ރައްޔިތުންގެ ހިތްތަކުގައި ވަސްވާސް އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވާ ކަމަށާއި 2018 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަ ނުކުރައްވާ ކަމަށް ވާހަކަ ދައްކަވަނީ އެހެންވެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
"2018ގެ އިންތިހާބުގައި އަޅުގަނޑު ކުރިމަތި ނުލާނެކަމުގެ ވަސްވާސް އުފައްދަމުން ގެންދާތީ، އެއީ ނުބައި ރޭވުމެއްގެ ދަށުން ދައްކާ ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަން. އޮޅުވާލިޔަ ނުދެއްވާ،" ޕީޕީއެމް ވައިބާ ގްރޫޕްގައި ހުކުރު ދުވަހު ރައީސް ޔާމީން ލިޔުއްވާފައިވެ އެވެ.
ޕީޕީއެމްގެ ވައިބާ ގްރޫޕްގައި ހުކުރު ދުވަހު ހޫނުވެގެން ދިޔައިރު، ރައީސް ޔާމީން ވަނީ ގިނަ މެސެޖްތަކެއް ލިޔުއްވާފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާއިރު، ރައީސް ޔާމީން ވައިބާ ގްރޫޕްގައި ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވައިފި ނަމަ "ވަރަށް އުނދަގޫވާނެ" ކަމަށެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫވާނެ އެއްވެސް މެމްބަރަކު، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވައިފި ނަމަ. މެމްބަރަކު ހިތްހަމަ ނުޖެހޭ ކަމެއް އޮތަސް، މުޅި ސަރުކާރާއި ޕީޖީ ގްރޫޕަށް މިފަދަ ގެއްލުމެއް ނުދެއްވުން އިހްތިރާމާއެކު އެދެން،" އެމަނިކުފާނު ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ، ހަމައެކަނި އެ ހިސާބުން ހުއްޓޭނެ ކަމެއް ނޫން ކަމަށް މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ޔާމީނާއެކު ހުންނެވިކަމުގެ ކަށަވަރުކުރަން ދެއްވަމުން އެދިވަޑައިގަތެވެ. ނަމަވެސް، ޕީޖީ ގްރޫޕްގެ ހުރިހާ މެމްބަރުންނެއް ރައީސް ޔާމީންގެ އެ ވާހަކަފުޅަށް ތާއިދު ކުރައްވާފައި ނެތް ކަމަށް، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވި އެވެ.