ކ. މާލެ
|
11 ފެބްރުއަރީ 2023 | ހޮނިހިރު 12:19
މާލޭގައި ޒަކާތް ބަލައިގަންނަނީ
މާލޭގައި ޒަކާތް ބަލައިގަންނަނީ
މުހައްމަދު ޝަރުހާން
މުދަލު ޒަކާތް
ޖެނުއަރީ މަސް ނިމުނުއިރު މުދަލު ޒަކާތުގެގޮތުގައި 5 މިލިއަން ރުފިޔާ ލިބިފައިވޭ
2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިން
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން

މިއަހަރުގެ ފުރަތަމަ މަސް ނިމުނުއިރު މުދަލު ޒަކާތުގެގޮތުގައި 5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް, މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު މުދަލު ޒަކާތުގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.

މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ނިޞާބު އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ބޮޑުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 30 ޖެނުއަރީ އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ، ނިޞާބަކީ، 7062.65 ރުފިޔާއެވެ. މިއީ އެންމެ ފަހުން ކަނޑައެޅި ނިޞާބާ އަޅާ ބަލާއިރު 1285.2ރުފިޔާގެ ބޮޑު އަދަދެކެވެ. 

އާންމު ގޮތެއްގައި މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރުވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ)އިންނެވެ. އިލްމުވެރިން ވިދާޅުވާގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.

ނިސާބު ހަމަވާވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ، އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެގޮތުގައި ދެއްކުމަކީ ދީނީ ވާޖިބެކެވެ.

މިދިޔަ އަހަރު މީރާއިން ބަލައިގެންފައިވާ މުދަލުޒަކާތުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، 91.4 މިލިއަން ރުފިޔާ ބަލައިގެންފައިވަނީ ދިވެހި ފައިސާއިންނެވެ. އަދި 8،315 ޑޮލަރު ވަނީ ބަލައިގެންފައެވެ.

މީގެ ކުރިން މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަތް ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް