އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލަށް ބަދަލު ކުރެއްވުމަށް ފަހު ބަހައްޓަވާފައިވަނީ އެންމެ އާދައިގެ ގޮޅިއެއްގައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ޝެއިޚް އިމްރާންގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވީ، މަހަކަށް ވުރެ ގިނަ ދުވަހު އިމްރާން ގޭބަންދުގައި ބެހެއްޓެވުމަށް ފަހު، ހުކުރު ދުވަހު ކުއްލި ގޮތަކަށް އަނބުރާ ޖަލަށް ބަދަލުކުރެއްވި ފަހުން ކުރެއްވި ޓްވީޓެއްގަ އެވެ.
އަލީ ޒާހިރުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ޝެއިޚް އިމްރާން ޖަލަށް ގެންދެވި ގަޑީގައި ރާއްޖެޓީވީއަށް އިންޓަވިއުއެއް ދެއްވެވީތީ އެކަމާއި ނުރުއްސަވައިގެން ސްޕެޝަލް ޕްރޮޓެކަޝަން (އެސްޕީޔޫ) އަށް ލުމުގެ ބަދަލުގައި ޝެއިޚް އިމްރާން ބަހައްޓަވާފައިވަނީ މާފުށީ ޖަލުގެ އެންމެ އާދައިގެ އާއްމު ގޮޅިއަކަށްކަމަށެވެ. އިމްރާން މީގެ ކުރިން ބަންދުކޮށްފައި ބެހެއްޓެވީ އެސްޕީ ޔުނިޓެއްގައެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޝެއިޚް އިމްރާން މިވަގުތު އޮންނެވީ، އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) އާ އެއްގޮޅިއެއްގައެވެ.
Sheikh @ShimranAb jalah gendhevi gadi @Raajje_tv ah interview eh dhevvithive nurussavaigen Maafushi SPU ah lumuge badhaluga aamugolhiah?! ?
— Ali Zahir (alipi) (@alixahir) June 30, 2017
ދެހާސް ފަނަރަ ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެން ޓެރެރިޒަމްގެ ކުށް ސާބިތުކަމަށް ކަނޑައަޅައި، ޖަލަށްލީފަހުން ފުރަތަމަ ފަހަރަށް މީޑިއާއަކަށް އިންޓަވިއު ދެއްވީ ހުކުރުދުވަހު ޖަލަށް ބަދަލު ކުރެއްވުމުގެ ކުރިން ރާއްޖެޓީވީއަށެވެ.
މި އެކްސްކުލޫސިވް އިންޓަވިއުގައި ޝެއިޚް އިމްރާން ވަނީ ރައްޔިތުން ފަހަތަށް ނުޖެހި ސާބިތުކަމާއެކު ތިއްބެވުމަށް ގޮވާލައްވާފައެވެ. އަދި ފިނޑި ނުވެ ފަހަތަށް ނުޖެހި މަސައްކަތް ކޮށްފިނަމަ ދާދި އަވަހަށް ނަސްރު ލިބޭނޭ ކަމަށް އިމްރާން ވިދާޅުވިއެެވެ.