ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ރައީސްއާއި ނައިބް ރައީސްގެ މަޤާމަށް ބޭފުޅުން އިންތިހާބުކޮށްފިއެވެ.
އެގޮތުން ރައީސްގެ މަގާމަށް އިބްރާހިމް ޝާހިދު ހޮވާފައިވާއިރު ނައިބް ރައީސަކަށް އިންތިހާބުވީ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އެވެ.
މީގެ އިތުރުން ލޭމްގެ 10 ވަނަ ދައުރަށް ހޮވުނު ބޯޑު މެމްބަރުންގެ ތެރޭގައި އައިމޯ ޓްރެވަލްސްގެ ފަރާތުން މޫސާ ރަޝީދު، ޓްރިޕް ކޮންސެޕްޓްގެ ފަރާތުން ހުސައިން ޝަހުދީ، މޯލްޑިވްސް ބޯޓު ކްލަބްގެ ފަރާތުން މުފީދު އަބްދުﷲ، ވީއޭއެމް ކޯގެ ފަރާތުން އަހުމަދު ޒުބައިރު އަހުމަދުގެ އިތުރުން ވޮޔޭޖެސް މޯލްޑިވްސް ގެ ފަރާތުން ހައްވާ ނަފީލާއާއި ނޫރާނީ ޓްރޭޑް އެންޑް ޓްރެވަލްސްގެ ފަރާތުން އަހުމަދު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.
ނިމިދިޔަ ދައުރު އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނެވީ ހޭންޑީ ކުންފުނީގެ ވެރިޔާ، ހަސަން ހަލީމް އެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ލޭމްއަށް އާ ރައީސަކު އިންތިޚާބު ކުރާއިރު މިހާތަނަށް އެ އެސޯސިއޭޝަނަށް ފަސް ރައީސަކު އިންތިޚާބުކޮށްފައިވެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާ ހިންގާ ހަރުދަނާކޮށް ގިނަ ކުރިއެރުންތަކެއް ލޭމްއިން ހޯދާފައިވާއިރު ލޭމްގައި ރަޖިސްޓްރީވެފައިވާ 150 އަށް ވުރެ ގިނަ މެމްބަރުން ތިބެއެވެ.
ކުރިއަށް އޮތް ދެ އަހަރަށް އިންތިޚާބު ކުރި އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދައުރުގައިވެސް އިންތިޚާބުކޮށްފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އިގްނާޒް އަލީ އެވެ. ޚަޒާންދާރަކަށް އިންތިޚާބު ކުރީ ކެނޯޕަސް މޯލްޑިވްސްގެ ފަރާތުން އަހުމަދު އަފްރާހެވެ.