ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 10:24
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ 5 ވަނަ ރިޔާސީ ބަޔާން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ 5 ވަނަ ރިޔާސީ ބަޔާން
ރައްޔިތުންގެ މަޖިލިސް
ރިޔާސީ ބަޔާން 2023
މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރެއްވުމަށް ރައީސް ނިންމަވައިފި
ފްލެޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ
ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކުރައްވާނެ
ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހަޅާފައިވޭ

މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވައިފިއެވެ.

މިދިޔަ އަހަރު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަށް އަލިއަޅުވާލައްވާ ހޯމަ ދުވަހު ރައީސް ވިދާޅުވީ، އެ ދުވަހު ވިދާޅުވި ގޮތަށް އެ މަސައްކަތް ނިންމަން ސަރުކާރުން ހިފި އަމާޒުގައި އެއްވެސް ކަސިޔާރު ކަމެއް ނެތް ކަމަށެވެ. އެގޮތުން ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް ޢިމާރާތެއް ނިންމައި، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ފްލެޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ ކަމަށެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، މި އެޕްލިކޭޝަންތައް މިހާރު ޕްރޮސެސްކުރަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން، ކުރިން ދެންނެވި އަދަދަށްވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާކަން ވެސް ރައީސް އިއުލާނު ކުރައްވާފައެވެ.

މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިން ލޯނުކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ހުސްވި ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު ކަމަށެވެ.

އޭގެ 55 އިންސައްތަ ލޯނު މިހާރުވަނީ އެޕްރޫވް ކުރެވިފައެވެ. އަދި 249 ފަރާތަކާއެކު ލޯނު އެއްބަސްވުމުގައި ވަނީ ސޮއި ކުރެވިފައެވެ.  

އޭގެ އިތުރުން، އަތޮޅުތެރޭގައި ޢިމާރާތް ކުރެވޭ ހައުސިން ޔުނިޓްތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމާނެކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އިތުރު 2200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގައި ހިނގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް