ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވޯޓު ނުދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އާދޭސް ދަންނަވައިފިއެވެ.
ރައީސް ޔާމީން އާދޭސް ދަންނަވާފައި ވަނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވައިބާ ގުރޫޕުގައެވެ. އެ ގްރޫޕުގެ ސްކްރީން ޝޮޓްތައް ސޯޝަލްމީޑީއާގައި ވަނީ މިހާރު ދައުރުވެފައެވެ.
ރައީސް ޔާމީން އާދޭސް ދަންނަވާ ވައިބާ ގްރޫޕުގައި މެމްބަރުންނަށް ފޮނުއްވި މެސެޖުގައި ވަނީ "ޑިއާ އެމްޕީސް. އަޅުގަނޑަށް ވަރަށް އުނދަގޫވާނެ އެއްވެސް އެމްޕީއަކު ސްޕީކާ މަސީހުގެ މައްސަލައިގައި ސޮއި ކުރައްވައިފިނަމަ. އެމްޕީއަކު ހިތްހަމަ ނުޖެހޭ ކަމެއް އޮތަސް މުޅި ސަރުކާރަށާއި ޕީޖީ ގުރޫޕަށް މި ފަދަ ގެއްލުމެއް ނުދެއްވުން އިހުތިރާމާއެކު އެދެން" މިހެންނެވެ.
އޭގެ ޖަވާބުގައި ދެތިން މެމްބަރަކު ވަނީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެއީ މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނާއި ޕީޕީއެމްގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އެވެ. އެމެމްބަރުންގެ މެސެޖްތަކުގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ "ޝުކުރު ދަންނަވާކަމަށާއި އެއްވެސް އެމްޕީއަކު މިކަމުގައި އަޅުގަނޑާއި ވަކިން މީޓް ކުރެއްވުމުގެ ފުރުސަތު ވެސް އޮންނާނެ" ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސީހަށް ވޯޓު ދޭންޖެހެނީ ކީއްވެތޯ ބައެއް މެންބަރުން ސުވާލު އުފެއްދެވުމުން ވައިބާ ގްރޫޕް ތެރެ ވަރަށް ހޫނިވިއެވެ.
ޕީޕީއެމް ވައިބާ ގުރޫޕުގެ މެސެޖްތައް ލީކުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މި ފިތުރު އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުމާ އެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުން ކާމިޔާބު ލިބޭނެކަމަށާއި ދެއީދު އެއްފަހަރާ އެބޭފުޅުންނަށް އަންނާނެ ކަމަށެވެ.
އަނެއްކޮޅުން ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން ގެންދަވަނީ ފާޅުގައި ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ. އެ ގޮތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވަނީ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިސްތިއުފާ އަށް ގޮވާލައްވާފައެވެ.