ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 21:43
އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ
އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕެއޯ
ރޮއިޓާސް
އިންޑިޔާ-ޕާކިސްތާނުގެ ނިއުކްލިއަރ ވާދަވެރިކަން
އިންޑިޔާއާއި ޕާކިސްތާނުން ނިއުކްލިއަރ ހަނގުރާމައެއް ކުރުމާ ވަރަށް ގާތަށް ދިޔަ - ޕޮމްޕެއޯ
އިންޑިޔާއާއި ޕާކިސްތާނުން ނިއުކްލިއަރ ކުރިމަތިލުމަކާ ކިހާ ގާތަށް ދިޔަކަން ދުނިޔެއަށް އެނގޭހެން ހީފުޅުނުވާކަމަށް ވިދާޅުވި

2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިޔާއާއި ޕާކިސްތާނުން ނިއުކްލިއަރ ހަނގުރާމައެއް ކުރުމާ ވަރަށް ގާތަށް ދިޔަކަމަށް، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

މަގާމުގައި ކުރެއްވުނު އަމިއްލަފުޅު ތަޖްރިބާތައް ލިއުއްވައި، ނެރުއްވި މެމޮއަރގައި ޕޮމްޕެއޯ ވިދާޅުވެފައިވަނީ، މިގޮތަށް ކަންތައް ދިމާވީ ޕާކިސްތާން ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އަމާޒުކޮށް އިންޑިޔާ ސިފައިން ހަމަލާތަކެއް ދިނުމުންކަމަށެވެ. އޭގެ ކުރިން ޕާކިސްތާނުން ވަނީ ކަޝްމީރުގައި ތިބޭ އިންޑިޔާ ސިފައިންނަށް އަމާޒުކޮށް ހަމަލާއެއް ދީފައެވެ. އެހަމަލާގައި އިންޑިޔާގެ 40 ސިފައިން މަރުވެފައި ވެއެވެ. ބެލެވޭގޮތުގައި އެ ހަމަލާ ދީފައިވަނީ އިސްލާމިސްޓް ޓެރަރިސްޓް ޖަމާއަތަކުންނެވެ. މިފަދަ ޖަމާއަތްތަކަށް ޕާކިސްތާނުން ތާއީދުކުރާކަމަށް އިންޑިޔާއިން އަންނަނީ ބުނަމުންނެވެ.

ދެފަރާތުން ބަދަލު ކުރެވުނު ހަމަލާތަކަށްފަހު، އިންޑިޔާގެ މިލިޓަރީ ދެ ޖެޓް ވައްޓާލެވުނު ކަމަށާއި ފައިޓަރ ޕައިލެޓެއް ހައްޔަރު ކޮށްފައިވާކަމަށް ޕާކިސްތާނުން އޭރު ބުނެފައިވެއެވެ.

މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް ދެ ގައުމުންވެސް ދައުވާކުރާއިރު، ކޮންމެ ގައުމަކުންވެސް ކޮންޓްރޯލްކުރަނީ ކަޝްމީރުގެ އެއްބައެވެ.

ނިއުކްލިއަރ ހަތިޔާރު ހުރި ދެގައުމު ކަމަށްވާ އިންޑިޔާއާއި ޕާކިސްތާން އިނގިރޭސީންގެ އަތްދަށުން މިނިވަންވެ، 1947 ވަނަ އަހަރު ވަކި ދެގައުމުގެ ގޮތުގައި ގާއިމްވީފަހުން ތިން ހަނގުރާމަ ކޮށްފައި ވެއެވެ. މިތަނުން ދެ ހަނގުރާމަ ކޮށްފައިވަނީ ކަޝްމީރުގެ މިލްކިއްޔާތު އަތުލެވޭތޯއެވެ.

"ނެވަރ ގިވް އެން އިންޗް-ފައިޓިންގ ފޯރ ދަ އެމެރިކާ އައި ލަވް"ގައި ޕޮމްޕެއޯ ލިއުއްވާފައިވާ ގޮތުގައި; 2019 ވަނަ އަހަރު ފެބްރުއަރީ މަހު އިންޑިޔާއާއި ޕާކިސްތާން ނިއުކްލިއަރ ކުރިމަތިލުމަކާ ކިހާ ގާތަށް ދިޔަކަން، ދުނިޔެއަށް އެނގޭހެން ހީފުޅު ނުވާކަމަށް ވިދާޅުވެފައިވެއެވެ. ހަގީގަތަކީ ޖަވާބު އޭނާއަށްވެސް އެނގިވަޑައިނުގަންނަވާ ކަން ކަމަށާއި، އެނގިވަޑައިގަންނަވާހާ ވެސް ކަމަކީ އެފަދަ ކުރިމަތިލުމަކާ ވަރަށްވެސް ގާތަށް ދިޔަކަން ކަމަށް ލިއުއްވާފައި ވެއެވެ.

"އެރޭ" ދުވަހަކުވެސް ހަނދުމަފުޅު ނުނެތޭނެކަމަށް ވިދާޅުވެ، އޭނާ ލިއުއްވާފައިވާގޮތުގައި، އޭރު އޭނާ ހުންނެވީ ހެނޯއީގައި އޮތް ސަމިޓް ބައްދަލުވުމަކަށް ވަޑައިގެން، ވިއެޓްނާމްގައެވެ. އޭރު އިންޑިޔާއާއި ޕާކިސްތާން ކަޝްމީރުގެ އިމުގެ މައްސަލާގައި އެއް ގައުމު އަނެއް ގައުމަށް އިންޒާރު ދީ، ހަމަލާތައް ހޫނުވެގެން ދިޔައެވެ.

އެވަގުތު ޕާކިސްތާނުން ނިއުކްލިއަރ ހަމަލާއަކަށް ތައްޔާރުވަމުން ދާކަމަށް، ހެނޯއީގައި ހުންނަވަނިކޮން ވަރަށް ކުއްލި ގޮތަކަށް ރޭގަނޑެއްގައި އޭނާއާ ބައްދަލުކުރެއްވި އިންޑިޔާގެ "ކައުންޓަރ ޕާޓް"އެއް ވިދާޅުވިކަމަށް ލިއުއްވާފައި ވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އިންޑިޔާއިންވެސް ރައްދު ހަމަލާއަކާމެދު ވިސްނައި، ތައްޔާރުވަމުންދާކަމަށް އޭނާއަށް ދެންނެވިކަމަށް ލިއުއްވާފައި ވެއެވެ.

ދެގައުމުންވެސް އިހަށް އެއްވެސް ކަމެއް ނުކޮށް މަޑުޖައްސާލުމަށާއި، މައްސަލަ ހައްލު ކުރެއްވޭތޯ ބައްލަވާނެކަމަށް ޕޮމްޕެއޯ އޭނާގާތު ވިދާޅުވިކަމަށް ލިއުއްވާފައި ވެއެވެ.

އެއަށްފަހު ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަންގެ އަރިހުގައި ކޮމިޔުނިކޭޝަންސް ރޫމަށް ވަޑައިގެން، އެކިބޭފުޅުންނަށް ފޯނު ކުރެއްވުމުގައި ދެތިން ގަޑިއިރު ހޭދަކުރެއްވި ކަމަށް ލިއުއްވާފައި ވެއެވެ. ޕާކިސްތާނުގެ އާރމީ ޗީފް އަރިހުން، އެފަދަ ހަމަލާއަކަށް ތައްޔާރުވަނީތޯ އެހުމުން އެކަން ދޮގުކުރެއްވި ކަމަށާއި، ނަމަވެސް އިންޑިޔާއިން އެފަދަ ހަމަލާއަކަށް ތައްޔާރުވަމުން ދާ ޚަބަރު ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވި ކަމަށް ވެއެވެ.

ޕޮމްޕެއޯގެ މި ލިއުއްވުމަށް އިންޑިޔާއާއި ޕާކިސްތާނުންވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މައުލޫމާތު: ބީބީސީ

- ކޮމެންޓް