ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 07:06
ފާތިމަތު ޝާޔާ ޒާހިރު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވުން
ފާތިމަތު ޝާޔާ ޒާހިރު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ޝާޔާއަށް މިނިސްޓަރު މަރުޙަބާ ވިދާޅުވުން
މިސްރުގެ ޤުރުއާން މުބާރާތުން ރާއްޖެއަށް 2 ވަނަ ހޯދައިދިން ޝާޔާއަށް މިނިސްޓަރު މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފި
ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޝާޔާއަށް މަރުޙަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދެވުނު ޝަރަފެއްކަމަށް ވިދާޅުވެފައި
ޝާޔާ 2 ވަނަ ޙާސިލްކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނީ އެކި ޤައުމުތަކުގެ 47 ދަރިވަރުންނާ ވާދަކޮށްގެން

މިސްރުގައި ބޭއްވި 29ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 2 ވަނަ ފާތިމަތު ޝާޔާ ޒާހިރު ހޯދުމާއި ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މަރުޙަބާ ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.

މަރުޙަބާ ވިދާޅުވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އިލްޔާސް ޖަމާލްއާއި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލާއި މިނިސްޓްރީ އާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޝާޔާއާއި ބައްދަލުކުރައްވައި މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޝާޔާއަށް މަރުޙަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދެވުނު ޝަރަފެއްކަމަށް ވިދާޅުވެފައެވެ. އަދި ޝާޔާގެ މައިންބަފައިން ކުރަމުންދާ ބުރަ މަސައްކަތަކަކީ ވަރަށް އަގުހުރި، ހެޔޮޖަޒާދެއްވާނެ މަސައްކަތްތަކެއްކަމަށް ވިދާޅުވެ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތަށް ބައިވެރިއެއް ހޮވާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ބައިވެރިވާން ކުރިމަތިލި ބައިވެރިން އިމްތިހާނުކޮށް އެންމެ ރަނގަޅުކަމަށް ފާހަގަކުރެވުނު ބައިވެރިއަކީ އިސްކަންދަރު ސްކޫލުގެ ގްރޭޑް 8ގައި ކިޔަވަމުންދާ އުމުރުން 14 އަހަރުގެ ފާތިމަތު ޝާޔާ ޒާހިރެވެ.

މި މުބާރާތުގައި ޝާޔާ ބައިވެރިވެފައިވަނީ ޢަރަބިން ވާހަކަނުދައްކާ ޤައުމުތަކުގެތެރެއިން، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިންނެވެ. މި ބައިން ޝާޔާ 2 ވަނަ ޙާސިލްކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނީ އެކި ޤައުމުތަކުގެ 47 ދަރިވަރުންނާ ވާދަކޮށްގެންނެވެ.

މުބާރާތުން ދެވަނަ ލިބުމުން ޝާޔާއަށް 150000 (އެއްލައްކަ ފަންސާސް ހާސް) މިޞްރު ޕައުންޑް އިނާމެއްގެ ގޮތުގައިވަނީ ލިބިފައެވެ.

ޝާޔާއަކީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމްގައި ބައިވެރިވެ ކީރިތި ޤުރުއާން ހިތުދަސްކޮށް ސަނަދު ޙާސިލްކޮށްފައިވާ ދަރިވަރެކެވެ.

އަދި ޝާޔާއަކީ 2021 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުގައި މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިގައިވެސް ދިވެހި ރާއްޖެ ތަމްސީލުކޮށްފައިވާ ދަރިވަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް