ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާ އަދި ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ފުރާވަރު ކޭންޕުގެ 94 ވަނަ ކޭންޕު ނިންމާލައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރ ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮޕް ޕޮލިސް މުހައްމަދު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި، ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ، ކްރައިމް ޕްރިވެންޝަންގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރަމްޒީ އަދި ށ އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ވަހީދު ބައިވެރިވެލެއްވިއެވެ.
މި މަހު 2 އިން 4 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕުގައި، ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން، ތަފާތު އެކި ހާލަތްތަކުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކަށް ހެދުމާ އަދި އިސްލާމްދީނުގެ އަގީދާގައި ސާބިތު ކަމާއެކު ހިފަހައްޓާ ދަރިވަރުންތަކަކަށް ހެދުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ގައުމުގެ ދެކެ ލޯބިވާ، ގައުމަށް ތެދުވެރި ވަފާތެރި، އަދި ޒިންމާދާރު ދަރިވަރުންތަކެއް ބިނާކުރުމަށްވެސް މި ކޭންޕުގެ ތެރެއިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އާދަކާދަތައް ތައާރަފުކޮށްދީ ގަޑިންގަޑިއަށް ކަންކަން ކުރުމަށާއި، ކުލާސްތަކަށް ގަޑިއަށް ހާސިރުވުމަށް ސަމާލުކަންދިނުމާއި ޒިންމާދާރުކަން އަދި މީހުންނަށް އިހުތިރާމުކުރުމާއި ތެދުވެރިކަން އިސްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ކުޅިވަރުގެ ތެރެއިން ޓީމް ބިލްޑިންގ އުނގަންނައިދިނުމާއި، ސައިބަރ ކްރައިމް އަދި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ކަންކަމުން ރައްކާތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކުށުގެ މާހައުލުން ރައްކާތެރިކުރުވުމާއި މަގުމަތީގެ ގަވާއިދުތަކާއި، ނަފްސު ތަންފީޒުކުރުން ފަދަ މުހިންމު މައުލޫމާތުތައް އުނގަންނައިދީފައިވެއެވެ.
ކޭމްފުގެ ތެރެއިން ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ބެލެނިވެރިކަމުގެ ހުނަރުތަކާއި އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކުން ކުދިން ރައްކާތެރިކުރުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސާމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުން ކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ފޯނަށް އަންނަ ތަފާތު އެކި ލިންކުތަކަށް ނުވަނުމަށާއި ކުށުގެ އެއްވެސް ކަމެއް ހިނގައިފިނަމަ އެކަމެއް ލަސްނުކޮށް ރިޕޯޓު ކުރުމަށާއި ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައިވެއެވެ.
މި ކޭންޕުގައި ށ. އަތޮޅު މަދަރުސާގެ 82 ދަރިވަރުންނާއި ފޭދޫ ސްކޫލްގެ 46 ދަރިވަރުންނާއެކު ޖުމްލަ 128 ދަރިވަރުން ބައިވެރިވިއެވެ.