ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 12:15
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖެއެމްވީ
ރާއްޖޭގެ އިޤްތިސާދު
މުޅި މި ސަރަހައްދުގައިވެސް 2023ގައި އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ ގައުމަކީ ދިވެހިރާއްޖެ
ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ފޯކާސްޓް ވަނީ %8.2 އަށް ލަފާކޮށްފައި
2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައި

މުޅި މި ސަރަހައްދުގައިވެސް 2023ގައި އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ ގައުމަކީ ދިވެހިރާއްޖެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ވޯލްޑް ބޭންކުގެ "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް" ރިޕޯޓަށް އަލިއަޅުވާލައްވައެވެ.

ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި ވަނީ %7.6 އިން %12.4 އަށް މަތިކޮށްފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުން އައި މަތިވުމެކެވެ.

އަދި 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ފޯކާސްޓް ވަނީ %8.2 އަށް ލަފާކޮށްފައެވެ. އެގޮތުން މިއަންދާޒާތަކަކީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އަންދާޒާތަކަށް ވުރެވެސް މަތީ އަދަދެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މުޅި މި ސަރަހައްދުގައިވެސް 2023ގައި އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ ގައުމަކީ ދިވެހިރާއްޖެކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ 4 އަހަރަކީ ދުނިޔޭގެ ތާރީހުގައިވެސް ދިމާނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުން ގެންދެވުނު 4 އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު, ކޮވިޑުންވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިޤްތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަމަށެވެ.

އަދި 2020 ވަނައަހަރު ކޮވިޑާއެކު ސަރުކާރުން ކުރިމަތިލީ މިއަދު މިތިބި ހާލަތަށްވުރެ މާ ދަތި ، ގޮންޖެހުންތައް ބޮޑު ހާލަތަކާއެކު ކަމަށާއި، ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މާލިމީކަމުގައި އެ ދަތިން ވެސް އަރައިގަނެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެޓީވިއަށް މިނިސްޓަރު ދެއްވި އިންޓަރވިއުއެއްގައި މީގެ ކުރިން ވިދާޅުވެފައިވަނީ ދަތިތަކާއެކު ވެސް، ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވާ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ވެސް ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑުތަކުން ކުރީގައި ހުރުމަކީ ސަރުކާރުން ހާސިލްކުރި ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަދި މި ދިމާވި ދަތިތަކާ އެއްކޮށްވެސް ސަރުކާރަށް ކުރެވުނު ކަންތައްތައް އަދި އެ ދަތިތަކުން އަރައިގަނެ ހަމަމަގަށް އެޅުވި އިގްތިސާދު ކުރިއަރައިދާކަމީ އެންމެ ބޮޑު ކާމިޔާބީ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް