ޖެނުއަރީ 15 ދުވަހު މުޅި ނޭޕާލް ރޮއްވާލީ އެގައުމުގެ ވެރިރަށް ކަތަމަންޑޫއިން ގައުމުގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލް ޕޮޚަރާއަށް ދަތުރުކުރި ޔެޓީ އެއަރގެ ފްލައިޓް، އޭޓީއާރް 72 ވެއްޓުނު ހިތާމަވެރި ހާދިސާއެވެ. ފްލައިޓް ދަތުކުރަމުންދިޔައީ ހަތަރު ކްރޫންނާއި 68 ފަސިންޖަރުންނާއެކުއެވެ. އެއީ ނޭޕާލްގެ 53 މީހުން، އިންޑިއާގެ ފަސް މީހުން، ރަޝިއާގެ ހަތަރު މީހުން، ދެކުނު ކޮރިއާގެ ދެ މީހުން، އަދި އޮސްޓްރޭލިއާ، އަޔަލޭންޑް، އާޖެންޓީނާ އަދި ފްރާންސް، ކޮންމެ ގައުމަކުން އެކަކެވެ. ފްލައިޓުން ދަތުރުކުރި މީހުންގެ ތެރޭގައި ކުޑަ ތިން ކުދިންނާއި އަހަރު ނުފުރޭ ތުއްތު ތިން ކުދިންވެސް ތިއްބެވެ.
ޖުމުލަ 72 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓުނީ ނޭޕާލްގެ ކަސްކީ ޑިސްޓްރިކްޓްގެ ސެޓި ރިވަރ ޖޯރޖް ސަރަހައްދަށެވެ. ފްލައިޓުން ދަތުކުރި މީހުންގެ ތެރެއިން 70 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްފައިވާއިރު، ބާކީ ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ބޮޑަށް ބެލެވެނީ އެ ދެ މީހުންވެސް މަރުވެފައިވާކަމަށް، ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރީގެ ތަރުޖަމާނު ވަނީ، އެމީހުން ނުފެންނަނީސް އެމީހުންގެ ހާލާމެދު އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައެވެ. އެ ދެމީހުން ހޯދުމުގެ މަސައްކަތް އަންގާރަ ދުވަހު އަނެއްކާވެސް ކުރާނެއެވެ.
ޓްރިބުވަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރައީސް ޕްރެމް ނަތު ތަކުރް ވަނީ، ފްލައިޓް ވެއްޓުމުގެ ކުރިން ފްލައިޓް ޖެއްސުމަށް ލޭންޑިން ކްލިއަރެންސްވެސް ޕައިލެޓް ހޯދިކަމަށާއި، އެދުވަހުގެ މޫސުންވެސް ރަނގަޅުކަމަށާއި، ޓެކްނިކަލް އެއްވެސް މައްސަލައެއް އުޅޭކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކިޔައިދީފައެވެ.
ނޭޕާލަކީ މިފަދަ ފްލައިޓް އެކްސިޑެންޓްތައް އާންމު ގައުމެކެވެ. ޚާއްސަކޮށް އެގައުމުގެ ފަރުބަދަމަތީ ސަރަހައްދުތަކުން ދަތުރުކުރާއިރު، މިފަދަ ހާދިސާތައް ހިނގައެވެ. 2022 ވަނަ އަހަރުގެ މެއި މަހުވެސް ޓާރާ އެއަރގެ ފްލައިޓެއް އެގައުމުގެ މުސްޓަންގް ޑިސްޓްރިކްޓަށް ވެއްޓި، 22 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް އާދިއްތަ ދުވަހުގެ މިހާދިސާއަކީ 30 އަހަރުގެ ތެރޭގައި ނޭޕާލުގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ.
މީގެ ކުރިން 1992 ވަނަ އަހަރު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންގެ އެއަރބަސް އޭ300 ކަތަމަންޑޫއަށް ވެއްޓުނު ހިތާމަވެރި ހާދިސާގައި އެ ފްލައިޓުން ދަތުރުކުރަމުންދިޔަ 167 މީހުން ވަނީ މަރުވެފައެވެ.
އާދިއްތަ ދުވަހުގެ ހާދިސާ ތަހުގީގުކުރަން ފަސް މެމްބަރުންގެ ޚާއްސަ ކޮމިޓީއެއް ނޭޕާލް ސަރުކާރުން ވަނީ އެކުލަވާލާފައެވެ. އަދި މިހިތާމަވެރި ހާދިސާއާ ގުޅިގެން، ހޯމަ ދުވަހަކީ ގައުމީ ހިތާމަކުރުމުގެ ދުވަހެއްކަމުގައި ކަނޑައަޅައި އިއުލާނުކޮށްފައިވާއިރު، ފްލައިޓް ވެއްޓުނު މަންޒަރު ދުށް އާންމުންގެ ވާހަކަތައް އަޑުއިވުމުން ހިތަށް ބިރުވެރިކަން އިހުސާސްކުރެވި ހިތްދަތިވެއެވެ.
ފްލައިޓް ވެއްޓުނު ސަރަހައްދާ ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅެމުންދާ ސަޕަނާ ޚަދްކާ ކިޔައިދިންގޮތުގައި ފްލައިޓް ވެއްޓުނީ އޭނާގެ ގޭގެ ކުރިމައްޗަށް ކަމަށާއި، ފްލައިޓް ވެއްޓުނު ބާރުމިނުގައި އޭގެ ބައިތައް އެގޭގެ ކުރިމައްޗަށްވެސް ދިޔަކަމަށެވެ. އަދި އެ ބައިތަކުގައި އަލިފާން ރޯވި މަންޒަރުވެސް ޚަދްކާއަށް ފެނުނުކަމަށް އޭނާ ކިޔައިދިނެވެ.
ބާރު އަޑުފައްގަނޑެއް އިވުމުން ބޭރު ބަލައިލިއިރު، ވައިގެ ތެރޭގައި ބޮޑު އަލިފާން ބޯޅައެއް އޮތްތައް ފެނުމުން ގެއިން ބޭރަށް ދުއްވައިގަތް ކަމަށާއި، ގޭގައި އޭނާއާއި އޭނާގެ ދަރިން ތިއްބައި، ފްލައިޓް ވެއްޓޭނީ ގޭގެ މައްޗަށް ކަމަށް ހީކުރެވުނު ކަމަށް ޚަދްކާ ކިޔައިދިނެވެ.
އިތުރު މީހެއް ކަމަށްވާ، ގަންގާ މަގަރް ކިޔައިދިން ގޮތުގައި، ފްލައިޓް ވެއްޓުނީ ނޭޕާލުގެ ގަޑިން ހެނދުނު 10:30ހާއިރު، އޭނާއާ އޭނާގެ ފިރިމީހާ އަދި އަވައްޓެރިއަކު ގޭގެ ބޭރުގައި ތިއްބައެވެ. ފްލައިޓް ދަތުރުކުރީ އެމީހުންގެ ބޯމަތިން ކަމަށާއި، އެވަގުތު ހީކުރީ ފްލައިޓް އަނބުރާލާފައި ދާން އުޅޭ ކަމަށް ކަމަށެވެ. އެހެންނަމަވެސް ފްލައިޓް އަރިއަޅާލާފައި އޮތް މަންޒަރު ފެނުނު ކަމަށާއި، ފްލައިޓް ވެއްޓި ދެފަޅިވީ އޭނާ ބަލަބަލައި ހުއްޓާ ކަމަށްވެސް މަގަރް ކިޔައިދިނެވެ.
ފްލައިޓް ވެއްޓޭތަން ފެނުމުން އޭނާގެ ދަރިފުޅު ގޮވައިގެން ގެއިން ނިކުމެގެން ދުންވައިގަތް ކަމަށާއި، ފްލައިޓްގައި ރޯވި އަލިފާންގަނޑުގެ ހޫނު އިހުސާސް ކުރެވުނު ކަމަށް މަގަރް ކިޔައިދިނެވެ. އޭނާ ބުނީ އޭނާގެ ފިރިމީހާ އެއަލިފާންގަނޑުގެ ސަބަބުން ފިހިފައިވެސް ވާކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން ފްލައިޓްގެ ކޮކްޕިޓްގެ ވޮއިސް ރިކޯޑަރާއި ފްލައިޓް ޑާޓާ ރިކޯޑަރު ކަމާބެހޭ ފަރާތްތަކުން ވަނީ ހޯދާފައެވެ.