ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 10:58
ކުރީގެ ޑިފެންސް މިނިސްޓަރާއި ކުރީގެ ހޯމް މިނިސްޓަރ
ކުރީގެ ޑިފެންސް މިނިސްޓަރާއި ކުރީގެ ހޯމް މިނިސްޓަރ
ރާއްޖެއެމްވީ
ކާނަލް ނާޒިމްގެ މައްސަލަ
އަދީބުގެ ސިޓީއާ ގުޅިގެން މައްސަލަ ބަލައިދިނުމަށް ނާޒިމްގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި
މި މައްސަލައިގައި ނާޒިމް ވަނީ 11 އަހަރަށް ޖަލަށްލާފަ
ނާޒިމްގެ މައްސަލައިގެ ހަގީގަތް އެނގޭ ކަމަށް އަދީބު ވަނީ ހާމަކުރައްވާފައި
ނާޒިމްގެ އެޕާޓްމަންޓުން ފެނުނުތަކެތީގެ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އަދީބު ވިދާޅުވި

ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ކޮޓަރިން ފެނުނު ފިސްތޯލައާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމްކޯޓަށް ހުށަހެޅުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން ބަލައިދިނުމަށް އެދި ނާޒިމްގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން، އަހްމަދު ޝިފާން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭގެ ތަފްސީލް މި ވަގުތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން ނާޒިމްގެ ކޮއްކޯފުޅު އާދަމް އާޒިމް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އީދު ބަންދަށް ފަހު އޮފީސްތައް ހުޅުވުމުން އެ މައްސަލަ ގޮސްފައިވާ ހިސާބު ބެލުމަށް ފުލުސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ. 

ހަތިޔާރުގެ މައްސަލައަކަށް ވާތީ އެ މައްސަލަ އެމްއެންޑީއެފް އިން ބަލަމުން ގެންދޭތޯ ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ވަގުތު އެކަމާ ބެހޭ ގޮތުން ބުނާނެ އެއްޗެއް ނެތް ކަމަށެވެ. 

ރާއްޖެއެމްވީ ޑިފެންސް މިނިސްޓްރީގެ މީޑިޔާ އޮފިޝަލްއާ މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަން ހާމަކޮށްފައިވާ އިރު ނާޒިމް ޕްރޭމްކުރި މީހުންނާއި އެކަމުގެ ހަގީގަތް އެނގޭ ކަމަށް އަދީބު ސުޕްރީމްކޯޓަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މިމަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓަށް އަދީބުގެ ފަރާތުން ހުށަހަޅާފައިވާ ސިޓީގައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު، ގ. އެނިފްގައި ނާޒިމް އުޅުއްވި އެޕާޓްމެންޓުން ފެނުނު ކަޅުކުލައިގެން ދަބަހަކުން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގެ ހަގީގަތާއި އެކަން ހިނގާދިޔަ ގޮތް ނުހަނު ރަނގަޅަށް އެނގޭކަމަށާއި ނާޒިމްގެ ކޮޓަރިން ފެނުނު އެ ތަކެއްޗަކީ ނާޒިމްގެ އެއްޗެހިނޫން ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ތަކެތި ފެންނަން ޖެހުނު ގޮތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމުގެ ކަށަވަރުކަން ވެސް އޮތް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދަށް އެޑްރެސްކުރައްވައި އަދީބު ފޮނުއްވާފައިވާ ސިޓީގައި ވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އެރޭވުން ފެށިގެން އައި ގޮތާއި އެކަމުގައި ބައިވެރިވި މީހުންނާއި އެކަން ނިމިގެންދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ޝަރުއީ ކޯޓެއްގައި ނާޒިމްގެ މައްސަލައިގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ނާޒިމްގެ މައްޗަށް ރޭވިގެން އޭނާ ޕްރޭމް ކުރެވުނު ކަންތައްތަކުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް އަދީބުގެ ސިޓީގައި ހާމަކުރެ އެވެ. އަދި ޝަރުއީ ހަމަތަކުގެ މަތިން އެކަން ހާމަކުރުމަށް ތައްޔާރަށް ހުރި ކަމަށް ވެސް ވަނީ ބަޔާންކޮށްފައި ވެއެވެ.

އަދީބުގެ ސިޓީގައި މިކަންކަން ފާހަގަކޮށްފައިވާ އިރު މީގެ ކުރިން، ނާޒިމްގެ މައްސަލައާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދިޔަ ޝަރީއަތްތަކުގަ އާއި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތްތަކުގައި ވެސް ނާޒިމްގެ ދިފާއީ ހެއްކެތްގެ ގޮތުގައި އަދީބު ހާސިރު ކުރުމަށްވަނީ އެދިފަ އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ ފެނުނު މައްސަލައާ ގުޅިގެން އޭނާ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނިންމާ ހައިކޯޓުން ތާއީދުކޮށްފައިވާ ނިންމުމަކީ ރަގަޅު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަދީބުގެ ޑީއެންއޭ ފެނުނުކަމަށް ފުލުހުން މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން އިސްތިއުނާފްގެ މައްސަލަ ހުށަހެޅުމުގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެކަން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައެއް ނުވެއެވެ. 

ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހުކުމްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ. ޖަލަށް ހުކުމް ކުރި ނަމަވެސް ދޭތެރެ ދޭތެރެއިން ނާޒިމް ގެއަށް ބަދަލުކޮށްފައި ވެއެވެ. އެންމެ ފަހުން ނާޒިމް ގެއަށް ބަދަލުކޮށްފައި ވަނީ ރޯދަ މަހަށެވެ. ރޯދަ މަސް ނިމުމާ އެކު ހުކުރު ދުވަހު ކަރެކްޝަންސް އިން ނާޒިމް ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. 

- ކޮމެންޓް