ކ. މާލެ
|
17 ފެބްރުއަރީ 2023 | ހުކުރު 16:51
ގައުމީ ކުތުބުހާނާގެ ޗީފް ލައިބްރޭރިއަން ހައްވާ ނާސިހާ --
ގައުމީ ކުތުބުހާނާގެ ޗީފް ލައިބްރޭރިއަން ހައްވާ ނާސިހާ --
ދިވެހިދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 2022
ކުރިމަތިލާން ޖެހުނުު ގޮންޖެހުންތަކުގެ ބާރުވެރިއަކަށް މައިންބަފައިން ނެތްނަމަ މިހާ ގިނަ ދުވަހު ހިދުމަތުގައި ދެމި ނުތިބެވުނީސް: ނާސިހާ
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 86 ބޭފުޅަކަށް ވަނީ އިނާމުދެއްވައިފައި

ހަޔާތުގައި ކުރިމަތިލާން ޖެހުނުު ގޮންޖެހުންތަކުގެ ބާރުވެރިއަކަށް މައިންބަފައިން ނެތްނަމަ އެހާ ގިނަ ދުވަހު ޚިދުމަތުގައި ދެމި ނުތިބެވުނީސްކަމަށް ދިވެހިރާއްޖޭގެ ގައުމީ ކުތުބުހާނާގެ ޗީފް ލައިބްރޭރިއަން ހައްވާ ނާސިހާ ވިދާޅުވެއްޖެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާ ގައި އިނާމު ހާސިލުކުރެއްވި ބޭފުޅުންގެ ފަރާތުން ވާހަކަ ދައްކަވަމުން ނާސިހާ ވިދާޅުވީ މީގެ ތިރީސް ނުވަތަ ސާޅީސް އަހަރު ކުރިން އެ ބޭފުޅުންނަކީ ވެސް ޒުވާނުން ކަމަށާއި މަޖަލާއި ސަމާސާކުރުުމުގައި ވަގުތު ހޭދަކުރުމަށްފަހު އަނެއް ދުވަހު އޮފީހަށް ނުކުތުން ބުރަވާ ކޮންމެ ވަގުތަކު އަޒުމު ވަރުގަދަކޮށްދީ ހިތްވަރު އާލާކުރުވާ ހީވާގި ބައެއްގެ ގޮތުގައިވުމަށް ނަސޭހަތްތެރިވެދެއްވި އެންމެ އިސްބަޔަކީ އެ ބޭފުޅުންގެ މައިން ކަމަށެވެ. އެ ޅަނދޮޅު ދުވަސްތަކުން ފެށިގެން އަދާހަމައަށް ވެސް ހަޔާތުގައި ކުރިމަތިލާން ޖެހުނުު ގޮންޖެހުންތަކުގެ ބާރުވެރިއަކަށް މައިންބަފައިން ނެތްނަމަ މިހާ ގިނަ ދުވަހު ހިދުމަތުގައި ދެމި ނުތިބެވުނީސްކަން ކަށަވަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތިރީސްފަސް އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތްކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެ ދިގު މުއްދަތުގައި ލައްކަ ގިނަ ކަންތައްތަކާ ދިމާވެ އެތަކެއް ދަތިތަކެއް ހުރަސްކޮށް ގިރާކުރަން ޖެހިފައި ހުންނާނެ ކަމަށާއި ގަޔާނުވާ ކަންކަމާއި މާޔޫސްވާ ހާލަތު ވެސް ދިމާވެފައިވާނެ ކަމަށް ނާސިހާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަންކަން އެއްފަރާތްކޮށް އެއީ ވެސް ތަޖުރިބާއެއް ކަމުގައި ބަލައި ކުރިއަށް ދިއުމުގެ ހިތްވަރާއި ބާރު ލިބެނީ ހިދުމަތްކުރި ވުޒާރާތަކުގެ އެކި ފެންވަރުގެ މުވައްޒަފުންގެ އެހީގައި ކަމަށާއި އެކުގައި މަސައްކަތްކުރި އަހުންނާއި އުހުތުންގެ އެކުވެރިކަމާއި އެއްބާރުލުމުގެ ބާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ނާސިހާ ވިދާޅުވީ ބުރާސްފަތިދުވަހުގެ ރޭ އިނާމު ހާސިލުކުރެއްވި ކޮންމެ ބޭފުޅެއްގެ ތައާރަފް ވިދާޅުވަމުން ގެންދެވިއިރު ހިތްތައް ފޮޅިގެން ދިޔަ ކަމަށާއި އުމުރާއެކު ފަނޑުވަމުންދިޔަ ހިތްވަރު އާލާވެގެން ދިޔަ ކަމަށެވެ. އަދި ދިވެހި ސަރުކާރުން ހިދުމަތުގެ އަގުވަޒަން ކުރައްވާ ދެއްވި އިނާމުގެ ސަބަބުން ގައުމަށް ފައިދާކުރުވަނިވި ހިދުމަތްތަކެއް ކުރެވިއްޖެކަމުގެ ޔަގީންކަން ލިބިގެން ހިނގަައްޖެކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޒުވާނުންނާ މުހާތަބުކުރައްވާ ނާސިހާ ވިދާޅުވީ މީހާ މީހަކަށް ވެވޭނީ ލައްކަ މަސައްކަތުން ކަމަށާއި ޒުވާންކަމާއެކު ނަގާ މަޖަލާ އެއްވަރަށް ހަރުދަނާ ވެސް ވެވިގެން ކަމަށެވެ.

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 86 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޝަރަފުގެ ބެޖާއި އައްޑަނަ ބުރާސްފަތި ދުވަހުގެ ރޭ ދެއްވިއެވެ. މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް