ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 09:06
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީ ކުރިއަށް ޓުވިޓަރ
އެމްޑީޕީ ޕްރައިމަރީ
ދައުރެއްގެ ތެރޭގައި ފްލެޓުތައް ނިންމައި، ތަޅުދަނޑި ދޭނީ އަޅުގަނޑު: ރައީސް
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން، ހުރިހާ ރައްޔިތުންނަށްވެސް ހަމަޖެހޭ ދިރިއުޅުމެއް ލިބިގެންދާނެ
ދައުރެއްގެތެރޭގައި ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށައި، ނިންމައި، ފްލެޓްތަކުގެ ތަޅުދަނޑި އަތަށް ދޭނީ އަޅުގަނޑު
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިހާރު މިދާ ބާރުމިނުގައި މަޝްރޫއުތައް ނިންމާލުމަށް އެމްޑީޕީއަށް ލިބޭނެ ފަހު ފުރުސަތު

ދައުރެއްގެ ތެރޭގައި މާލޭގައި ފްލެޓްތަކުގެ މަސައްކަތް ބިންގަލުން ފެށިގެން ނިންމަވައި، ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތާ ހަމައަށް ކުރައްވާނެ ވެރިޔަކީ އެމަނިކުފާނުކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގާފައި ވާކަމަށާއި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނުވޭނެ ވެރިޔަކީ އެމަނިކުފާނުކަން ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނީވެސް އެމަނިކުފާނުގެ ވެރިކަމުގައިކަން ވެސް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން އަޅާ ފްލެޓްތައް ބައްލަވާލެއްވުމަށް ހުކުރު ދުވަހު ޒިޔާރަތް ކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އަޅާ ފްލެޓްތަކަކީ ތަފާތު ފްލެޓްތަކެއް ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް، ބިންކަނޑައި، އިން ވަކިކޮށް، ގޯތި ދޭނީ އަޅުގަނޑު. ދައުރެއްގެ ތެރޭގަ ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށާ، ނިންމާ، ފްލެޓުގެ ތަޅުދަނޑި އަތަށް ދޭނީ އަޅުގަނޑު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވަނީ ހުކުރު ދުވަހު އެމަނިކުފާނުގެ ކެމްޕޭން ޖަލްސާއަށް ގިނަ ބަޔަކު ހާޒިވެފައިވާކަން ފާހަގަކުރައްވައި، އެއީ އިންތިޚާބު މިހާރުވެސް ކާމިޔާބު ކުރެވިފައިވާކަން ސާބިތުކޮށްދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށްދާން ކަމަށާއި، އަނިޔާވެރިކަމަށް އެނބުރިދާން ބޭނުން ނުވާކަން މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އިންތިޚާބުން ހާމަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕްރައިމަރީގައި އެމަނިކުފާނަށް ދެއްވާ ކޮންމެ ވޯޓަކީވެސް އެމްޑީޕީއަށް، ރާއްޖޭގެ މަސްލަހަތު ހިފެހެއްޓުމަށް ދެވޭ ވޯޓެއްގެގޮތުގައި ހައްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިހާރު މިދާ ބާރު މިނުގައި މަޝްރޫއުތައް ނިންމާލުމަށް އެމްޑީޕީއަށް ލިބޭނެ ފަހު ފުރުސަތު ކަމަށާއި، އޭގެ ސަބަބުން އަތޮޅުތަކުގެ ތަރައްގީ ވަށައިޖެހި، އޭގެ ލުއި މާލެއަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ސަބަބުން ހުރިހާ ރައްޔިތުންނަށްވެސް ހަމަޖެހޭ ދިރިއުޅުމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް