ރަމަޟާން މަހުގައި އެމީހަކަށް ކުރެވުނު ހެޔޮ އަމަލުތަކަށް ބޮޑާވެ ނުގަތުމަށް ހުކު ޚުތުބާގައި ގޮވާލައިފިއެވެ.
ހުކުރު ޚުތުބާގެ މައުޟޫއަކީ "ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުން" އެވެ. ޚުތުބާފައި ބުނެފައި ވަނީ ފާއިތުވެދިޔަ ރަމަޟާން މަހު ކުރެވިފައި ވަނީ ކޮންކަހަލަ ރަނގަޅު ކަންތައްތަކެއްތޯ ކޮންމެ މީހަކު ވެސް ބަލާލަން ޖެހޭކަމަށް ކަމަށެވެ.
އެގޮތުން ހެޔޮ އަމަލެއް ކުރެވުނީތީ ފޮނިވެ ބޮޑާވާ މީހާ އެކަމުގެ ސަބަބުން ހެއްލެނިވެ ގެއްލެނިވެދާނެ ކަމަށް ﷲ ރުއްސުންލެއްވި އަލީގެފާނު ވިދާޅުވެފައިވާ ކަމަށް ހުކުރު ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ﷲގެ ވަޖްހަފުޅު އަދައިގެން ހެޔޮ އަމަލުކޮށް އުޅުނު މީހާ އެކަންތަކާ ބޮޑާވެ ނުގަތުމަށް ވަނީ ނަސޭހަތް ދީފައެވެ.
ރަމަޟާން މަހަކީ ހެޔޮކަމުގެ މޫސުމަކަށްވާތީ އެ މަހުގައި ސާލިހު އަމަލުތައްކުރުމަށް ކުރުމަށް އިތުރުވި ނަމަވެސް އެހެން މަސްމަހު ވެސް ހެޔޮ އަމަލުތައް ކުރުންމަތީ ދެމިތިބުމަށް ރަސޫލާ(ސ) އިރުޝާފު ދެއްވާފައިވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާ އަމާޒުކޮށްފައި ވަނީ ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން ހަ ރޯދަ ހިފުމަކީ މުޅި އަހަރު ރޯދަ ހިފުން ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައި ވެއެވެ.
ހުކުރު ޚުތުބާގައި ބުނެފައި ވަނީ ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ރަސޫލާ (ސ)ގެ ސުންނަތުން ސާބިތުވާކަމެއް ކަމަށެވެ. އެގޮތުން ރަމަޟާން މަހު ރޯދަ ހިފުމަށް ފަހު އެއާއި ވިދިގެން އަންނަ ޝައްވާލުމަހުގެ ރޯދަ ހިފި މީހާ މުޅިއަހަރު ރޯދަ ހިފި ފަދަ ކަމަށް ރަސޫލާ (ސ) ހަދީސްކުރައްވާފައިވާ ކަމަށް ހުކުރު ޚުތުބާގައި ބުނެފައި ވެއެވެ.
ރޯދަ ހިފުމުގައި އެންމެ ރަނގަޅު ގޮތަކީ އީދު ދުވަހާއި ޖެހިގެން އަންނަ ވަޅުއީދު ދުވަހުން ފަށައިގެން 6 ރޯދަ ހަމަ ވަންދެން ރޯދަ ހިފުން ކަމަށާއި އެހެން ނަމަވެސް ޝައްވާލުމަހުގެ ކޮންމެ ވެސް ހަ ދުވަހެއްގައި ރޯދަ ހިފުމުން އެ ސުންނަތް ހާސިލްވާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.