ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 21:49
ރައީސް - ބޮޑުފޮޅުދޫ ކައުންސިލާ ބައްދަލު ކުރައްވަނީ
ރައީސް - ބޮޑުފޮޅުދޫ ކައުންސިލާ ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
ކައުންސިލް ޕަފޯމަންސް އިންޑެކްސް
2021ގެ އެންމެ ރަނގަޅު ކައުންސިލްތަކުގެގޮތުގައި ށ އަތޮޅު ކައުންސިލާއި ބޮޑުފޮޅުދޫ ކައުންސިލް
2021 ވަނަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލްތަކަކީ ށ އަތޮޅު ކައުންސިލާއި އއ ބޮޑުފޮޅުދޫ ކައުންސިލް

ލޯކަލް ކައުންސިލްގެ ޕަރފޯމަންސް އިންޑެކްސްގައި 2021 ވަނަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލްތަކުގެގޮތުގައި ށ އަތޮޅު ކައުންސިލާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ހޮވިއްޖެއެވެ.

ލޯކަލް ކައުންސިލްގެ ޕަރފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ކައުންސިލްތަކުގެ ރޭންކިންގ ކަނޑައެޅުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތައާރަފުކުރި އިންޑެކްސްއެކެވެ. މި އިންޑެކްސް އެންމެ ފުރަތަމަ ތައާރަފުކުރީ 2015 ވަނަ އަހަރުއެވެ.

މި އިންޑެކްސް އެކުލަވާލުމުގައި އަރބަން ގަވަރނަންސްގެ މައިގަނޑު އަސާސްތަކާއި "ގްލޯބަލް ކެމްޕޭން އޮން އަރބަން ގަވަރނަންސް"ގެ މައިގަނޑު ކަންކަމަށް އެލްޖީއޭއިން ބަލައެވެ. އެގޮތުން 2021 ވަނަ އަހަރުގެ މި އިންޑެކްސް ހޯމަ ދުވަހު އެލްޖީއޭއިން ވަނީ އިއުލާން ކޮށްފައެވެ.

އެލްޖީއޭއިން އިއުލާންކޮށްފައިވާގޮތުގައި، ޕަފޯމަންސް އިންޑެކްސްގެ އެންމެ މަތީ ދަރަޖަ ހާސިލުކޮށް، ތިން އަތޮޅު ކައުންސިލަކާއި ތިން ރަށެއްގެ ކައުންސިލުން ވަނީ އެވޯޑު ހާސިލް ކޮށްފައެވެ. އެގޮތުން އެންމެ މަތީ ދަރަޖަ ހާސިލްކުރާ އަތޮޅު ކައުންސިލްތަކަށް ގަދަހަމާންތި ދަރަޖަ ދޭއިރު، ރަށު ކައުންސިލްތަކަށް ދެނީ ރަނަހަމާންތި ދަރަޖައެވެ.

ގަދަހަމާންތި ދަރަޖަ ލިބުނު ކައުންސިލްތައް:

  1. މިލަނދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
  2. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
  3. ހައްދުންމަތީ އަތޮޅު ކައުންސިލް

ރަނާހަމާންތި ދަރަޖަ ލިބުނު ކައުންސިލްތައް:

  1. އއ. ބޮޑުފޮޅުދޫ ކައުންސިލް
  2. ބ. ފެހެންދޫ ކައުންސިލް
  3. ހއ. ތުރާކުނު ކައުންސިލް

މި ހަފްލާގައި އެކި ދާއިރާތަކުން މާރާދަ ހަނދާނީ ފިލާ ލިބޭ ކައުންސިލްތައްވެސް އެލްޖީއޭއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނަށް އަމަލުކުރުމާ ގުޅޭ އުސޫލުން، ހިންގުމުގެ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސްއިން އެ ހަނދާނީ ފިލާ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި ޅ. ކުރެންދޫއިން ވަނީ ހާސިލްކޮށްފައެވެ.

މީގެ އިތުރުން އިފެކްޓިވް އިންޑެކްސް ބައިން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި ބ. ފެހެންދޫ ކައުންސިލުން ހަނދާނީ ފިލާ ހާސިލް ކޮށްފައިވާއިރު، ޕާރޓިސިޕޭޝަން އިންޑެކްސްއިން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި އއ. ބޮޑުފޮޅުދޫ ކައުންސިލް، އެކައުންޓެބިލިޓީ އިންޑެކްސްއިން މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި ތ. ބުރުނީ ކައުންސިލް، ސެކިއުރިޓީ އިންޑެކްސްއިން މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާއި ރ. ހުޅުދުއްފާރު ކައުންސިލް ވަނީ ހަނދާނީ ފިލާ ހާސިލްކޮށްފައެވެ.

އެލްޖީއޭއިން ބުނިގޮތުގައި 2020 ވަނަ އަހަރާ އަޅައިބަލާއިރު ޕަރފޯމަންސް އިންޑެކްސްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން ކާންނާ ހަނދާނީ ފިލާ 2021 ވަނަ އަހަރު ހާސިލްކުރީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުންނާއި ބ. ކަމަދޫ ކައުންސިލުންނެވެ.

ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް ރިވިއު ކުރުމުގައި މަސައްކަތް އެލްޖީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން މިއަހަރުން ފެށިގެން ކައުންސިލްތައް މިންކުރުމުގައި ގެންގުޅޭނީ އައު އިންޑެކްސް ކަމަށް އެލްޖީއޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް