ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެން ފުލުހުންނަށާއި ހޯމް މިނސްޓްރީއަށް ފޮނުވި ސިޓީއަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
އަދީބުގެ ސިއްޙީ ހާލަތާ މެދު އިވޭ އަޑުތައް ކަށަވަރު ކުރުމަށާއި އެމަނިކުފާނުގެ ހާލަތު ދެނެގަތުމަށް ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ އިސްވެރިން އަދީބާ ބައްދަލުކުރުމަށް އެދިވަޑައިގެންނެވީ މިދިޔަ ޖޫން މަހު އެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން އަދީބާއި ބައްދަލުކުރައްވަން ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހަށް އަދި ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. އެމްޑޕީން ބުނެފައިވާ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އަދީބާ ބައްދަލު ކުރައްވަން އެދިވަޑައިގެންނެވީ އަދީބުގެ ސިއްޙީ ހާލަތާ މެދު އިވޭ އަޑުތައް ކަށަވަރު ކުރުމަށާއި އެމަނިކުފާނުގެ ހާލަތު ދެނެގަތުމަށެވެ.
އަދީބުގެ ބަލި ހާލަތު ބައްލަވަވާ އެކަމަށް ބޭސްފަރުވާ ކުރެވޭނެ ގޮތެއްް ހައްދަވާ ދެއްވުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ އަރިހުން ވެސް އަދީބު އާއިލާއިން ވަނީ އެދިފަ އެވެ. ނަމަވެސް އެކަމަށް ޕީޕީއެމް ޕީޖީ ގުރޫޕުން އިޖާބައެއް ނުދެެ އެވެ.
އަދީބުގެ އާއިލާއިން ބުނެފައިވަނީ އަދީބުގެ ސިއްހީ ހާލަތު ވަރަށް ސީރިއަސް ކަމަށާއި އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ޖަލުގައި އަވަހާރަ ވެދާނެ ކަމަށެވެ. އަދި އަދީބުގެ ލޮލުގެ ފެނުން ވެސް ގެއްލިދާނެ ކަމަށް ވެސް އާއިލާއިން ގެންދަނީ ބުނަމުންނެވެ.