ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 16:34
ތަސްވީރަކާއި އެ ތަސްވީރު ކިޔައިން ހިތްދަތި ވާހަކަ
ތުރުކީ-ސޫރިޔާ ބިންހެލުން
ތުރުކީ-ސޫރިޔާ ބިންހެލުން: ތަސްވީރަކާއި އެ ތަސްވީރު ކިޔައިދިން ހިތްދަތި ވާހަކަ
ރެސްކިއު ޓީމަށް ޢަބްދުލްޢާލިމް ފެނުނުއިރު އޭނާގެ ދެފައި އޮތީ ކޮންކްރީޓު ދަށުވެފައި
ސަލާމަތްކުރެވުނު އިރު މީހާގެ ހަށިގަނޑުން ފެން މަދުވެ، ސިއްހީ ފަރުވާއަށް ވަނީ ބޭނުން ޖެހިފަ

ސީރިޔާއާއި ތުރުކީ ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް، ޢަބްދުލްޢާލިމް މުޢައިނީ މަޑުމަޑުން ހަނާއަޅާލިއެވެ. އޭރު އޭނާވެސް އޮތީ މާސިންގާ ކޮންކްރީޓުގަނޑެއްގެ ދަށުގައި ތާށިވެފައެވެ. ތުރުކީވިލާތުގެ ހަތޭއަށް ބާރުގަދަ ބިންހެލުމުގައި ބިމާ ހަމަކޮށްލި އޭނާގެ ގޭގެ ފާރުތަކުގެ ދަށުގައި ޢަބްދުލްޢާލިމް ތާށިވެފައި އޮންނަތާ އޭރު 2 ދުވަސްވެއްޖެއެވެ.

ޢަބްދުލްޢާލިމްގެ ފަހަތުގައި އޮތީ އޭނާގެ ދެލޯނޭދި އެދުނު އަނބިމީހާ، އިސްރާއެވެ. ރެސްކިއު ޓީމަށް އެހިސާބަށް ދެވުނުއިރު ވަޤުތު ފާއިތުވެއްޖެއެވެ. އިސްރާގެ ފުރާނައެއް ނެތެވެ.

އުމިތު ބިކްތާސްއަކީ ރޮއިޓަރޒްގެ ފޮޓޯގްރާފަރެކެވެ. އޭނާ ދިޔައީ ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ވަރުގަދަ ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ހަތޭގެ މަންޒަރުތައް، އޭނާގެ ކެމެރާއަށް ނަގަމުންނެވެ. ރެސްކިއު ޓީމުގެ މެންބަރުންނާ އޭނާ ކުރަމުން ދިޔަ ސުވާލަކީ، އެއްވެސް މީހަކު ދިރިހުއްޓާ ސަލާމަތް ކުރެވުނުތޯ ކުރި ސުވާލެވެ. އެ ސުވާލު ކުރެވުނީ ކިތައް ފަހަރު ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

މި ފަހަރު ލިބުނީ ޢުއްމީދީ ޖަވާބެކެވެ. ޢަބްދުލްޢާލިމް ސަލާމަތް ކުރެވުނު ވާހަކައެވެ.

ރެސްކިއު ޓީމަށް ޢަބްދުލްޢާލިމް ފެނުނުއިރު އޭނާގެ ދެފައި އޮތީ ކޮންކްރީޓު ދަށުވެފައެވެ. ނަމަވެސް އޭނާގެ ހޭ ހުއްޓެވެ. ރެސްކިއު ޓީމުގެ މެންބަރުންނާ އޭނާ ވާހަކަވެސް ދެއްކިއެވެ.

ސީދާ ޢަބްދުލްޢާލިމްއާ ވާހަކަދެއްކޭ ގޮތެއް އުމިތުއަކަށް ނުވިއެވެ. ނަމަވެސް، އެތާ ކައިރީގައި ތިބި، ޢަބްދުލްޢާލިމްގެ 2 އެކުވެރިއަކާ ބައްދަލުވާ ގޮތް ވިއެވެ. އެމީހުން ބުނި ގޮތުގައި ޢަބްދުލްޢާލިމް ނިސްބަތްވަނީ ސޫރިޔާގެ ޙިމްސްއަށެވެ. ތުރުކީވިލާތަށް ނިސްބަތްވާ އިސްރާއާ ކައިވެނިކޮށްގެން އެ ޤައުމަށް ދިރިއުޅުން ބަދަލު ކުރީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ސަލާމަތް ވުމަށެވެ. އެ ދެމަފިރިންނަށް 2 އަންހެން ދަރިން ލިބިފައިވެއެވެ. އެއީ މަހްސިންއާއި ބެސީރާއެވެ. އެކުދިންނަށް ވީ ގޮތެއް އަދި ސާފެއް ނުވެއެވެ.

ބަރު ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ގިނަ ވަޤުތުތަކެއް ހޭދަ ވާތީ، އިތުރު މަންޒަރުތަކެއް ނެގުމަށް އުމިތު ދުރަށް ޖެހިލިއެވެ. ޢަބްދުލްޢާލިމް ފެނުނު ސަރަޙައްދަށް އެނބުރި ދިޔައިރު، ގާތަކުގެ ދަށުން އޭނާ ނެރެނީއެވެ. މުޅި މީހާގެ ހަށިގަނޑުގައި އޮތީ ހިރަފުހެވެ. އެއް ލޯ ވަނީ ދުޅަވެފައެވެ. މީހާގެ ހަށިގަނޑުން ފެން މަދުވެ، ސިއްހީ ފަރުވާއަށް ވަނީ ބޭނުން ޖެހިފައެވެ.

އޭނަ ގައި ދަށުގައި އަންހެން ކުއްޖަކު އޮތް. އާނ. އޭނާ އަންހެނުންވެސް އޮތް. މީގެ ކުރިން އަހަރެން އޭނައެއް ނުދެކެން. މި ބުނަނީއެއްނު، 3 މީހުން ތިއްބޭ.
ރެސްކިއު ޓީމުގެ މެންބަރެއް

ޢަބްދުލްޢާލިމްގެ ޢާއިލާއަށް ސިއްހީ ފަރުވާއަކުން ކުރާނެ ފައިދާއެއް ނެތެވެ. މިއަދު މި ދުނިޔޭގައި އެމީހުންނެއް ނެތެވެ. ބިންމަތީގައި އަޅާފައި އޮތް ރަޖާގަނޑުގެ ދަށުގައި އޮތީ އިސްރާއާއި މަހްސިން އަދި ބެސީރާގެ ފުރާނަ ނެތް މަސްގަނޑެވެ.

- ކޮމެންޓް