ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ހޯޕް ފޯރ ވިމަން އަދި ދިވެހިރާއްޖޭގެ އަޑު ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލްތަކަކަށް އަމާޒުކޮށްގެން ބޭއްވާފައިވާ ކުއިޒް ޕްރޮގްރާމް ކާމިޔާބުކަމާ އެކީ ނިންމާލައިފިއެވެ.
އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމް ނިންމާލާފައިވަނީ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ކުއިޒް ޕްރޮގްރާމުގައި ރާއްޖޭގެ އެކި އަށް ސުކޫލަކުންވަނީ ބައިވެރިވެފައެވެ.
އިންޓަރ ސުކޫލް ހިއުމަން ރައިޓްސް ކުއިޒް ޕްރޮގްރާމްގެ ޗެމްޕިއަން ޓީމަށް ހޮވިގެންދިޔައީ އަލްމަދަރަސަތުލް އަރަބީއްޔަތުލް އިސްލާމިއްޔާއެވެ. ކުއިޒް ޕްރޮގްރާމްގެ ރަނައަޕް ޓީމަކަށް ހޮވިގެންދިޔައީ ތާޖުއްދީން ސުކޫލެވެ. މި ކުއިޒް ޕްރޮގްރާމް ކުރައަށް ގެންގޮސްފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
ކުއިޒް ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައިސް އައިމިނަތު އީނާސް ވިދާޅުވީ އިންސާނީ ހައްގަކީ ހުރިހާ އެންމެންނަށް ލިބިގެންވާ ހައްގެއް ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އިންސާނީ ހައްގުތައް ހޯދައިދިނުމުގައި ވަކި ފަރާތެއް ތަފާތު ނުކުރާނެކަމަށެވެ. ވަކި މީހަކު ތަފާތު ކޮށްގެންވެސް ނުވާނެކަމަށެވެ.
އައިމިނަތު އީނާސް އިތުރަށް ވިދާޅުވީ މިކަހަލަ ކުއިޒް ޕްރޮގްރާމެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ އިންސާނީ ހައްގުތަކަކީ ކޮބައިކަން ސުކޫލް ދަރިވަރުންނަށް އުނގަންނައިދިނުން ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ޖަމިއްޔާއަކާއި ގުޅިގެން ކުއިޒް ޕްރޮގްރާމް ބޭއްވި ފުރަތަމަ ފަހަރުކަމަށެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުންކުރާ މަސައްކަތްތައް ހުރިހާ ފަރާތްތަކުން ބަލައިގަންނާނެކަމަށް އުންމީދުކުރައްވާކަމަށްވެސް އީނާސް ވިދާޅުވިއެވެ.
ކުއިޒް ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާން ހޯޕް ފޯރ ވިމަންގެ ފައުންޑަރ މެމްބަރު އަނީސާ އަހުމަދު ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ތަފާތުކަމަށާއި ކުޑަކުދިންގެ ގާނޫނު ތަންފީޒު ކުރެވިގެންދިޔަ ހިސާބުން އިންސާނީ ހައްގުތަކުގެ މާނަ އޮޅުވާލެވިގެންގެންދިޔަކަމަށެވެ. އަދި ހޯޕް ފޯރ ވުމަންގެ ޖަމިއްޔާއަކީ އަންހެނުންގެ ހައްގުތަކަށް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމީއްޔާއެއްކަމަށެވެ. މި ކުއިޒް ޕްރޮގްރާމުގައި ފާހަގަކުރެވިގެން ދިޔަކަމަކީ ސުކޫލްތަކުން ކުއިޒްގައި ބައިވެރިވި ފިރިހެން ކުދިން އަދަދު މަދުކަމަށާއި ސުކޫލްތަކުން ފިރިހެންކުދިން ކުއިޒްގައި ބައިވެރިކުރުވުމަށް ބާރުއެޅުން މުހިންމުކަމަށެވެ.
މި ކުއިޒް ޕްރޮގްރާމަކީ 2012 ވަނަ އަހަރުން ފެށިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އަންނަ ކުއިޒް ޕްރޮގްރާމެކެވެ.
ކުއިޒް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ހޯޕް ފޯރ ވިމަން އަދި ޕީއެސްއެމްގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.