އިންޑިއާގައި މިހާރު ނަގަމުން އަންނަ ތަފާތު އެކި ކަހަލަ ޓެކްސްތައް އުވާލާ އެ ހުރިހާ ޓެކްސެއްގެ ބަދަލުގަ ގުޑްސް އެން ސާރވިސް ޓެކްސް (ޖީއެސްޓީ) ނަގަން އެ ޤައުމުން ފުރަތަމަ ފަހަރަށް ނިންމައިފިއެވެ.
އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގައެވެ.
މިއީ ފާއިތުވި 70 އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގެ ޤާނޫނަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލެވެ.
ތަރުކާރީއާއި، ކިރާއި އަދި ޢާންމު ކާނާގެ ބައެއް ބާއްވަތްތަކުން ޖީއެސްޓީއެއް ނުނަގާނެ ކަމަށާއި އަދި އަލަށް ތަޢާރަފްކުރި އެ ޓެކްސް ސިސްޓަމްގެ ދަށުން އިންޑިއާގެ މައިގަނޑު ހަތަރު ރޭޓަކުން ޓެކްސް ނަގާނެ އެވެ.
މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި އެގައުމުގެ ރައީސް ޕްރަނާބް މުކަރުޖީއާއި ޕްރައިމް މިނިސްޓަރ ނަރެންދްރަރ މޯދީ ބައިވެރިވެޑައިގެން ޖީއެސްޓީ ތަޢާރަފްކޮށްދެއްވިއެވެ.
ކޮންގްރެސް ޕާޓީން މި ޖަލްސާގައި ބައިވެރި ނުވި ނަމަވެސް އިދިކޮޅު ބައެއް މެމްބަރުން ވަނީ ބައިވެރިވެފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީ ވިދާޅުވީ ކުރިން އެކި ކަހަލަ ބާވަތްތަކުން ނަގަމުން އައި ޓެކްސް ނިމުމަކަށް ގެނެސް ޖީއެސްޓީ ނަގަން ފެށުމަކީ ވިޔަފާރިތަކަށް ލިބިގެންދާނެ ލުއި ފަސޭހައެއް ކަމަށެވެ.
އަދި ކޮރަޕްޝަނުން ގައުމު ސަލާމަތްކޮށްދޭން މިއީ ވަރަށްވެސް ބޭނުންތެރި ޓެކްސްއެއްކަން ފާހަކަރައްވަމުން މޯދީ ވިދާޅުވީ ޖީއެސްޓީ ތަޢާރަފްވުމުން އެ ޤައުމުގައި ކުރާ ވިޔާފާރީގެ މުއާމަލާތްތަކަށް އިތުރު ވެގެންދާނެ ކަމަށެވެ.
ޖީއެސްޓީ ތަޢާރަފްވުމާއެކު އިންޑިއާގެ ޓެކްސް ރެވެނިއު އިތުރުވެ، އިޤްތިޞާދު ކުރިއަރައިގެން ދާނެކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރ އަރުން ޖެއިތްލީ ވިދާޅުވެފައިވެއެވެ.
އެގޮތުން އިންޑިއާގެ އިޤްތިޞާދު ދެ އިންސައްތަ ކުރިއަރައިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިއީ ވަރަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ޖެއިތްލީ ވިދާޅުވިއެވެ.
ޖީއެސްޓީ ރެޖިސްޓްރީ ވުމަށް ހުރި ދަތިކާއިމެދު ކުދި ވިޔަފާރި ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް މިކަމަށްވެސް އަވަސް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ކުއްލިގޮތަކަށް މި ތަޢާރަފްކުރި ޖީއެސްޓީއާއި ގުޅިގެން އިދިކޮޅު ލީޑަރުންވެސް ގެންދަވަނީ މޯދީގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.