ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑުބައެއް ހިއްސާކުރާ ދާއިރާއެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓި، ދަށަށް ދިއުމުގެ އަސަރު ވަރަށް ބޮޑަށް އިގްތިސާދުންވެސް ދިޔައީ ފެންނަމުންނެވެ. ނަމަވެސް ސަރުކާރުން އެވަގުތު އެޅި މުހިންމު ފިޔަވަޅުތަކާއެކު, މިއަދު ރާއްޖޭގެ ފަތުރުވެރިކަން މިދަނީ ދުނިޔެ ހައިރާން ކުރަމުންނެވެ. ކޮވިޑަށްފަހު ދުނިޔޭގައިވެސް ފަތުރުވެރިކަން އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި މި ކުޑަކުޑަ ގައުމު ހިމެނެއެވެ. ޖެހިޖެހިގެން ތިން އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ލަގަބުވެސް ރާއްޖެއިން މިވަނީ ހޯދާފައެވެ.
މި އައު އަހަރަށް ފަތުރުވެރިކަމުގެ ދާއިރާއިން މަރުހަބާކީ ނިމުނު އަހަރުގެ ކާމިޔާބީއާއެކު، އައު އުއްމީދުތަކާއެކުގައެވެ. މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑުގެ ކުރިއަށްވުރެވެސް އިތުރުވާނެކަމަށް އުއްމީދު ކުރަމުންނެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ދެބައިކުޅަ އެއްބައި ނިމިފައިވާއިރު، ނަންބަރުތަކުން ދައްކަނީ މި އުއްމީދުތަކުގައި ކުލަ ޖެހިގެންދާ މަންޒަރެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް 81،772 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅައިބަލާއިރުވެސް މި މަސް ނިމޭއިރު ޒިޔާރަތްކުރާނެ ފަތުރުވެރިންގެ އަދަދު ގިނަވާނެ ކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އަހަރުގެ ފުރަތަމަ 15 ދުވަހު ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. އެގޮތުން ނިމުނު 2022 ވަނަ އަހަރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 4،250 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5،451 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.
މިހާތަނަށް ފަތުރުވެރިކަމުގެ ނަންބަރުތައް ދައްކާގޮތުން މިއަހަރު ވެގެންދާނީ ކޮވިޑުގެ ކުރިން 2019 ވަނައަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އޮތް ވަރަށް ވުރެ ކުރިއަރައިގެންދާނެ އަހަރަކަށެވެ. އެކަން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުންވެސް ގަބޫލުކުރެއެވެ. އެގޮތުން، 1982 ވަނަ އަހަރުން ފެށިގެން ފަތުުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ، ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސްގެ ސީއީއޯ، ޔޫސުފް ރިފްއަތުވެސް ވިދާޅުވީ މިއަހަރު ވެގެންދާނީ މުޅި ފަތުުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އަހަރަކަށް ކަމަށެވެ. އަދި އެކަމުގައި މިއަދުގެ ސަރުކާރާއި ލީޑަރުންނާއި ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ ބުރަ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރަކީ ރާއްޖެއަށް އުއްމީދީ އަހަރަކަށް ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ވިދާޅުވެއެވެ. ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ފަތުރުވެރިކަމުގެ އައު ޕްރޮޑަކްޓްތައް އަންނާނެ ކަމަށާއި، މިދިޔަ އަހަރު ސަރުކާރުންނާއި ޕްރައިވެޓް ސެކްޓަރުން ރާއްޖެ އިޝްތިހާރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން، އައު މާކެޓުތަކަށް ޚާއްސަ ހަރަކާތްތައް ހިންގާފައިވާއިރު، ރާއްޖޭގެ ފަތުވެރިކަމަށް ގައުމުތަކުން ކުރާ އިތުބާރުވެސް ބޮޑުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެގޮތުން މިއަހަރުގެ މިހާތަނަށް ރަނގަޅު ނަންބަރުތަކެއް ފެންނަންހުރިއިރު، އަހަރުގެ ފަހުކޮޅު ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ނަންބަރުތައް ދަށްވިޔަ ނުދިނުމަށްޓަކައި، ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީއާއި ދެމުން އަންނަ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މިއަހަރަކީ ރިޔާސީ އިންތިޚާބު އޮތް އަހަރަކަށް ވީނަމަވެސް އަމާން ވެއްޓެއް އޮތްކަން ފަތުރުވެރިންނަށް ހާމަކޮށްދޭން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދިއުމަކީ ރާއްޖޭގެ އިގްތިސާދުގެ އިތުރުން އެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށްވެސް ފައިދާވާނެ ކަމެކެވެ. ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތަކުންވެސް އެ ބަދަލުތައް މިހާރު އަންނަނީ ފެންނަމުންނެވެ. އެގޮތުން، ކޮވިޑާ ގުޅިގެން، މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު ދަށްވެ، ސްވެނިއަރ ޝޮޕްތަކަށްވެސް ގިނަ ގެއްލުންތަކެއް ލިބިފައިވާއިރު، މިއަހަރު އެ ދާއިރާއިންވެސް ކުރިއެރުންތަކެއް ލިބޭނެކަމަށް ލަފާކުރެވެއެވެ. އެ ދާއިރާ ކުރިއެރުވުމަށް ކައުންސިލްތަކާއި ރިސޯޓުތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވުރެ ބޮޑަށް އިސްކަން ދެނީ ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދަށެވެ. ގިނަ ދުވަސް ހޭދަކުރުމުގެ މާނައަކީ އެ ފަތުުރުވެރިއަކު ރާއްޖޭގައި ކުރާ ހޭދަ އިތުރުވުމެވެ. މުވައްޒަފުންނަށް ލިބޭ ޓިޕްސް އިތުރުވުމެވެ. ފަތުރުވެރިކަމާ ގުޅިފައިވާ އެހެން ވިޔަފާރިތަކަށް ލިބޭ އާމްދަނީ އިތުރުވުމެވެ. ރަށްރަށުގެ އާމްދަނީ އިތުރުވުމެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުވުމެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖޭގެ އެންމެ މުހިންމު އެއް މާކެޓު ކަމަށްވާ ޗައިނާގެ ފަތުރުވެރިން ނުހިމަނައި ހާސިލު ކުރެވުނު ކާމިޔާބީއެކެވެ. ޗައިނާގެ ބޯޑަރުތައް ހުޅުވާލާފައިވާއިރު، ރާއްޖެއިން ތައްޔާރުވަމުން އަންނަނީ މި ހަފުތާގެ ބުދަ ދުވަހު ޗައިނާ ފަތުުރުވެރިންނަށް މަރުހަބާ ކިޔުމަށެވެ. އެއާއެކު އެ ގައުމުގައިވެސް ތިން އަހަރު ވަންދެން ބަންދުވެފައިތިބި އެތައް ފަތުރުވެރިންނެއް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. އެ ގައުމުން މިހާރުވެސް ތިން އެއަރލައިނަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެފައެވެ.