މޫނުގެ ހަންގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް ދޮންފަޅޯ ބޭނުން ކުރެވިދާނެ
13 ފެބްރުއަރީ 2023 | ހޯމަ 14:28
ދޮން ފަޅޯ
ދޮން ފަޅޯ
ާއިންޑިއާ ޓީވީ

ފަޅޮލަކީ ރާއްޖެއިން ފަސޭހައިން ލިބޭ، އޭގައި ގިނަ ފައިދާތަކެއް އެކުލެވިގެންވާ ހައްދާލަން ވެސް އެހާ ފަސޭހަ މީރު މޭވާއެކެވެ.

ދޮންފަޅޮލުން މައިގަނޑު ގޮތެއްގައި އެންމެ ބޮޑު ފައިދާއެއްވަނީ ހަށިގަނޑުގެ ހަންގަނޑަށެވެ. ފަޅޯ ކެއުމުން އޭގައި ހުންނަ އެނަޒައިމްގެ ސަބަބުން ހަންގަނޑަށް ބޭނުންވާ ފިނިކަން ގެނެސްދީ އަދި ހަންގަނޑު އައުވުމަށް ބާރު އަޅައިދެއެވެ. ފަޅޮލުގައި ގިނަ މިންވަރަކަށް ވިޓަމިން އޭ، ވިޓަމިން ސީ އަދި މިނަރަލްސް ހިމެނެއެވެ. ވިޓަމިން އޭ އަކީ ލޮލަށް ބޭނުންވާ ވިޓަމިނެއްކަމަށް ވާއިރު ވިޓަމިން ސީ ބޭނުން ކުރުމުން ނޭވާލާ ނިޒާމު ސާފުވެ ރޯގާ ޖެހުމުން ދުރުކޮށްދެއެވެ. މިނަރަލްސް އަކީ ވެސް ނާރުތައް ރަނގަޅަށް މަސައްކަތް ކުރުމަށް މުހިންމު މާއްދާއެކެވެ. 

ތަފާތު ސަބަބުތަކާހެދި ހަށިގަނޑުގެ އެކިތަންތަނަށް ކުރިމަތިވާ އިންފްލެމޭޝަން (ދުޅަވެ ދޮސްގަތުން) ފަދަކަންކަމުން ވެސް ފަޅޯ ބޭނުންކުރާ ނަމަ ދުރުކޮށްދޭނެއެވެ. ޚާއްސަކޮށް ބަނޑު ހިކުމުން ކުރިމަތިވާ ފުރަގަސްފަރާތު ބައްޔާ ވެސް ދުރުކޮށްދެއެވެ.

އާންމުކޮށް ފަޅޯ ކެއުމަށް ބޭނުންކުރާ ނަމަ ހަންގަނޑަށް ލިބޭ މައިގަނޑު ފައިދާތަކުގެ ތެރޭގައި ހަންގަނޑުގަައި ހުންނަ ލައް ފާޑު އެއްޗެތި ފިލުވާދީ، ހަންގަނޑުގެ ކުލަ އެއްވަރު ނުވެފައި ހުންނަ ތަންތަން ރަނގަޅުކޮށް ދިނުން، ހަންގަނޑަށް ރޫ ޖެހުން ދުރުކޮށްދިނުން، ހަންގަނޑު މަޑުކޮށް އޮމާންކޮށްދިނުން ހިމެނެއެވެ.

އަދި ފަޅޮލަކީ ފެން ގިނަ، ފެޓްގެ ބައި ވަރަށްކުޑަ މޭވާއަކަށް ވުމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ބޭނުން ކުރަން ވަރަށް ރަނގަޅު މޭވާއެކެވެ.  

ފަޅޯ ކެއުމަށް ބޭނުން ކުރުމުގެ އިތުރުން ފަޅޮލަކީ މޫނުގެ ހަންގަނޑު ރީތިކޮން ބެހެއްޓުމަށް ވެސް މިހާރަކަށް އައިސް ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. ޚާއްސަކޮށް އެކި އުމުރުފުރައިގެ އަންހެނުން މިގޮތަށް މޫނުގެ ވިދުން ދެމެހެއްޓުމަށް ފަޅޯ ބޭނުން ކުރެއެވެ.

މޫނުގަ ފަޅޯ ބޭނުން ކުރާނެ ގޮތް

ރަނގަޅަށް ފާވެފައިވާ ފަޅޮލެއް ފަލާލުމަށް ފަހު އޮށްތައް ކަހާލައި ސަމުސަލަކުން ކޮނެލާގޮތަށް ދެސަމުސާ ފަޅޯ ނެގުމަށްފަހު ކުޑަތައްޓަކަށް އަޅައި، އެއަށް އެލޯވެރާ ޖެލް ކޮޅެއް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށް ގަށާލާށެވެ. އަސްލު އެލޯވެރާ ގަހަކުން ފްރެޝް ޖެލް ލިބެން ނެތް ނަމަ ވިއްކަން ހުންނަ ޖެލްވެސް ރަނގަޅުވާނެ އެވެ. އެލޯވެރާ ނުލިބިއްޖެ ނަމަ ކުޑަ ފިނިފެން ފޮދެއް އަޅާށެވެ. މިގޮތަށް ފަޅޯކޮޅު ރަނގަޅަށް ގަށާލުމަށް ފަހު ލޯކައިރި އާއި އަންގަ ކައިރި ފިޔަވައި މޫނުގައި، ކުޑަކޮށް ބޯކޮށް ހުންނަ ވަރަށް އުނގުޅާށެވެ.

ފަޅޯ ފޭސް ޕެކް އަޅާފައި - އިންޑިއާ ޓީވީ

އަދި ވިއްސަކަށް މިނެޓު ބެހެއްޓުމަށްފަހު ހުސް ފެންފޮދަކުން ދޮވެލާށެވެ. ދޮވެލުމުގެ ކުރިން އަތުގައި ފެން ފޮދެއްލުމަށް ފަހު ފަޅޯކޮޅު މޫނުގައި ހާކާ މަސާޖް ވެސް ކޮށްލާށެވެ.

އެކި މީހުންގެ މޫނުގެ ހަންގަނޑު ތަފާތުވުމުންނެވެ. ބައެއް މީހުންގެ ހަންގަނޑުގައި އަބަދުވެސް ތެޔޮކަން ހުންނަ އިރު އަނެއްބައި މީހުންގެ ހަންގަނޑު ހުންނަނީ ވަރަށް ހިކިފަ އެވެ. އަދި އަނެއް ބައި މީހުންގެ މޫނުގައި ވަރަށް ފަސޭހައިން ބިއްސާއި އޮށާޅަ ނަގާގޮތް ވެއެވެ. އެހެންކަމުން މިފަދަ ތަފާތު ހަންގަނޑަށް ފަޅޮލާއެކު ތަފާތު ތަކެތި އެއްކޮށްލާށެވެ. މިގޮތުން ހަންގަނޑު ތެޔޮ ނަމަ ފަޅޯކޮޅާ އެއްކުރާނީ މާމުއި ކޮޅެކެވެ. ހަންގަނޑު ހިކި ނަމަ ކުޑަސަމުސަލެއްހާ ކިރު ފޮދެއް އެއްކުރާށެވެ. އަދި އޮށާޅަ ނަގާނަމަ ކުޑަސަމުސަލެއްހާ ލުނބޯ ހުތް ފޮދަކާ އެކު ކިއުކަމްބާ ދިޔަފޮދެއް އެއްކުރެވިދާނެއެވެ.   

މައުލޫމާތު : އިންޑިޔާ ޓީވީ

- ކޮމެންޓް