ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސްދީގުކުރެއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ގާނޫނަށް އަމަލުކުރަން ފަށައިފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑޭ) ހުށަހެޅުއްވި ޖިނާއީ އިޖުރާއަތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު އެވެ. ރައީސް އަބްދުﷲ ޔާމީން އެ ބިލް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ.
މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު އެ ގާނޫނަށް އަމަލުކުރަން ފަށަންވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް ސަރުކާރުގެ ފަރާތުން ވަނީ ގާނޫނަށް އަމަލުކުރުން ހަ މަސް ދުވަހަށް ފަސްކުރުމަށް އިސްލާހު ހުށަހަޅާފަ އެވެ. ޖުލައި ދެ ވަނަ ދުވަހު ގާނޫނަށް އަމަލުކުރަން ފަށާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، އެހެންކަމުން އެ ބަދަލުތަކަށް އަމަލު ކުރަން ފެށޭނީ ޝަރުއީ ދާއިރާއާއި ގާނޫނު ތަންފީޒު ކުރާ އެހެނިހެން އިދާރާތަކާ އަދި ޕްރޮސެކިއުޓަރުން ތަމްރީންކޮށްގެން ކަމަށް ބުނެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ފާއިތުވި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.
ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް އެ ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުން ކުޑަތަންވެފައިވަނިކޮށް ސަރުކާރުގެ ފަރާތުން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ގާނޫނުގެ 60 އަށްވުރެ ގިނަ މާއްދާ އިސްލާހުކުރަންޖެހޭ ގޮތަށް ބިލެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް، މަޝްވަރާކުރުމެއް ނެތި ކުއްލިއަކަށް ހުށަހެޅި އިސްލާހެއް ކަމަށް ބުނެ ސަރުކާރު ކޯލިޝަންގެ މެންބަރުގެ މެދުގައި ބިލާ މެދު ޚިޔާލުތަފާތުވުން ބޮޑުވުމުގެ ސަބަބުން އެ ބިލް ވަނީ އަނބުރާ ގެންގޮސްފަ އެވެ.