ކުޑަގިރީގައިވެސް ޤާއިމުކޮށްފައިވާނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމެއްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު އެހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާހު ވިދާޅުވީ، ކުޑަގިރީގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކަކީ އެމްޑަބްލިއުއެސްސީގެ ތާރީޚުގައިވެސް ސީއެސްއާރުގެ ޕްރޮޖެކްޓަކަށް އެންމެ ބޮޑު ޚަރަދެއް ކުރި އެއް ޕްރޮޖެކްޓު ކަމަށެވެ.
ކުޑަގިރީގައިވެސް ޤާއިމުކޮށްފައިވާނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމެއްކަންވެސް ޝާހު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ބަލާއިރު، 100 ޓަނުގެ ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށްޓަކައި 230 ޓަނުގެ ދެ ތާންގީ ބަހައްޓާފަައިވާއިރު، 2.2 ކިލޯމީޓަރުގެ ފެނާއި ނަރުދަމާގެ ނެޓްވޯކެއްވެސް އެމްޑަބްލިއުއެސްސީން ވަނީ އެރަށުގައި ޤާއިމުކޮށްފައެވެ.
100 ޓަނުގެ ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށްޓަކައި 230 ޓަނުގެ ދެ ތާންގީ އަޅުގަނޑުމެން ބަހައްޓާފައި ހުންނާނެ، އޭގެ މާނައަކީ ފެން ޕްލާންޓުގެ މައްސަލަ ޖެހުނުކަމުގައިވިޔަސް، ކުޑަގިރިއަށް އަރާ ފައިބާ މީހުންގެ އަދަދަށް ބަލާއިރު ފެނަށް ނުޖެހި، ގާތްގަނޑަކަށް 5 ވަރަކަށް ދުވަސް، 7 ވަރަަކަށް ދުވަސް ހުރެވޭނެއޭ، އަދި 2.2 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއްވެސް އަޅުގަނޑުމެން އެރަށުގައި ޤާއިމުކޮށްފައިވާނެއެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު
ކުޑަގިރީގައި ޤާއިމުކޮށްފައިވާ ފެން ޕްލާންޓުން އެއްފަހަރާ 1000 މީހުންނަށްވެސް ފެން ފޯރުކޮށްދެވޭނެކަމަށް ޝާހު ވިދާޅުވިއެވެ. އެގޮތުން ދެ ނިޒާމެއްގެ ދަށުން ފެން ފޯރުކޮށްދެވެމުންދާއިރު، ދެގޮތަކީވެސް ބޯން ރައްކާތެރި ފެން ފޯރުކޮށްދޭ ނިޒާމެއް ކަމަށް ޝާހު ވިދާޅުވިއެވެ.
ކުޑަގިރިއަކީ ދަތުރުދާ ފަރާތްތަކަށް ތަފާތު ގިނަ ޚިދުމަތްތަކެއް ތަޖުރިބާ ކޮށްލެވޭ ގޮތަށް ތަރައްޤީ ކޮށްފައިވާ ރަށެއްގެ ގޮތުގައިވެސް ޝާހު ވަނީ ސިފަ ކުރައްވާފައެވެ. ޝާހު ވަނީ ފެން ބޭނުން ކުރުން ފަދަ އެކި ޚިދުމަތްތައް ރައްޔިތުން ބޭނުންކުރާއިރު ވީހާވެސް އިސްރާފު ކުޑަވާނެ ގޮތަށް ޚިދުމަތްތަކުގެ ބޭނުން ކުރުމަށް އެދިވަޑައިގަންނަވާފައެވެ.
ކުޑަގިރިއަކީ ތިމާވެެއްޓާ ރަށްޓެހި ކޮންސެޕްޓަކަށް ތަރައްޤީ ކޮށްފައިވާ ރަށެއްކަންވެސް ޝާހު ފާހަގަ ކުރެއްވިއެވެ.