ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އަދާލާތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ހަތިޔާރުން، އެވަގުތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެބިނެޓްގައި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރެއްވި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް ކަމުގެ މަގާމު ވެސް ފުރުއްވި އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވަނިކޮށް، އެކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާ ކަމަށާއި އެ ހަތިރާއި ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށް، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް އަދީބު ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައިވާތީ، ނާޒިމް އިތުރަށް ބަންދުގައި ބެހައްޓަންހެޖޭ އެއްވެސް ސަބަބެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.
އެހެންކަމުން، ގާނޫނީ ހަމަތަކުގެ މަތިން މިމައްސަލައިގެ އިސްތިއުނާފީ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ފާހަގަކޮށް އެބަޔާނުގައި ވަނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު ވަގުތުން ނާޒިމް މިނިވަންކުރުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
ޖެނުއަރީ 18، 2015 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަތިޔާރު ފެނުނުކަމަށް އަޑުފެތުރުނު ވަގުތުން ފެށިގެން އަދާލަތު ޕާޓީއާއި، ވަކިން ހާއްސަކޮށް އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ، ނާޒިމްގެ ދިފާއުގައި އަޑުއުފުއްލަވަމުންގެންދެވީ، އެމައްސަލަ ހިނގާދިޔަ ގޮތުންނާއި އަދި އެމައްސަލަ އާއި ގުޅިގެން ލިބިފައިހުރި ކަށަވަރު މައުލޫމާތުތަކަށް ބަލާއިރު އެކަމަކީ އަދީބުގެ ސުޓީފުޅުގައި ވެސް ވިދާޅުވެފައިވާ ފަދައިން ރޭވުމެއްގެ ދަށުން ދިވެހި ދައުލަތުގެ މުއައްސަސާތައް ނުހަމަގޮތުގައި ބޭނުންކޮށްގެން ނާޒިމް ފްރޭމްކޮށް ޖަލަށްލުމަށް ހިންގާފައިވާ ގާނޫނާ ހިލާފު ޖަރީމާއެއް ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭތީ ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.