ކ. މާލެ
|
5 ފެބްރުއަރީ 2023 | އާދީއްތަ 14:11
ޕޯ ޔުއާން ނީ - ޕޯ ވަނީ، ސިންގަޕޫރުގައި ޖީސީއީ އޯލެވެލް އިމްތިޙާނުގައި ކޮޕީ ކުރާނެ މަގު ތަނަވަސް ކޮށްދިނުމަށްފަހު، ޤައުމު ދޫކޮށް ފިލާފައި
ޕޯ ޔުއާން ނީ - ޕޯ ވަނީ، ސިންގަޕޫރުގައި ޖީސީއީ އޯލެވެލް އިމްތިޙާނުގައި ކޮޕީ ކުރާނެ މަގު ތަނަވަސް ކޮށްދިނުމަށްފަހު، ޤައުމު ދޫކޮށް ފިލާފައި
ސީ.އެން.އެން
ޖީސީއީ ޕޭޕަރުތައް ކޮޕީކުރުން
ބޮޑީކެމްގެ އެހީގައި ޖީސީއީ ޕޭޕަރުތައް ކޮޕީކޮށްދިން މީހާ ހޯދަން އިންޓަރޕޮލް ނުކުމެއްޖެ
3 ޓިއުޓަރުންގެ ތެރެއިން ކޮންމެ މީހަކަށް، ޗައިނާއަށް ނިސްބަތްވާ ފިރިހެނަކު ވަނީ 8000 ސިންގަޕޯރ ޑޮލަރ ނުވަތަ 6100 އެމެރިކާ ޑޮލަރު ދީފައި
އެ ޖަރީމާ ހިންގާފައިވަނީ ބޮޑީކެމްއާއި އިއަރފޯން އަދި ބްލޫޓޫތު ޑިވައިސްތައް ބޭނުންކޮށްގެން، ދަރިވަރުންނަށް ޖަވާބުތައް ކިޔައިދީގެން
ޕޭޕަރު ކޮޕީކޮށްދިނުމުގެ ވަރުގަދަ ޖަރީމާ ހިންގި ކަމުގެ ކުށުގައި ކޯޓުން އޭނާގެ މައްޗަށް 4 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވި، ނަމަވެސް ޕޯ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް ފެއިލްވެފައި

"އިންޓަރނޭޝަނަލް މޭންހަންޓް"އެކޭ ބުނުމުން ގިނަ ފަހަރަށް ޚިޔާލަށް ގެނެވޭނީ ކޮންމެވެސް ކަހަލަ ޖިނާޢީ ބޮޑު ކުށެއް ކޮށްގެން އުޅޭ މީހެއްގެ ހަނދާނެކެވެ. ޤާޠިލެއް، ބެންކެއް ފަޅާލި މީހެއް ނޫނީ އެތައް ބިލިއަން ޑޮލަރުގެ ޚިޔާނާތެއް ހިންގި ކުށްވެރިއެކެވެ. ފަހަރެއްގައިވެސް، ހައި ސްކޫލް ޓިއުޝަން ސެންޓަރެއް ހިންގި، މެދު އުމުރުގެ މީހެއްގެ ނަން، ހިތަށްވެސް ނުގެނެވިދާނެއެވެ.

އެކަމަކު، މި ފަހަރު ވެގެން މިއުޅެނީ އެކަހަލަ ގޮތެކެވެ. ބައިނަލްއަޤުވާމީ ފުލުހުންގެ އިދާރާ ނުވަތަ އިންޓަރޕޮލް އިން އެމީހަކު ހޯދުމަށްޓަކާ ރެޑް ނޯޓިސް ނެރެފައި ވަނީ އެފަދަ މީހެކެވެ.

އެމީހަކީ ޢުމުރުން 57 އަހަރުގެ ޕޯ ޔުއާން ނީއެވެ. ޤަބޫލު ކުރެވޭ ގޮތުގައި ޕޯ ވަނީ، ސިންގަޕޫރުގައި ޖީސީއީ އޯލެވެލް އިމްތިޙާނުގައި ކޮޕީ ކުރާނެ މަގު ތަނަވަސް ކޮށްދިނުމަށްފަހު، ޤައުމު ދޫކޮށް ފިލާފައެވެ.

ޕޭޕަރު ކޮޕީކޮށްދިނުމުގެ ވަރުގަދަ ޖަރީމާ ހިންގި ކަމުގެ ކުށުގައި ކޯޓުން އޭނާގެ މައްޗަށް 4 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައި ވީ ނަމަވެސް، ޕޯ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް ފެއިލްވެފައެވެ. ޕޯއާއި އޭނާގެ ސެންޓަރުގައި މަސައްކަތް ކުރި 3 ޓިއުޓަރަކު ބައިވެރިވެގެން އެ ޖަރީމާ ހިންގީ ބޮޑީކެމްއާއި އިއަރފޯން އަދި ބްލޫޓޫތު ޑިވައިސްތައް ބޭނުންކޮށްގެން، ދަރިވަރުންނަށް ޖަވާބުތައް ކިޔައިދީގެންނެވެ.

ޕްރައިވެޓް ޓިއުޝަން ސެންޓަރުތަކުގެ ވިޔަފާރިއަކީ ސިންގަޕޫރުގައި ފަތު އަޑުކިއާ، ވަކި ހިއްޕާލާފައިވާ ވިޔަފާރިއެކެވެ. އިމްތިޙާންތަކުގައި އެންމެ މަތީ ފެންވަރުގެ ނަތީޖާ ހޯދުމަށް ދަރިވަރުންނަށް އޮންނަ ޕްރެޝަރުގެ ބޮޑު ކަމާއެކު، އެ ވިޔަފާރިއަށް ކުރިއަރަން ލިބޭ ފުރުޞަތުވެސް ފަހިވެއެވެ. ޕްރައިވެޓް ޓިއުޝަން ދޭ ބައެއް ސެންޓަރުތަކަށް މަހެއްގެ މައްޗަށް ދަރިވަރަކު ދައްކަން ޖެހޭ ފީގެ އަގު، 1500 އެމެރިކާ ޑޮލަރަށްވެސް އަރައެވެ.

ކޯޓު ލިޔެކިއުންތަކަށް ބަލާއިރު ޕޯއާއި އޭނާގެ 3 ޓިއުޓަރުންގެ ތެރެއިން ކޮންމެ މީހަކަށް، ޗައިނާއަށް ނިސްބަތްވާ ފިރިހެނަކު ވަނީ 8000 ސިންގަޕޯރ ޑޮލަރ ނުވަތަ 6100 އެމެރިކާ ޑޮލަރު ދީފައެވެ. އެއީ ޗައިނާއަށް ނިސްބަތްވާ، ޢުމުރުން 17 އަހަރާއި 20 އަހަރާ ދެމެދުގެ 6 ދަރިވަރަކު، ޖީސީއީ އިމްތިޙާނުން ފާސްކޮށްދީ، ކޮލެޖަށް ވަދެވޭނެކަން ކަށަވަރުކޮށްދިނުމަށް، ޗައިނާގެ ފިރިހެން މީހާ ދިން ފައިސާއެވެ. އެކަމެއް ވީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.

އިމްތިޙާނުން ދަރިވަރުން ފާސް ނުވެއްޖެނަމަ، އެ ފައިސާ އަނބުރާ ދޭ ގޮތަށް އޮތީ އެއްބަސްވެފައެވެ.

ޕޯ ދިން އިރުޝާދާ އެއްގޮތަށް، 6 ދަރިވަރުންވެސް ވަނީ ގައިހަން ކުލައިގެ އިއަރފޯން އަޅާ، ހަށިގަނޑުގެ އެކި ތަންތަނުގައި ޓޭޕު އަޅައިގެން މޯބައިލް ފޯނާއި ބްލޫޓޫތު ޑިވައިސްތައް ހަރުކޮށްފައެވެ. އެއީ ޕްރައިވެޓް ދަރިވަރެއްގެ ގޮތުގައި ޖީސީއީ އިމްތިހާނުގައި ބައިވެރިވިކަމަށް ހެދިގެން އިން ޓޭން ކިޔައިދޭ ޖަވާބުތައް އަޑު އިވޭނެ ގޮތް ހެދުމަށް ކުރި ކަމެކެވެ. ޓޭންއަކީ 3 ޓިއުޓަރުންގެ ތެރެއިން އެކަކެވެ.

މޭ މަތީގައި ހަރުކޮށްފައި ވާ ސިއްރު ކެމެރާއަކުން، ޓޭން ދިޔައީ ޓިއުޝަން ސެންޓަރުގައި ތިބި ޕޯއާއި އަނެއް 2 ޓިއުޓަރުންނަށް ސުވާލު ކަރުދާސް ދައްކަމުންނެވެ. ޖަވާބުތައް ހެދުމަށް ފަހު ޕޯ އާއި އަނެއް 2 ޓިއުޓަރުންވެސް ދިޔައީ ދަރިވަރުންނާ ޖަވާބުތައް ހިއްސާ ކުރަމުންނެވެ.

ހިންގަމުން ދިޔަ ޖަރީމާ ފަޅާ އެރީ، ދަރިވަރެއްގެ ކައިރިން އާދަޔާ ޚިލާފު އަޑުތަކެއް އިވެން ފެށުމުން، އޭނާ ހާޒިރުކޮށް ސުވާލު ކުރި ކުރުމުގެ ތެރޭގައެވެ. އެ ދަރިވަރު ވަނީ އެއްވެސް ކަމެއް އޮޅުވާލުމެއް ނެތި ހުރިހާ ވާހަކަތަކެއް ކިޔައިދީފައެވެ.

ދިގު ދެމިގެން ދިޔަ ޝަރިޢަތް ނިންމާލީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ޕޯ ހިދުމަށް ސިންގަޕޫރުގެ ފުލުހުން އިންޓަރޕޮލްގެ އެހީއަށް އެދުނެވެ. ޕޯގެ މައްޗަށް އިއްވާފައި އޮތް 4 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށަން އޮތީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އޭނާ ވަނީ ފުލުހުންނަށް ހާޒިރުވުމަށް ފެއިލްވެފައެވެ. ޖަރީމާ ހިންގުމަށް ޕޯއަށް އެހީވި 3 ޓިއުޓަރުން މިހާރު ދަނީ އެމީހުންގެ މައްޗަށް އިއްވި ޙުކުމްތައް ތަންފީޒު ކުރަމުންނެވެ.

ޕޯގެ މިމައްސަލައާއެކު ސްކޫލްތަކުގައި ކިޔަވާ ދިނުމުގެ ނިޒާމް ހަމަޖެހިފައި އޮތް ގޮތާ މެދު ހޫނު ބަހުސްތަކެއް ވަނީ ފެށިފައެވެ. ސިންގަޕޫރުގެ ސްކޫލްތަކަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ފެންވަރު ރަނގަޅު ސްކޫލްތައް ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ، ވާދަވެރި ސްކޫލްތަކެކެވެ.

ކަން މިހެން އޮތް އިރު، ސިންގަޕޫރުގެ ސަރުކާރުންވަނީ ކިއެވުމުގެ މަރުހަލާގައި ދަރިވަރުން އުފުލަން ޖެހޭ ނަފްސާނީ ބުރަ ކުޑަ ކުރުމަށް އިސްލާހީ ބަދަލުތަކެއްވެސް ތަންފީޒު ކުރަން ފަށާފައެވެ. ނަމަވެސް ޖީސީއީ އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ދަރިވަރުންނަށް އޮންނަ ޕްރެޝަރަށް ބަދަލު އައި ކަމަކަށް ނުބެލެވެއެވެ. އެހެނީ، މަތީ ތަޢުލީމު ހާސިލު ކުރުމަށް ގުޅޭނެ ކޮލެޖަކާއި، އިތުރު ހުނަރު ލިބިގަތުމަށް ދާނެ ވޮކޭޝަނަލް މަރުކަޒުތައް ބަރޯސާވަނީ، ޖީސީއީ އޯލެވެލް އިމްތިޙާނުގެ މައްޗަށް ކަމުގައި ވާތީއެވެ.

ސިންގަޕޫރުގައި ހަދާ ޖީސީއީ އިމްތިޙާންތަކަކީ ކޭމްބްރިޖް އެސެސްމަންޓް އިންޓަރނޭޝަނަލް އެގްޒެމިނޭޝަންއާއި ސިންގަޕޫރުގެ ތަޢުލީމާ ބެހޭ ވުޒާރާ ގުޅިގެން ތައްޔާރުކޮށްފައިވާ ހާއްސަ އިމްތިޙާނެކެވެ. އެއީ އާންމުކޮށް ހަދާ ބްރިޓިޝް ޖީސީއެސްއީ އިމްތިޙާނުތަކާ ތަފާތު އިމްތިޙާނެކެވެ. ސިންގަޕޫރުގައި އާންމުކޮށް ޖީސީއީ ހަދަނީ ޢުމުރުން 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމުގައި ވީ ނަމަވެސް، އެކި ޢުމުރުގެ ޕްރައިވެޓް ކެންޑިޑޭޓުންވެސް އިމްތިޙާނު ހަދައެވެ.

- ކޮމެންޓް