިއުޅެމުން އަންނަނީ އެޕާޓްމަންޓުތައް ކުއްޔަށް ހިފައިގެންނެވެ. މިގޮތަށް ކުއްޔަށް އެޕާޓްމަންޓުތައް ހޯދުމަކީ ވެސް އެހާމެ ދަތިކަމެކެވެ. އެހެންކަމުން ބޭނުންވާ ރަނގަޅު އަގެއްގައި، ރަނގަޅު ފެންވަރުގެ އެޕާޓްމަންޓެއް ލިބެން ހުންނަނަމަ އެއަށް ޝައުގުވެރިކަން ފާޅު ކުރެއެވެ. ނަމަވެސް މިފަދަ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ވަރަށް ގިނައެވެ.
މާލޭގައި ކުއްޔައް ތަންތަން ދިނުމުގައި އޮޅުވާލާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިފަދަ ގިނަ އަދަދެއްގެ މައްސަލަތައް ފުލުހުންނަށް ވެސް ހުށަަހަޅާއިރު އޮޅުވާލާ ފަރާތްތަކުން ވެސް އެ މީހުން ގެންގުޅޭ އުކުޅުތަކަށް ބަދަލުތައް ގެނެއެވެ. މިހާރު ފެނިގެންދަނީ އެފަދަ ތަފާތު އުކުޅެކެވެ.
އެޕާޓްމަންޓް ކުއްޔަށް ދޫކުރުމަށް އިޝްތިހާރު ކުރުމަށްފަހު އެޕާޓްމަންޓު ދެއްކުމާ ހަމައިން ފެށިގެން ކޮންޓްރެކްޓުގައި ސޮއި ކުރުމާ ހަމައަށް ހުރިހާ ކަމެއް ވެސް ދަނީ ވަރަށް ރަނގަޅަށެވެ. ޝައްކުވާފަދަ އެއްވެސް ކަމެއް ނުހިނގައެވެ. އެ އެޕާޓްމަންޓު ދިނުމުގައި އޮޅުވާލާފައިވާކަން އެނގެނީ ފައިސާ ހަވާލުކޮށް، ގެއަށް ވަންނަން އުޅޭ ހިސާބުންނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި މިގޮތަށް މަކަރު ހަދާ ފަރާތްތަކުން ފުރަތަަމަ ގޭގެ ވެރިފަރާތުގެ އަތުން އެޕާޓްމަންޓެއް ކުއްޔަށް ހިފަނީއެވެ. އެއަށްފަހު އެ އެޕާޓްމަންޓަކީ އޭނާގެ އަމިއްލަ ތަނެއްގެ ގޮތުގައި އެހެން މީހުންނަށް ދައްކަނީއެވެ. އަދި އެ ފަރާތްތަކާއެކު އެއްބަސްވުމެއް ހަދައެވެ. މި އެއްބަސްވުމަކީ އޮޅުވާލާ މީހާ އާއި ގޭގެ ވަރިފަރާތާ ދެމެދު ވެފައިވާ އަސްލު އެއްބަސްވުމަށް ބަދަލުތައް ގެނެސްގެން އޭނާ ހަދާފައިވާ ފޭކު އެއްބަސްވުމެކެވެ.
މިގޮތަށް ބައެއް މީހުން އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ދައްކައިގެން އެފަރާތްތަކުގެ އަތުން އޮޅުވާލައިގެން ލައްކައިން ފައިސާ ހޯދާފައި އެބަހުއްޓެވެ.
މިފަދަ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހަޅާ އަދަދު އިތުރުވެފައިވާތީ އެ އޮފީހުން ވަނީ އެކަމަށް ސަމާލުވުމަށް ވެސް އެދިފައެވެ. އެގޮތުން، މިފަދަ އޮޅުވާލުންތަކުން ސަމާލުވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި އެޕާޓްމަންޓު ކުއްޔަށް ދޫކުރާ މީހާއަކީ ހަގީގަތުގައި ވެސް އެއްބަސްވުމުގައި ބުނާ މުއްދަތަކަށް ކުއްޔަށް ދެވޭނެ މީހެއްކަން ކަށަވަރު ކުރުން ހިމެނެއެވެ.
މީގެ އިތުރުން އެއްވެސް ކަމަކާ ޝައްކުވާ ހާލަތެއް މެދުވެރިވެއްޖެނަމަ ގޭގެ ހަގީގީ ވެރިފަރާތާ ބައްދަލުކޮށް، އަސްލު ކަންކަން އޮތްގޮތް އޮޅުން ފިލުވުމަކީ ވެސް ބުއްދިވެރިކަމެކެވެ. އަދި އަމިއްލަ ރައްކާތެރިކަމަށާއި ތަހުގީގުތަކަށް ބޭނުންވާނެތީ މިފަދަ މުއާމަލާތަތްތަކުގައި ބޭނުންކުރާ ހުރިހާ ލިޔެކިޔުމާއި ފައިސާ ދެއްކިކަމުގެ ލިޔެކިޔުންތައް ރައްކާ ކުރުމަކީ ވެސް ބުއްދިވެރި ކަމެކެވެ. މިފަދަ ލިޔެކިޔުންތައް ރައްކާ ކުރުމުން އެ މީހަކަށް ލިބޭ ގެއްލުން ކުޑަކޮށް، ބަދަލު ހޯދަން ފަސޭހަވާނެއެވެ.
ތަންތަން ކުއްޔަށް ދިނުމުގައި މިފަދަ އޮޅުވާލުންތައް އޮޅުވާލާ ފަރާތްތަކަށް ސައްޙަ ނޫން ގޮތުގައި ލިޔުން އުފެއްދުން ނުވަތަ ފޯޖަރީ އާއި ޓެކުމުގެ ކުށުގެ ދައުވާ ކުރެވޭނެއެވެ. އަދި އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 11 އަހަރު ދުވަހުގެ މުއްދަކަށް ޖަލަށްލުމާއެކު ނެގި ފައިސާ އަނބުރާ ދައްކަން ވެސް ޖެހޭނެއެވެ.
ފައިސާގެ މުއާމަލާތްތަކަކީ އަބަދުވެސް ވަރަށް ސަމާލުކަން ދީގެން ކުރަން ޖެހޭ މުއާމަލާތްތަކެވެ. ހާއްސަކޮށް ބޮޑެތި އަދަދުތަކުން ފައިސާގެ މުއާމަލާތެއް ކުރާނަމަ އެކަމުގެ ހުރިހާ ލިޔެކިޔުމެއްގެ ސައްޙަކަން ކަށަވަރު ކުރުމާއި އެ ލިޔެކިޔުންތައް ރައްކާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.