ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 07:31
ފައިސާ ގުނަނީ
ފައިސާ ގުނަނީ
ރާއްޖެއެމްވީ
ރިޝްވަތު އާއްމުވުން
ތަނެއްގައި ރިޝްވަތު އާއްމުވުމަކީ އެތަނެއްގެ ހަލާކު
ރިޝްވަތުގެ ސަބަބުން ޢަދުލު އިންސާފު ގެއްލި، އެތައް ބަޔަކަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި ގެއްލިގެންދޭ

މި ދުވަސްވަރަކީ ރިޝްވަތުގެ މި ލަފުޒު ތަންކޮޅެއް ގިނައިން އެކި ސޯޝަލް މީޑިއާގެ ޕޯޓްސުތަކުން ފެންނަން ފަށާފައިވާ ދުވަސްވަރެކެވެ. މި އަޑުތައް ގަދަވެފައި މިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. މިފަދަ ބޮޑު އިންތިޚާބަކާއި ދިމާކޮށް އާންމު ގޮތެއްގައި ވާދަވެރި ސިޔާސީ މީހުން އެކަކު އަނެކަކަށް ތުހުމަތުތައް ވެސް ކުރެއެވެ. ނުފޫޒު ބޭނުންކުރާ ވާހަކަ އާއި ރިޝްވަތު ދިން ކަމަށް ކުރާ ތުހުމަތުތަކެވެ.

މިކަންތައްތައް ގިނަ އާންމު ރައްޔިތުންނަށް ވެސް ވަނީ ބޮޑު ޖޯކަކަށެވެ. ސޯޝަލް މީޑިއާތަކުން ފެންނަ ޕޯސްޓްތަކުގައި އައު ވައްތަރެއްގެ ފޯނެއް ނުވަތަ ކޮންމެވެސް އަޑުބޮޑު މުދަލެއް ބޭނުންވާ ކަމަށް ޕޯސްޓްކޮށްފައިވެއެވެ. އަދި އިންތިޚާބު ދުވަސްވަރަށްވުމުން "ހަމަ ބުނެލީ" ކަމަށް ވެސް އެ ޕޯސްޓްތަކުގައިވެއެވެ.

އިންތިޚާބުތަކާއި ދިމާކޮށް އާންމުކޮށް އަޑުއިވޭ ވާހަކަ އަކީ ވޯޓް ވިއްކާ ވާހަކަ އާއި އައީޑީކާޑު ވިއްކާ ވާހަކެވެ. ނުވަތަ ވޯޓް ހޯދުމަށް މީހަކު އައުމުން ތިމާ ބޭނުންވާ ކަމެއްގެ ވާހަކަ ބުނުމުން، އެވޯޓް ގަނޑު ހޯދުމަށްޓަކައި ފައިސާ އާއި ނުފޫޒު އޮންނަ ކޮންމެވެސް މީހަކު އެކަމެއް ކޮށްދޭ ވާހަކައެވެ. ވިސްނާ ވިސްނުމަށް މިއީ ވަރަށް އާދައިގެ ކަންކަމެވެ. އެހެންނަމަވެސް ދުރު ވިސްނުމަކުން ވިސްނައިފިނަމަ މިކަމުން ނުކުންނަ ނަތީޖާ އެހާ ރަނގަޅެއް ނުވާނެއެވެ. އެންމެ ގިނައިން މިފަދަ ކަންތައްތައް ފެންނަނީ ސިޔާސީ މީހުންގެ ފަރާތުންނެވެ. އެގޮތުން ދާދިފަހުން ވެސް ކެމްޕޭން ޖަލްސާއެއްގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅަކު ވަނީ މިފަދަ ވާހަކަފުޅެއް ދައްކަވާފައެވެ. އެގޮތުން ކަޅު ދަބަސް ހިފައިގެން، މީހުން ފައިސާ ބަހަން އަންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ގާތުގައި ހާއްސަކޮށް މި ވަގުތު އެމްޑީޕީ މެމްބަރުން ކައިރީގައި، އެ ފައިސާގައި ހިފުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން 10،000 ރުފިޔާ ދެއްވަން އުޅެންޏާ ވިއްސޭ ވިދާޅުވެ އެ ވަރު ވެސް ނަންގެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވާދަވެރިން ގިނައިން ފައިސާ ދެއްވާނަމަ ރަނގަޅު ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ސިޔާސީ ބޭފުޅަކު އެފަދަ މަޤާމެއްގައި ހުންނަވައިގެން ދައްކަން ޖެހިވަޑައިނުގަންނަވާ ވާހަކަފުޅެކެވެ.

ރިޝްވަތުގެ ސަބަބުން ޢަދުލުއިންސާފު ގެއްލި، އެތައްބަޔަކަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި، އެތައްބަޔަކަށް ޙައްޤު ނުވާ ތަކެއްޗާއި ކަންކަން ރިޝްވަތު ދީގެން ކުރުވައެވެ. ނުވަތަ އަތުލައެވެ. އެތައްބައެއްގެ ކަންތައްތައް އެތައްދުވަހަކަށް ލަސްވެ، އަނެއްބައެއްގެ ކަންތައްތައް ޤަވާޢިދާ ޚިލާފަށް އަވަސްވެ އަވަހަށް ނިމިގެންދެއެވެ. އަދި އެއްބަޔަކަށް ޙައްޤުވާ އެތައްކަމެއް އެމީހުންނަށް ނުލިބި އެކަންކަން ޙައްޤު ނުވާ ބަޔަކަށް އެކަންކަން ލިބިގެން ދެއެވެ.

މިހުރިހާ ކަމަކީ ވެސް، ޤައުމެއް ނުވަތަ މުޖްތަމަޢު ހަލާކުގެ ތެރެއަށް ވެއްޓުމަށް މެދުވެރިގެންދާ ކަންކަމެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން އެ މުޖްތަމަޢަކީ އިންސާނުންނަށް ދިރިއުޅެން އުނދަގޫ، ބިރުވެރި މުޖްތަމަޢަކަށް ވެގެންދެއެވެ.

ރިޝްވަތުގެ ސަބަބުން ތިމާމެންނަށް ވަގުތީ ހައްލެއް، ފައިދާއެއް، ނުވަތަ ވަގުތީ އުފަލެއް ލިބުނު ނަމަވެސް ފަހުން އެކަމުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑެވެ. މިކަމަށް، ރިޝްވަތު ދޭމީހުންނާއި ރިޝްވަތު ހިފާ މީހުން ވިސްނަން ޖެހެއެވެ.

ކޮންމެ މީހަކުމެ ކުރާ ކޮންމެ ކަމެއްގައި ވެސް ތެދުވެރި ވުމަށާއި، އަމާނަތްތެރިވުން އިސްލާމްދީނުގައި ވަނީ ވާޖިބު ކުރައްވާފައެވެ. އަމާނާތްތެރިކަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި، ޚިޔާނަތާއި މަކަރާއި ޙީލަތާއި ރިޝްވަތު ފަދަ ކަންތައްތައް ޙާރާމް ކުރައްވާފައިވެއެވެ.

ރިޝްވަތަކީ ތިމާއަށް ޙައްޤުނޫން ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް ނުވަތަ ތިމާ ކަމަކުން ނުޙައްޤުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ދިނުމެވެ. ނުވަތަ ތިމާއަށް ލިބަފައިވާ ނުފޫޒާއި، ބާރުގެ ބޭނުން ކުރުމެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ތަނެއްގައި ރިޝްވަތު ޢާއްމުވުމަކީ އެތަނެއްގެ ހަލާކެވެ.

- ކޮމެންޓް