ކ. މާލެ
|
30 ޖެނުއަރީ 2023 | ހޯމަ 10:46
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު
ޓްވިޓަރ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ވޯޓުން މޮޅުވީ ރައީސް ސާލިޙުކަން ނަޝީދުވެސް ޤަބޫލު ކުރައްވައިފި
ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އިންތިޚާބުގައި އޮޅުވާލުންތަކެއްވެސް އެބަ ހުރި
ރައީސް ސާލިޙާއެކު 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަކަށް ކާމިޔާބެއް ނުވާނެކަމަށް ނަޝީދު ވިދާޅުވޭ
"ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދަން ނަޝީދު ބޭނުންފުޅުވޭ

ނިމިގެންދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ލާފައިވާ ވޯޓަށް ބަލާއިރު، އިންތިޚާބު ކާމިޔާބުކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުކަން އެމަނިކުފާނާ ވާދަކުރެއްވި ކެނޑިޑޭޓު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ޤަބޫލު ކުރައްވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިއުލާނު ކުރިތާ ދެ ދުވަސްވާން ވެފައިވަނިކޮށް ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، ވޯޓު ލީ މީހުންނަށް ބަލާއިރު، އިންތިޚާބުން މޮޅުވީ ރައީސް ސާލިޙުކަން އެމަނިކުފާނު ޤަބޫލު ކުރައްވާ ކަމަށެވެ.

އެހެންނަމަވެސް، ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އިންތިޚާބުގައި އޮޅުވާލުންތަކެއްވެސް އެބަ ހުއްޓެވެ. އެ އޮޅުވާލުންތައް އެއްކިބާ ކޮށްފިނަމަ ރައީސް ސާލިޙަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު އުނިވި ނަމަވެސް، ކުޑަ ފަރަޤަކުންވެސް އިންތިޚާބުގައި މޮޅުވާނީ ރައީސް ސާލިޙުކަމަށް ރައީސް ނަޝީދު ޤަބޫލުކުރައްވައެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ރައީސް ސާލިޙާއެކު 2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަކަށް ކާމިޔާބެއް ނުވާނެއެވެ.

ރައީސް ނަޝީދު ވަނީ އެ ގްރޫޕަށް ހުށައެޅުމެއްވެސް ހުށައަޅުއްވާފައެވެ. އެގޮތުން "ފިކުރެއްގެ ދިރުން" މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދައި، އެމްޑީޕީގެ ދަފްތަރުން އުނިވެފައިވާ 39 ހާހަށްވުރެ ގިނަ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށްފަހު، އެ މީހުންނާއެކު ގޮތެއް ނިންމުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 2015 ވަނަ އަހަރުގެ ތެރޭގައި އިސްލާޙެއް ގެނެސްފައިވާއިރު، އެ އިސްލާޙުގެ ދަށުން އިނގިލީގެ ނިޝާން ނުޖަހައި ފޯމު ލާފައިވާ ފަރާތްތަކަށް އަލުން ނިޝާން ޖެހުމަށްފަހު ފޯމު ހުށަހެޅުމަށް ވަނީ ފުރުސަތު ދެވިފައެވެ. އެގޮތުގެ މަތިން ޕާޓީން ވަކި ކުރުމުން، އޭރު ރައީސް ނަޝީދާއި، ރައީސް ސާލިޙުވެސް އަލުން ޕާޓީއަށް ވަދެވަޑައިގަތުމަށް ފޯމު ހުށަހެޅުއްވިއެވެ.

އެހެންނަމަވެސް، އެ ޤާނޫނުގެ ދަށުން ދިން ފުރުސަތަށްފަހު، އެގޮތުގެ މަތިން ފޯމު ހުށަނާޅާ ފަރާތްތަކުގެ ފޯމުތައް އޭރު ކެންސަލު ކޮށްފައިވާއިރު، ރައީސް ނަޝީދުގެ ފަރާތްޕުޅުން ގެންދަވަނީ އެ 39 ހާސް މެންބަރުންނަކީ އުސޫލުން ބޭރުން ޕާޓީން "ކަނޑާލާފައިވާ" މެންބަރުންކަމަށް ވިދާޅުވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ފިކުރެއްގެ ދިރުން" ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓު ކަނޑައަޅާނީ ފަހުން ކަމަށެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެއްބަސްވާ ކެނޑިޑޭޓަކަށް ތާއީދު ކުރަން ފަސޭހަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް