ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 13:14
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ވެރިން ހޮވަނީ ރައްޔިތުންނަށް ކަންކަންކޮށްދޭށެވެ. ކްރެޑިޓް ނަގަނީ އަމިއްލަފުޅަށެވެ.
ކޮންމެ ވެރިއަކުވެސް ކެމްޕެއިންގައި ކޮށްދެވުނު ކަންކަމުގެ ވާހަކަ ވިދާޅުވޭ
ކަންކަން ކޮށްދެއްވަނީ ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވޭ

ކެމްޕެއިންތަކުގައި މައިގަނޑު ގޮތެއްގައި އޮންނަނީ އެބަޔަކަށް ހާސިލުވެފައިވާ ކަންކަން ރައްޔިތުންނަށް ކިޔައިދީ އެބަޔެއްގެ މޮޅު ވާހަކަތައް ދެއްކެމެވެ. ދެން ކޮށްދޭނެ ކަންތަކާއި މާޒީގައި ކޮށްދިން ކަންކަން ކިޔުމެވެ. ރައްޔިތުންނަށް ފައިދާވާ ގޮތަށް އެބަޔަކަށް އެކުލަވާލާ ތަންފީޒުކޮށްދެވުނު މޮޅު ސިޔާސަތުތަގެ ވާހަކަ ދައްކާ އެކަންކޮށްދިން ބަޔަކީ އެމީހުން ކަމަށް ބުނުމެވެ. އެހެންކަމުން ވެރިކަމުގެ ބާރުތައް އަނެއްކާވެސް އެމީހުންނަށް ދޭންޖެހޭކަން ރައްޔިތުންގެ ސިކުނޑިތަކަށް ވެއްދެން އޮތް އެންމެ މޮޅަކަށް އެކަން ކުރެވޭތޯ މަސައްކަތްކުރަމުންދެއެވެ. ރައްޔިތުން ގޮތް ނިންމަނީ އެކަންކަމަށް ބެލުމަށްފަހުއެވެ.

ނަމަވެސް މިހުރިހާ ކަމަކާއެކުވެސް ހުރިހާ ސިޔާސީ މީހުންވެސް ބުނާ އެއް ވާހަކައެއް އޮވެއެވެ. ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށެވެ. އެހެންކަމަށްވާނަމަ ރައްޔިތުންނަށް ކޮށްދެވުނު ރަނގަޅު ކަންތައްތަކުގެ ލިސްޓުކިޔާ އެކަމުގެ ކްރެޑިޓް ނަގަނީ ކީއްކުރަން ހެއްޔެވެ؟ މިސާލަކަށް ރައީސް މައުމޫންގެ 30 އަހަރަކީ ރާއްޖޭގައި އަސާސީ ތައުލީމު ހުރިހާ އެންމެންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްދެއްވި 30 އަހަރެވެ. ހުރިހާ ދިވެހިންނަކީވެސް ލިޔަން ކިޔަން ދަނެފައި ތިބި ބަޔަކަށް ހެދުމަށް ބޮޑު ކެމްޕެއިނެއް ހިންގަވާ އެންމެންނަށް ކަހަލަ ގޮތަކަށް ލިޔަންކިޔަން ދަސްކޮށްދެއްވިއެވެ. ރަށްރަށުގެ އިންފްރާސްޓްރަކްޗަރގެ ބިންގާ އެޅުއްވިއެވެ. އެއީ ރައްޔިތުންނަށްޓަކައި އެ 30 އަހަރު ރައީސް މައުމޫން ކޮށްދެއްވި އަގުހުރި މަސައްކަތްތަކެކެވެ. އެކަމުގެ ކްރެޑިޓް އަމިއްލަފުޅަށް ނަންގަވާ އަދި އެހެން މީހުން އެމަނިކުފާނަށް އެކަމުގެ އެކްރެޑިޓް ދެއެވެ.

ދެން އައީ އެމްޑީޕީގެ ވެރިކަމެވެ. އެވެރިކަމުގެ 3 އަހަރުގެ ތެރޭގައި އާސަންދަ ނިޒާމު ތައާރަފްކޮށް ސިއްހީ ޚިދުމަތަށް ސަލާންޖެހުން ނިމުމަކަށް ގެނެސް، ޓެކްސްގެ ނިޒާމު ތަޢާރަފްކޮށް އިޖުތިމާއީ ރައްކާތެރިކަމުގެ އެތައް ކަމެއް ތަޢާރަފްކުރިއެވެ. އެކަމަކީ އެމްޑީޕީގެ ފަލްސަފާއެވެ. އެމީހުންގެ ސިޔާސަތެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދެވެ. އެހެންކަމުން އެކަންކަން ކޮށްދެއްވީ ރައީސް ނަޝީދުކަމަށް ނިންމިދާނެއެވެ.

ދެން އައީ ރައީސް ޔާމީންގެ 5 އަހަރުގެ ވެރިކަމެވެ. ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގެވިއެވެ. ހަލުވި މިނެއްގައި ތަރައްގީ ގެންނެވިއެވެ. މާލެ އާއި ހުޅުމާލެ ގުޅާލާނެ ބްރިޖެއްގެ ވާހަކަ ދައްކަމުން އައިސް އެކަމުގައި ހަގީގީ ކުލަ ޖައްސައިދިނެވެ. އެކަމުގެ ކްރެޑިޓް ދަނީ ރައީސް ޔާމީނަށް ކަމަށް ބުނެވިދާނެއެވެ.

ދެން މިއޮތީ ހިނގަމުން އަންނަ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމެވެ. އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ފެނާއި ނަރުދަމާ ނެތް ރަށެއް ނުވަތަ އެމަސައްކަތް ނުހިނގާ ރަށެއް މިއަހަރު ނިމޭއިރު ރާއްޖޭގައި ނޯންނާނެއެވެ. އެކަމުގެ ކްރެޑިޓް ދަނީ ރައީސް ޞާލިހުއަށެވެ.

މިއިން ކޮންމެ ވާހަކަތަކަކީވެސް މިއިން ކޮންމެ ވެރިއަކުވެސް ކެމްޕެއިންގައި އަމިއްލަފުޅަށް ދައްކަވާ ވާހަކަފުޅުތަކެވެ. ނަމަވެސް މީގައި މައްސަލަ ދިމާވަނީ އިދިކޮޅު މީހާއަށް ނިސްބަތްކޮށް އެކަންކަމަކީ ރައްޔިތުންނަށްޓަކައި ކޮށްދިން ކަންކަމޭ އެއީ ކޮށްދޭންޖެހޭ ކަންކަމޭ ވެރިކަމަށް ރައްޔިތުން ގެނައީ އެކަންކަން ކޮށްދޭންކަމަށް ވިދާޅުވާ ހިސާބުންނެވެ. ނަމަވެސް ހަގީގަތަކީ އެކަން ހުރިހާ ވެރިންނަށްވެސް ނިސްބަތްވާކަމެވެ.

އައު ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ހުރިހާ ރިޔާސީ އިންތިޚާބުތަކަށް ބަލާއިރު ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންފުޅުނުވާ ވެރިއަކު ފެންނާކަށްނެތެވެ. ރައީސް މައުމޫންގެ 30 އަހަރަށްފަހު ދެން އައި އިންތިޚާބަށް ކުރިމަތިލެއްވިއެވެ. ރައީސް ނަޝީދުގެ 3 އަހަރުގެ ވެރިކަން ނިމުމަށްފަހު ދެން ޖެހިގެން އައި ރިޔާސީ އިންތިޚާބަށް ވާދަކުރެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ބާކީ އޮތް ދެ އަހަރު ދުވަހު ވެރިކަން ކުރެއްވި އެމަނިކުފާނުގެ ނައިބު ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުވެސް ހަމަ އެފަދައެވެ. ޖެހިގެން އައި އިންތިޚާބުގައި ވާދަކުރެއްވިއެވެ. ރައީސް ޔާމީންވެސް 5 އަހަރުގެ ދައުރެއް ނިންމެވުމަށްފަހު ޖެހިގެން އައި އިންތިޚާބަށް ކުރިމަތިލެއްވިއެވެ. މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޞާލިހުވެސް މަސައްކަތްކުރައްވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށެވެ. ޓިކެޓް ހޯއްދެވުމަށެވެ. އަދި 3 އަހަރު ވެރިކަން ކުރެއްވި ރައީސް ނަޝީދު ދެވަނަ ފަހަރަށްވެސް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްކުރައްވަނީއެވެ.

އެހެންވީއިރު ވެރިކަމުގެ ލައްޒަތާއި ޖާހަތާއި އާރާއި ބާރު ބޭނުންފުޅު ނުވާ ވެރިއެއް ކޮބައިތޯއެވެ. ކެމްޕެއިންގައި އަޑަށް ބާރުލައްވާފައި ކޮންމެ ބޭފުޅަކުވެސް ބޭނުންފުޅުވަނީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށްކަމަށާއި ކޮށްދެއްވީ މިކަންކަމާއި ދެންވެސް ވެރިކަން ބޭނުންފުޅުވަނީ މިވެނި ކަމެއް ކުރައްވަންކަމަށް ވިދާޅުވަނީއެވެ. ނަމަވެސް ވާދަކުރައްވާ އަނެއް ކެންޑިޑޭޓް އުޅުއްވަނީ ވެރިކަން ބޭނުންފުޅުވެގެން ކަމަށް ދައްކަވަނީއެވެ. އެއީ ހަމައެކަނި ވެރިކަން ބޭނުންވެގެން އުޅޭ ބޭފުޅެއްގެ ގޮތުގައި ރައްޔިތުން ގާތު ވިދާޅުވިއަސް ހަގީގަތުގައި ހުރިހާ ވެރިންނަށްވެސް ކުރެއްވެނީ އެއް ކަމެކެވެ. ހަމަ ކްރެޑިޓް ނަގާ ހިތްވަނީއެވެ. ރައްޔިތުންނަށް ކޮށްދެވިފައިވާ ކަންކަމުގެ ވާހަކަ ނުދައްކާ އެކަމުގެ ކްރެޑިޓް ނުނަގާ އެހެން ދައުރެއް ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް އަދި ދުނިޔޭގައި އޮތް ހެން ހިޔެއް ނުވެއެވެ.

- ކޮމެންޓް